ފެބުރުއަރީ 7 ގެ ހަދާން ރައީސް ނަޝީދު އާކުރެއްވީ މާނަފުން ދެ ޅެންބައިތުން

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބުރުއަރީ ހަތެއްގައި ވެއްޓުނު ހަދާންތައް އެމަނިކުފާނު އާކުރެއްވީ މާނަފުން ދެ ޅެންބައިތަކުންނެވެ. 

މިއަދު ރައީސް ނަަޝީދު ކުރެއްވި ޓުވީޓުގެ ފުރަތަމަ ޅެންބައިތުގައި ވަނީ "ހަނދާންތައް ހިތުގެ ވިކަމުން ގެނުވަނީ، ފިލުވޭ ތަދެއް ނޫނޭ، 

އަދާ ހަމައަށް މި ޙާލަތު އައުމަކީ ކުޑަ ކުޑަ ކުށެއް ނޫނޭ، "  

ދެވަނަ ޅެންބައިތުގައި ވަނީ "ޒަމާންތަކަކަށްވި ޤުރުބާނީ ފަނާވެވި ޖިސްމު އިންސާނީ، އަމާންކަން ނެއްޓި ޢުދުވާނީ މަޢާފު ކުރާވަރެއް ނޫނޭ" އެވެ. 

ރައީސް ނަޝީދާއި އެމަނިކުފާނުގެ ޕާޓީ އެމްޑީޕީގެ މެމްބަރުން ބުނާގޮތުގައި 7 ފެބްރުއަރީ 2012 ގައި އެމަނިކުފާނުގެ ވެރިކަން ބަދަލުވީ ފުލުހުންނާއި ސިފައިން ކުރި ބަޣާވާތަކުންނެވެ. އަދި މިބަޣާވާތުގައި އޭރުގެ އިދިކޮޅު ފަރާތްތަކާއި އޭރުގެ ނާއިބްރައީސް ޑރ މުޙަައްމަދު ވަހީދު ޙަސަން މަނިކުވެސް ބައިވެރިވަޑައިގެންނެވިކަމަށެވެ. ފެބުރުއަރީ ހަތެއްގައި ބަޣާވާތްކުރިކަމަށް ރައީސް ނަޝީދާއި އެމްޑީޕީ ބައެއް މެމްބަރުން ތުޙުމަތު ކުރައްވާ އޭރުގެ އިދިކޮޅު ބައެއް ލީޑަރުން މިހާރު ތިއްބެވީ ސަރުކާރު ކޯލިޝަންގެ ތެރޭގައެވެ. 

ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ނަމަވެސް މިހާތަނަށް ހިންގައިފައިވާ  އެއްވެސް ތަޙްޤީޤަކުން އެއީ ބަޣާވަތެއް ކަމަށް ނިންމައިފައެއް ނުވެއެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވީ އަމިއްލަ ފުޅަށް ކަމަށް ވަނީ ނިންމާފައެވެ. 

ރައީސް ނަޝީދުގެ ވެރިކަން 2012 ގެ ފެބުރުއަރީ ހަތެއްގައި ނިމުމަކަށް އައުމަށް މެދުވެރިވީ ކުރިމިނަލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރެއްވުމާ ގުޅިގެން ކުރަމުން އިހުތިޖާޖުތަކެވެ. އޭރުގެ އިދިކޮޅުފަރާތްތަކުން އިސްވެރިކުރި އިހްތިޖާޖުތައް ހޫނުވެ ހިގައި ދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި ފުލުހުންނާއި ސިފައިން ކުރިމަތިލައި ޤައުމުގެ ޙާލަތުވެ ގޯސްވުމެވެ.  

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.