ޣައްޒާއަށް ފޮނުވި ކޮވިޑް-19 ވެކްސިން އިސްރާއީލުން ހިފަހައްޓައިފި

ހުޅަނގު އައްސޭރީގައި ކޮވިޑް-19 ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިއަށް ދަނީ

އިސްރާއީލުން ޣައިރު ގާނޫނީ ލާއިންސާނީ ގޮތުގައި ހިސާރުކޮށްފައިވާ ޣައްޒާއަށް ފަލަސްޠީނު ސަރުކާރުން ފޮނުވި ކޮވިޑް-19 ވެކްސިން އިސްރާއީލުން ހިފަހައްޓައިފިއެެވެ.

ފަލަސްޠީނުގެ ހެލްތު މިނިސްޓަރު މައްޔު އަލްކައިލާ ވިދާޅުވި ގޮތުގައި  އެއީ ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް އިސް ސަފުގައި މަސައްކަތްކުރާ މީހުންނަށް ދިނުމަށް ފޮނުވި ވެކްސިންއެވެ.

"ރަޝިޔާގެ ސްޕަޓްނިކް-ވީ ވެކްސިންގެ 2000 ޑޯޒް މިއަދު (ހޯމަ ދުވަހު) ޣައްޒާއަށް ފޮނުވިން. އެހެންނަމަވެސް (ފަލަސްޠީނުގެ ބިންތައް) ހިފައިގެން ތިބި ބާރުތަކުން (އިސްްރާއީލުން) ވަނީ އެ ވެކްސިން ޣައްޒާއަށް ވެއްދުން މަނާކޮށްފައި. އެއީ ކޮވިޑް-19 ގެ ބަލިމީހުންނަށް ޚާއްސަ އިންޓެންސިވް ކެއާ ޔުނިޓް ތަކުގައި (އައިސީޔޫގައި) މަސައްކަތްކުރާ ސިއްހީ ޓީމުތަކަށާއި، އެމަޖެންސީ ޔުނިޓުތަކުގައި މަސައްކަތްކުރާ ޓީމުތަކަށް ފޮނުވި ވެކްސިން." ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

"ބައިނަލް އަގުވާމީ ހުރިހާ ހަމަތަކާއި، ގާނޫނުތަކާއި ޚިލާފަށް އެޅި މި އަނިޔާވެރި ފިޔަވަޅުގެ ސަަބަބުން ދިމާވާ ކަންކަމުގެ ޒިންމާ (އިސްރާއީލުން) އުފުލަން ޖެހޭނެ." އޭނާ އިތުރަށް ވިދާާޅުވިއެވެ.

ހެލްތު މިނިސްޓްރީން ކުރި ޓުވީޓެއްގައި ވާގޮތުން ފަލަސްޠީނު ސަރުކާރުން ދަނީ ޣައްޒާއަށް ވެކްސިން ވެއްދޭނެ ގޮތެއް ހޯދުމަށް ބައިނަލްއަގުވާމީ ފަރާތްތަކާއި މަޝްވަރާކުރަމުންނެވެ.

އިއްޔެ ފޮނުވި ވެކްސިންގެ ޑޯޒްތަކަކީ ފާއިތުވި 14 އަހަރު އިސްރާއީލުގެ ހިސާރުގެ ދަށުގައި އޮތުމުގެ ސަބަބުން ޒަރޫރީ ބޭސްތައްވެސް ލިބުން ދަތިވެފައިވާ ޣައްޒާ ފޮނުވި ފުރަތަމަ ވެކްސިންއެވެ.

ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު އިޝްތިއްޔާ އިއްޔެ ވިދާޅުވި ގޮތުގައި، ފަލަސްޠީނަށް ވެކްސިން ލިބުން ލަސްވުމުގެ ސަބަބުން ވެކްސިން ޕްރޮގްރާމް ފެށުން ލަސްވެގެން ދިޔަ ނަަމަވެސް، އިސް ސަފުގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިންނަށް ވެކްސިން ޖަަަހައި ނިންމުމަށް ފަހު، އާއްމުންނަށް ޖަހާނެ ގޮތުގެ ތަފްސީލު ވަރަަށް އަވަަހަށް އިއުލާންކުރާނެއެވެ.

ފަލަސްޠީނަށް ވެސް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އަސަރު ބޮޑަށް ކޮށްފައިވާއިރު އިއްޔެއާ ހަމައަށް ފަލަސްޠީނު 1 ލައްކަ 90 ހާސް މީހުންނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 2133 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭން ޣައްޒާގައި 53 ހާސް މީހުން ޕޮޒިޓިވްވެފައި ވާއިރު، 537 މީހުން ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.