ލީބިޔާގެ އާ ރައީސު ދެބަސްވުންތައް ނައްތާލުމުގެ މަސައްކަތުގައި

ލީބިޔާގެ ރިޔާސީ މަޖިލީހުގެ ރައީސު މުޙައްމަދު ޔޫނުސު އަލްމަންފީ

މުޢައްމަރުލް ޤައްޒާފީގެ ވެރިކަން 2011 ވަނަ އަހަރު ނިމުމަކަށް އައިފަހުން، ބައިބައިވުން އުފެދި ވަކި ދެ ސަރުކާރަކުން ވެރިކަން ކުރަމުންދާ ލީބިޔާގައި، އދ. ގެ ބެލުމުގެ ދަށުން ކުރިއަށްދާ ސުލްހައިގެ މަސައްކަތުގައި އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައި ވާއިރު، އަލަށް ހޮވިވަޑައިގަތް ރައީސު ވަނީ ދެބަސްވުންތައް ނައްތާލުމުގެ މަސައްކަތްޕުޅު ފަށްޓަވައިފިއެވެ.

ލީބިޔާގައި ވެރިކަން ހިންގުމަށް އަލަށް ހޮވުނު ރިޔާސީ މަޖިލީހުގެ ރައީސު މުޙައްމަދު ޔޫނުސު އަލްމަންފީ ވަނީ އިއްޔެ، އިރުމަތީގައި ގާއިމުކުރެވިފައިވާ ސަރުކާރުގެ ވެރިޔާ، އަދި ލީބިޔާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސު ޢަޤީލާ ޞާލިޙުއާ ބައްދަލުކުރައްވާފައެވެ. އަލްމަންފީ ވަނީ އާ ސަރުކާރެއް އެކެލަވާލުމާ ގުޅޭ މަޝްވަރާތައް ޢަޤީލާއާއެކު ކުރައްވާފައެވެ.

ރައީސުކަމުގެ މަގާމަށް ހޮވިވަޑައިގަތް އިރު ލީބިޔާއިން ގްރީސްއަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމުގައި ހުންނެވި އަލްމަންފީ ގައުމަށް ވަޑައިގެން ރައީސުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަވެސް ފަށްޓަވާފައި ވަނީ ބައިބައިވުންތައް ނައްތާލުމުގެ މަސައްކަތެވެ.

ފާއިތުވި ހަފުތާގައި ރައީސު އަލްމަންފީ ވަނީ ބެންޣާޒީއަށް ވަޑައިގެން ލީބިޔާގެ ހަނގުރާމަވެރި ލީޑަރު ފީލްޑް މާޝަލް (ރިޓަޔާޑް) ޚަލީފާ ޙަފްތަރާ ބައްދަލުކުރައްވާފައެވެ. އަދި އޭނާވަނީ ލީބިޔާގެ ސަރުކާރުގެ ސިފައިންނާ ގުޅުމަށް ދައުވަތުދެއްވާފައެވެ. ޚަބަރުތައް ބުނާ ގޮތުގައި ޙަފްތަރު ވަނީ އަލަށް ގާއިމުކުރެވޭ އެއްބައިވަންތަކަމުގެ ސަރުކާރަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

އދ. ގެ ކަންކޮޅުތަކުން ހޮވާލެވުނު 75 މަންދޫބުގެ މެދުގައި ލީ ވޯޓުން ބޮޑުވަޒީރުކަމަށް ހޮވިވަޑައިގަތް ޢަބްދުލްޙަމީދު އައްދުބައިބާ ގެންދަވަނީ އާ ސަރުކާރެއް އެކުލަވާލުމުގެ މަސައަކްތްޕުޅު ކުރައްވަމުންނެވެ. ސަރުކާރެއް އެކުލަވާލުމަށް އޭނާއަށް ލިބިވަޑައިގެންފައި ވަނީ 3 ހަފުތާގެ މުއްދަތެވެ. ޢަޤީލާ ޞާލުޙުއާއެކު ބޭއްވެވި ބައްދަލުވުމުގައ ރައީސު އަލްމަންފީ ވަނީ ގާނޫނުހަދާ މަޖިލީހުން އާ ސަރުކާރަށް އިތުބާރު އޮތްކަމަށް ފާސްކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ލީބިޔާގައި ފާއިތުވި 10 ވަރަކަށް އަހަރު ހިނގަމުން އައި ދާޚިލީ ހަމަނުޖެހުމުގެ ތެރެއަށް ބައެއް ގައުމުތަކުން ވަދެ ހަތިޔާރާއި ހަނގުރާމަވެރިންގެ އެހީ އެބަޔަކު ތާއީދުކުރާ ފަރާތަކަށް ދިނުމުގެ ސަބަބުން ލީބިޔާގެ މައްސަލައޮތީ ގައުމު ރަސްމީކޮށް ދެބައިވާ ހިސާބަށް ގޮސްފައެވެ.

އދ.ން ކުރި ބުރަ މަސައްކަތުން ސުލްހައިގެ އުއްމީދެއް ލިބިފައި ވާއިރު، މި ފަހަރު ގާއިމުކުރެވޭ އެއްބައިވަންތަކަމުގެ ސަރުކާރު ފޭލްވެއްޖެނަމަ ލީބިޔާގެ މުސްތަގުބަލު ބަނަކަމެއްގެ ތެރެއަށް ވެއްޓޭނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.