މިއަހަރު ނިމުމުގެ ކުރިން  މާލެ ސަރަޙައްދުގައި 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށަނީ

މިއަހަރު ނިމުމުގެ ކުރިން މާލެ ސަރަޙައްދުގައި މަދުވެގެން 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސުލްޖުލްހޫރިއްޠާ އިބްރާހީމް މުޙަންމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައެވެ.ރައީސް ވިދާޅުވީ  މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދުނުމަށް އިތުރު މަޝްރޫއެއް ފެށުމަށް މިހާރު  ޕްލޭންކުރަމުންދާކަމަށެވެ.

މާލޭގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް ރޭވި މަޝްރޫޢުތައް، ދިމާވި ބައެއް ސަބަބުތަކާ ހެދި މަޑުޖެހުނުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަޝްރޫޢުތަކުގެ މަސައްކަތް މިހާރު އަނެއްކާވެސް ފެށިގެން ކުރިއަށްދާކަމަށެވެ. އޭގެ ތެރެއިން، 1000 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް މިހާރުވަނީ ފަށާފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖުގެ 2000 ހައުސިން ޔުނިޓު ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހަފްތާގައި ވާނީ ސޮއިކޮށްފައިކަމަށާ، މިޔުނިޓްތަކުގެ ޢަމަލީ މަސައްކަތް މެއި މަހުގެ ތެރޭގައި ފެށޭނެކަމަށް ވިދާޅުވިއެވެ. އަދި މިހައުސިން ޔުނިޓުތަކަކީ ކުރިން ތަރައްޤީކޮށްފައިވާ މިގިންތީގެ ހައުސިން ޔުނިޓްތަކާ އަޅައި ބަލާއިރު، ސައިޒުގެ ގޮތުންވެސް ތަނަވަސް އަދި ނިސްބަތުން އަގުވެސް ހެޔޮ ޔުނިޓުތަކަކަށްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިތުރު 2000 ހައުސިން ޔުނިޓާއެކު، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މާލެ ސަރަހައްދުގައި ފެށޭނެކަމަށާ، މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދުނުމަށް އިތުރު މަޝްރޫއެއް ފެށުމަށް  ސަރުކާރުން އަންނަނީ ޕްލޭންކުރަމުންކަމަށް ރައީސް ވިދާޅުވިއެވެ.

މާލެއާއި އެހެން ބައެއް ރަށްރަށަށް ދިމާވެފައިވާ، ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރައްވަމުންދާކަމަށާ، އެގޮތުން ޅ.ނައިފަރާއި ބ.ތުޅާދުއާއި ތ.ތިމަރަފުށީގައި މިސަރުކާރުން ހަދާ ހައުސިން ޔުނިޓްތަކުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށް އެބަދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މ.ކޮޅުފުށީގެ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށާއި މިއިން ކޮންމެ ރަށެއްގައި ވެސް 100 ހައުސިން ޔުނިޓް ހަދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.