އިންޑިޔާގައި ފަރުބަދައެއްގެ މަތިން ގަނޑުފެން ކަނޑައިގެން ފޭބުމުގެ ސަބަބުން 19 މީހުން މަރުވެ 150 މީހުން ގެއްލިއްޖެ

ގަނޑުފެން ކަނޑައިގެން ފޭބި ސަރަހައްދު

އިންޑިޔާގެ އުއްތަރާކަންޑް ސްޓޭޓްގައި ފަރުބަދަ މަތިން ބޮޑު ގަނޑުފެންގަނޑެއް ފަޅައިގެން ގޮސް ފޭބުމުގެ ސަބަބުން ފޭބި ފެނުގައި ޣަރަގުވެ 19 މީހުން މަރުވެ 150 މީހުން ގެއްލިއްޖެއެވެ.

މި ހާދިސާ ދިމާވީ ނަންދާ މަތީގައި އަބަދުވެސް ގަނޑުފެން ހިފާފައި ހުންނަ ނަންދާ ދޭވީ ފަރުބަަދައިގެ މަތިން ގަނޑުންފެން ގަނޑެއް ފަޅައިގެންގޮސް ފޭބި ސައިލުގެ ސަބަބުންނެވެ.

ފަރުބަދައިގެ އަރިމަތިން ނަގާފައިވާ ވީޑިއޯއެއް އޮފިޝަލުން ވަނީ އާއްމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ފެނުގައި ބޮޑު ސައިލެއް ފަރުބަދަ މަތިން ފައިބައިގެން އައިސް ފަރުބަދަ ކައިރީގައި ހަދާފައިހުރި ޑޭމް ހަލާކުވެއެވެ. އަދި ފެންގަނޑު މުޅި ސަރަހައްދުގައި ފެންބޮޑުވެއެވެ.

"އެ (ސައިލު) އައީ ވަރަށް ބާރަށް. އެއްވެސް މީހަކަށް އަންގާނެ ވަގުތެއް ވެސް ނުލިބުނު." ފަރުބަދަ ކައިރީގައި އޮންނަ ރައިނާ އަވަށުގައި ދިރިއުޅޭ ސަންޖޭ ސިންްގް ރާނާ ބުންޏެވެ.

މީހުން ސަލާމަތްކުރުމަށް ކުރިއަށްދާ މަސައްކަތުގެ މައުލޫމާތު ދެއްވަމުން އުއްތަރާކަންޑްގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް ވިދާޅުވި ގޮތުގައި މިއަދު ހެނދުނާ ހަމައަށް 153 މީހުން ގެއްލިފައިވާކަން ވަނީ ޔަގީންވެފައެވެ. އިންޑޯ-ޓިބެޓަން ބޯޑާ ޕޮލިސްްއާ ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސްއާ ގުޅިގެން ހަލާކުވި ޑޭމް ކައިރީގައިވާ ދެ ޓަނެލްގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިހާދިސާގައި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 14 ލައްކަ ރުޕީސް (2 ލައްކަ 95 ހާސް ދިވެހި ރުފިޔާ) ދިނުމަށް އުއްތަރާކަންޑް ސްޓޭޓްގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ފަރުބަދަ މަތިން ބޮޑު ގަނޑުފެންގަނޑެއް ކަނޑައިގެން ފައިބާފައި ވަނީ ރިޝީގަންގާ ޕަވާ ޕްރޮޖެކްްްޓާ ދިމާއަށް ހުންނަ ނަންދީ ދޭވީ ފަރުބަދައިގެ ޗަމޭލީ ޑިސްޓްރިކްޓާ ވީ ފަރާތުންނެވެ. އަދި ގަނޑުފެންގަނޑު ފައިބައިގަތުމާއެކު އުފެދުނު ސައިލުގައި ރިޝީގަންގާ ޑޭމް ފަޅައިގެން ދިޔައީއެވެ.

މި ހާދިސާގައި މުޅިންހެން ގެއްލިފައި ވަނީ ޕްރޮޖެކްޓްގައި މަސައްކަތްކުރަމުން ދިޔަ މީހުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.