އީރާނުގެ ނިއުކުލިޔާ ސައިންސުވެރިޔާ އަވަހާރަކޮށްލާފައި ވަނީ 1 ޓަނުގެ އޮޓޮމެޓިކް ބަޑިއަކުން: ޖުވިޝް ކްރޮނިކަލް

މުޙްސިން ފަޚްރީޒާދާގެ ޖަނާޒާގެ ތެރެއިން

ފާއިތުވި ނޮވެންބަރު މަހުގައި ތެހެރާނުގައި އަވަހާރަކޮށްލެވުނު އީރާނު ނިއުކުލިޔާ ސައިންސުވެރިޔާ މުޙްސިން ފަޚްރީޒާދާ އަވަހާރަކޮށްލާފައި ވަނީ އިސްރާއީލުގެ ޖާސޫސީ އިދާރާ މޯސާދުން އީރާނަށް ވަގަށް އެތެރެކުރި 1 ޓަނުގެ އޮޓޮމެޓިކް ބަޑިއަކުން ކަމުގައި އިނގިރޭސިވިލާތުގައި ނެރޭ ޔަހޫދީ ނޫހަކުން ބުނެފިއެެެވެ.

އެ ނޫހުން ބުނެފައިވާ ގޮތުގައި އެބަޑި އީރާނަށް އެތެރެކޮށްފައި ވަނީ ބައިބައި ވަކިންނެވެ. އަދި ފަޚްރީޒާދާ އަވަހާރަކޮށްލި އޮފަރޭޝަންގައި އީރާނުގެ ބައެއް މީހުންގެ އެހީތެރިކަމާއެކު، މޯސާދުގެ 20 އެޖެންޓުން ހަރަކާތްތެރިވެފައި ވެއެވެ. އަދި މިހަމަލާ ދެވުނީ އަށް މަސްދުވަހަށް ވުރެ ގިނަ ދުވަހަށް އޭނާއަށް ފާރަަލައި، އޭނާގެ ހަރަކާތްތައް ދިރާސާކުރުމަށް ފަހުގައެވެ.

ޖުވިޝް ކްރޮނިކްލްގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ "އެކްސްކްލޫސިވް" ރިޕޯޓުގައި ވާގޮތުން ފަޚްރީޒާދާ ވަކިވެ ދިއުމުން އީރާނަށް ލިބުނު އުނިކަން ފޫބައްދަން 6 އަހަރު ނަގާނެ ކަމަށް އީރާނު ލަފާކޮށްފައި ވެއެވެ. އަދި އިސްރާއީލުން އަންދާޒާކުރާ ގޮތުގައި ފަޚްރީޒާދާ އަވަހާރަވުމުން އީރާނަށް ނިއުކުލިޔާ ހަތިޔާރެއް އުފެއްދޭ ދުވަސް 3 އަހަަރަށް ފަހަތަށް ޖެހިގެން ދާނެއެެވެ.

"އީރާނުގެ ނިއުކުލިޔާ ބޮމުގެ ބައްޕަ" ގެ ނަމުން މަޝްހޫރުވެވަޑައިގެންފައިވާ، އުމުރުފުޅުން 59 އަހަރުގެ، މުޙްސިން ފަޚްރީޒާދާ އަވަހާރަކޮށްލާފައި ވަނީ ފާއިތުވި އަހަރުގެ ނޮވެންބަރު މަހުގެ 27 ވަނަ ދުވަހު އީރާނުގެ ވެރިރަށް ތެހެރާނު ކައިރީގައި އޮންނަ އަޕްސަރްދް އަވަށުގައި އޭނާގެ އަނބިކަނބަލުންނާ ހަށިފާރަވެރިންނާއެކު ކާރުކޮޅުގައި ވަޑައިގަންނަވަނިކޮށެވެ.

އެ ނޫހަށް މައުލޫމާތު ދިން މަސްދަރެއް ހާމަނުކޮށް، ދުނިޔޭގައި ނުކުންނަ އެންމެ ދުވަސްވީ ޔަހޫދީ ނޫހުން ބުނެފައިވާ ގޮތުގައި ފަޚްރީޒާދާ އަވަހާރަކޮށްލަން ބޭނުންކުރި އެއް ޓަނުގެ ބަޑި ހަރުކޮށްފައި ހުރީ ނިސާން ޕިކަޕެއްގައެވެ. އަދި އެ ބަޑި އެހާ ބަރީ އެއާއެކު ހަރުކޮށްފައި ހުރި ބޮމުގެ ސަބަބުންނެވެ. ރިމޯޓު ބޭނުންކޮށް ދިން ހަަމަަލާއަށް ފަހު އެ ބޮން ގަޮއްވާލައި، ހަަމަލާގެ ހެކިތައް ވަނީ ނައްތާލައިފައެވެ.

އިސްރާއީލުގެ ބައެއް ނޫސްތަކުން މައުލޫމާތުދީފައި ވާގޮތުގައި ފަޚްރީޒާދާ އަވަހާރަކޮށްުލުމުގެ އޮޕަރޭޝަން ކާމިޔާބުވީ އީރާނުގެ ޖާސޫސީ އިދާރާތަކުން އިދިކޮޅު ލީޑަރުންގެ ހަރަކާތްތަކަށް ފާރަލުމުގައި މަޝްޣޫލުވެގެން ތިބީމައެވެ. އަދި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކުރީގެ ނޭޝަަަނަލް ސެކިއުރިޓީ އެޑްވައިޒަކާ ހަވާލާދީ އެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، "ހީރޯޝީމާއަށް އެޅި ނިއުކުލިޔާ ބޮމަށްވުރެ ފަސްގުނަ ބާރުގަދަ ފަނާކުރަނިވި ހަމަލާދިނުމުގެ ކުޅަދާނަކަން ލިބިގެންވާ ނިއުލިޔާ ބޯތަކެއް އުފެއްދުމުގެ މަސައްކަތް ފަޚްރީޒާދާ ގެންދެވީ ކުރައްވަމުންނެވެ."  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.