ފެބުރުއަރީ އަށްވަނަ ދުވަހުގެ "ބޮޑުހުޅަކީ"  އެމްޑީޕީ ބޮލުގައި އަޅުވަން ބަޔަކު ރާވައިގެން ކުރުވި ކަމެއް- މެންބަރު ނިހާދު 

ފެބުރުއަރީ އަށްވަނަ ދުވަހުގެ "ބޮޑުހުޅަކީ"  އެމްޑީޕީ ބޮލުގައި އަޅުވަން ބަޔަކު ރާވައިގެން ކުރުވި ކަމެއްކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ. އޭނާ މިމޭރުމުން ވާހަކަ ދެއްކެވީ މާލޭގެ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލައި މިއަދު މަޖިލީހަށް ހުށަހެޅި ކުއްލިމައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެމައްސަލަ އަކީވެސް ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމަށް އެފަދަ ގޮތަކަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލަ އެއްކަމަށެވެ. 

ފެބުރުއަރީ އަށެއްގައި ރާއްޖޭގެ ކޯޓްތަކާއި ޕޮލިސްޓޭޝަން ތަކުގައި ބަޔަކު ލައްވައި ގަސްތުގައި ހުޅުޖެއްސުވީ ސިޔާސީ މަޤްޞަދެއް ޙާޞިލްކޮށް އެމްޑީޕީ ބޮލުގައި އެބަދުނާމު އެޅުވުމަށް ކަމަށް މެންބަރު ނިހާދު ވިދާޅުވިއެވެ. އެމައްސަލައިގައި އެމްޑީޕީގެ  އާއްމު މެމްބަރުންގެ އެތައްހާސް ބަޔަކަށް ޓެރެރިޒަމަގެ ދައުވާކޮށް އަނިޔާކޮށްފައިވައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެފަދަ ބަޔަކު ސިޔާސީ ގޮތުން މަންފާއެއް ހޯދުމަށް އޮޅުވާލައިގެން ކުއްލި މައްސަލައެއް ވެއްދީ ކަމަށް މެންބަރު ނިހާދު ތުހުމަތު ކުރެއްވިއެވެ.  

2012 ވަނަ އަހަރުގެ ފެބުރުަރީ ހަތެއްގައި ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް 24 ގަޑި އިރުވެސް ނުވަނީސް އެމްޑީޕީގެ ޤައުމީ މަޖިލީހުން ނިންމީ ވެރިކަން އަލުން ހޯދުމަށް މަގުމައްޗަށް ނުކުތުމަށެވެ. މި ނިންމުމާ ގުޅިގެން އެމްޑީޕީގެ ލީޑަރޝިޕާއި ސަޕޯޓަރުން މާލޭގެ މަގުތަކަށް ނުކުމެ ކުރި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގާދިޔަ ހަމަ ނުޖެހުން ތަކުގައި އެމްޑީޕީގެ ލީޑަރޝިޕުގެ އިސްބޭފުޅުނާއި އާންމު މެމްބަރުންނަށް ވެސް ވަރަށް ބޮޑެތި އަނިޔާ ލިބިގެން ދިޔައެވެ. މިކަމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ޕާޓީގެ ޖޯޝްގައި ޖެހި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފުލުހުންގެ މަރުކަޒުތަކާއި ކޯޓުތަކުގައި ހުޅުޖެހުމެވެ. މިކަމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ އައްޑޫ ސިޓީއަށެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.