މާދަމާގެ ޖަލްސާއަށް މިނިވަން ތިން މުއައްސަސާއަކަށް މެމްބަރުން އައްޔަންކުރުމުގެ މައްސަލަ

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދެވަނަ ޖަލްސާއަށް މިނިވަން ތިން މުއައްސަސާއަކަށް މެމްބަރުން އައްޔަންކުރުމުގެ މައްސަލަ އެޖެންޑާކޮށްފިއެވެ. 

މާދަމާގެ ޖަލްސާއަށް ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި އެޖެންޑާކޮށްފައިވާ އެއްމައްސަލައަކީ އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް، އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.  އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެމައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަވެސް ވަނީ އެޖެންޑާ ކޮށްފައެވެ.  މީގެ އިތުރުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރަކު އައްޔަން ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން ހިމެނެއެވެ. 

މާދަމާގެ ޖަލްސާގައި އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވުމަށް އެޖެންޑާ ކޮށްފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވައިފައިވާ، މާލޭގައި ޒުވާނުންނަށް މަޖާކޮށްލާ އުޅެވޭނެ މަރުކަޒެއް ގާއިމުކުރުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ޤގަރާރަށެވެ.  މި ގަރާރަކީ ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހަލައި، އެކުވެރިކަން ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސަކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ގޮވާލައި ހުށަހަޅައިފައިވާ ގަރާރެކެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.