އައްޑޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށްފި

އައްޑު އަތޮޅުގައި ހަލުވިކަމާއެކު ކޯވިޑް-19 އާލަމީ ވަބާ ފެތުރެމުން ދާތީ މިސްކިތްތަކުިގައި ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށްފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ލޯކަލް ގަވަމަންޓް އޮތޯރިޓިއަށާއި އައްޑޫ ސިޓީ ކައުންސިލަށް ފޮނުއްވާފައިވާ ޚާއްސަ އެންގެވުމެއްގައި ވާ ގޮތުގައި 9 ފެބްރުއަރީ 2021 ވާ އަންގާރަ ދުވަހުގެ ފަތިސް ނަމާދުން ފެށިގެން 17 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް އައްޑޫގެ އެއްވެސް މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރުމަކީ މަނާ ކަމެކެވެ. މި އެންގެވުމުގައި ވަނީ ކޮންމެ ނަމާދަކަށް ބަންގި ގޮވާށާއި ބަންގީގެ ފަހުން، ގޭގައި ތިބެގެން ނަމާދު ކުރުމަށް ގޮވަންވެސް އަންގަވައިފައެވެ.

ޖަމާއަތް ހެދުން މަނާ ކުރި ނަމަވެސް މިސްކިތަށް އަރައި ވަކިވަކިން ނަމާދު ކުރުން މަނާ ކަމަކަށް އެންގެވުމަކު ނެތެވެ. އެހެންނަމަވެސް ގޭގައި ތިބެގެން ނަމާދު ކުރަން ގޮވާށޭ އަންގަވައިފައި ވުމާއެކު މިސްކިތުގައި ނަމާދު ކުރުން މުޅީން މަނާ ކަމުގައި ބެލުމުގެ ޖާގަ އެބައޮތެވެ.

އައްޑޫ ސިޓީ ކައުންސިލުން މިހާރު ވަނީ ގޭގެއަށް ދިއުމާއި ކުޅިވަރު ކުޅެން އެއްވެ އުޅުމާއި ޕާޓީފަދަ ހަފުލާތައް ބޭއްވުންވެސް މަނާކޮށްފައެވެ.

އައްޑޫގައި މިހާރު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ތިބީ 49 މީހުންނެވެ. ގޭގައި ކަރަންޓީނު ކޮށްފައި ހުރީ އެންމެ މީހެކެވެ. އެއްވެސް މީހަކު އަދި ހަސްފަތާލުގައި ނުބާއްވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.