ޒުވާނުން ހަލާކުުކޮށް މަގުފުރެއްދުމަށް، އެމްޑީޕީއަށް ލިބިފައިވާ ބާރުގެ ބޭނުން ނުކުރުމަށް ގޮވާލައިފި

ޒުވާނުން ހަލާކުުކޮށް މަގުފުރެއްދުމަށް، އެމްޑީޕީއަށް މަޖިލީހުގެ ތެރެއިން ލިބިފައިވާ ބާރުގެ ބޭނުން ނުކުރުމަށް އެމްޑިިޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގުދާއިރާގެ މެންބަރު ޙަސަންލަތީފަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ގޮވާލައްވައިފިއެވެ. 

އޭނާމިކަމަށް ގޮވާލެއްވީ އެމްޑިިޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގުދާއިރާގެ މެންބަރު ޙަސަންލަތީފު މަޖިލީހަށް ހުށަހެޅުއްވި ހާސްކަމުންބޭރުގައި އުފާކޮށް، މަޖާކުރުމަށް ގޮވާލާ ޤަރާރު ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. މި ގަރާރަކީ ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހަލައި، އެކުވެރިކަން ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނސަމާސަކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅައިފައިވާ ގަރާރެކެވެ.

މި ޤަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ނަޝީދު ވިދާޅުވީ މި ޤަރާރުގެ ސަބަބުން އެމްޑީއެންނާއި އުތެމައިން މިނިވަންކަން ނެތޭކިޔައިގެން ނެރެފައިވާ ރިޕޯރޓްތައް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ތަންފީޒު ކުރުމުގެ މަސައްކަތް  ފެށިގެންދާކަމަށް  ފާހަގަ ކުރެވޭކަމަށެވެ. މިޔުޒިކަކީ ރާއްޖޭގެ 90 އަށްވުރެ ގިނަ ޢިލްމުވެރިން ޚިލާފު އުފެދިފައިވާ ކަމެއްކަމަށް ފާހަގަ ކުރައްވިއެވެ.  އެފަދަކަމެއް ހުއްދަކުރުމަށް މިއަދަކީ ވަރަށް މުނާސަބު ދުވަހެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ މިއަދަކީ އެމްޑީޕީން މުޅި ރާއްޖޭގައި ހުޅުޖަހައި 200 މިލިއަނެއްހާ ރުފިޔާގެ މުދަލަށް ގެއްލުން ދިން ދުވަސް ކަމަށެވެ. މިފަދަ ޤަރާރެއް ހުށަހަޅައިފައި ވަނީ ޤައުމު ހަލާކުކޮށް ޤައުމު ފަސާދަކުރުމަށް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑަށް ހީވަނީ ސަލްމާން މިސްކިތައް ހުއްދަ ނުދީ ވެސް މީނީ މިކަންކުރަން ހުއްދަ ދޭންކަން ނޭނގެ. ތެޔޮބިޑި ބޮއެ، ރާބޮއެ މަޖާކުރާތަނެއް އެތާ ހަދަންކަންނޭގެ، މިސްކިތެއްގެ ގޮތުގައި އެތަން ބޭނުންނުކޮށް ބަހައް ޓައިފައި ހުރީ، އެ އުސުލުން މިކަން ކޮށް ޒުވާނުން ހަލާކުކޮށް ޒުވާނުން މަގުފުރެއްދުމަށް ހުށަހަޅައިގެން އުޅޭ ޤަރާރެއްކަމަށް ބޮޑަށް މިޤަރާރު ފާހަގަ ކުރެވެނީ. ބޯހާސްވެއްޖިއްޔާ ހާސްކަން ފިލުވާލުމަށް ދާނެ ތަންތަން މިއަދުވެސް މާލޭގައި މަދެއް ނުވާނެ. 28 ވަރަކަށް މިސްކިތް އެބަހުރި މާލޭގައި، ބަރާބަރަށް ދަރުސްތައް އެމިސްކިތްތަކުގައި ދެމުންދަނީ، އެހެންވެއްޖިއްޔާ އެދަރުސްތައް އަޑުއަހަައިގެން ޒުވާނުންގެ ހާސްކަން ފިލާނެކަންނޭނގެ. ލަވަޔާއި މިޔުޒިކަކީ އިންސާނާގެ ސިކުނޑި ހަމަޖެހޭ ކަމެއް ނޫން. އެއްވެސް ފޮތެއްގައި އެއްވެސް ޢިލްމުވެރިއަކު މިހާތަނަށް ފާހަގަ ކޮށްފައެއް ނުވޭ ލަވަޔާއި މިޔުޒިކުން އިންސާނާގެ ސިކުޑި ހަމަޖެހޭކަމަކަމަށް. މަސްތީ ދުނިޔޭގައި އިންސާނާގެ ސިކުޑި ހަމަޖެހޭކަމަކަށް." މެންބަަރު ނަޝީދު ވިދާޅުވިއެވެ. 

މެންބަރު ޙަސަން ހުށަހެޅުއްވި ޤަރަރަކީ، ލާދިނީ ފިކުރުގެ ތެރެއިން އަދި އަނދިރި ދައުލަތެއްގެ ތެރެއިން ދިވެހި ޒުވާނުން މިއަދަށް ވުރެ ބޮޑަށް މަގު ފުރައްދާ  އެޒުވާނުންނަކީ ބޭކާރު ބައެއްގެ ގޮތުގައި ދައުލަތަށް ބަރޯސާވާ ބައެއްގެ ގޮތުގައި ހަލާކުކުރުމަށް ހުށަހަޅައިފައިވާ ޤަރާރެއްކަމަށް ވެސް އޭނާ ތުޙުމަތު ކުރެއްވިއެވެ. އަދި މި ޤަރާރު ފާހަގަ ކުރެވެނީ އަބަދާބަދު މަސްތީ ދުނުޔެއެއްގައި އުޅޭގޮތަށް ހުށަހަޅައިފައިވާ ޤަރާރެއްކަމަށް ވެސް ތުޙުމަތު ކުރެއްވިއެވެ.  

"ހަޤިޤަތުގައި އެމްޑީޕީ އަކީ ޒުވާނުން ހަލާކުކުރުމަށް މަސައްކަތް ކުރާ ބައެއް. ފެށުނީއްސުރެ ބިރަކާ ނުލައި މަޖާކުރުމަށް ގޮވާލާބައެއް." އޭނާ ވިދާޅުވިއެވެ. 

 ހިކި މަސްތުވާ ތަކެތި ހުއްޓާލައި ދިޔާ މަސްތުވާތެކެތިން ބޭނުންކުރުމަށް އެމްޑީޕީގެ ރައީސް ގޮވާލެއްވި ކަމަށް ވެސް ތުޙުމަތު ކުރެއްވިއެވެ. މިމޭރުމުން މެންބަރު ނަޝީދު ވާހަކަ ދެއްކެވިއިރު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް  މަޖިލީހިގެ އެއްވެސް މެންބަރަކުވެސް އަދި ރިޔާސަތުންވެސް އެވާހަކަތައް ނުހުއްޓުވައެވެ. 

މެންބަރު ނަޝީދާއި އެނޫންވެސް އިދިކޮޅު މެންބަރުން މިޤަރާރަށް  ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ވީނަމަވެސް އެމްޑީޕީގެ މެންބަރުން ވަނީ ޤަރާރަށް ތާއީދުކޮށް އެފަދަ މަރުކަޒެއް މާލެފަދަ، ގިނަޒުވާނުންން ދިރިއުޅޭ ތަނަކަށް މިހާރުން މިހާރަށް ވެސް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. 

ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު އީވާ ޢަބްދުﷲ ވުދާޅުވީ، ޤައުމެއްގެ ރޫޙު ގެނެސްދޭ އެއްޗަކީ ޤައުމެއްގެ އާދަކާދައާއި ސަގާފަތްކަމަށެވެ. އެސަގާފަތާއި އަދަކާދައިގެ ތެރޭގައި މިޔުޒިކާއި ޅެމާއި ވާހަކަ އާއި ތަމްސީލު ހިމެނޭކަމަށެވެ. މިތަކެއްޗާ ނުލައި ޤައުމެއްގެ ސަގާފަތާއި ތަރިކައާއި ރޫޙެއް ވެސް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ. މުޅި ދުނިޔެ އުޖާލާ ކޮށް އިންސާނާ އުޖާލާ ކޮށްލަން ގެންގުޅޭ އެއްޗަކީ މިޔުޒިކްކަން ފާހަގަ ކުރެއްވިއެވެ. މިޔުޒިކަކީ ދުނިޔެއުޖާލާ ކުރުމުގެ އިތުރުން ދުނިޔެ އިންގިލާބުވެސް ކޮށްލާއެއްޗެއްކަމަށް ވިދާޅުވިއެވެ. އިސްލާމީ ތާރީހުގައި އިސްލާމްދީނާއި އިސްލާމީ ދައުލަތްތަކަށް ލޯބިޖެހިގެން ދިޔަ އެއްޗަކަށް އިސްލާމީ މިޔުޒިކް ވެގެންގޮސްފައިވާކަމަށް ވެސް ވިދާޅުވިއެވެ. 

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.