ރަޝިޔާއާއި އެމެރިކާއިން 'ސްޓާޓް' އެެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފި

އެމެރިކާގެ ރައީސު ބަރަކް އޮބާމާ (ވ) އާއި ރަޝިޔާގެ ރައީސު ޑިމިޓްރީ މެޑްވަޑޭވް ސްޓާޓް އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު

ނިއުކުލިޔާ ހަތިޔާރުފަދަ އިސްތިރާޖީ (ސްޓްރެޓީޖިކް) ހަތިޔާރު މަދުކުރުމަށް އެކުލަވާލާފައިވާ އެއްބަސްވުން، ސްޓްރެޓީޖިކް އާމްސް ރިޑަކްޝަން ޓްރީޓް (ސްޓާޓް) ގެ މުއްދަތު ރަޝިޔާއާއި އެމެރިިކާއިން އިތުރުކޮށްފިއެވެ. ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީ ހައްޔަރުކޮށް ޖަލަށްލާން ހުކުމްކުރުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އިތުރުވެފައި ވީނަަމަވެސް، އެމެރިކާގެ ރައީސު ޖޯ ބައިޑަންގެ ސަރުކާރުން ނިންމީ އެއްބަަސްވުމުގެ މުއްދަތު އިތުރުކުރުމަށެވެ. 5 އަހަރު ދުވަހަށް އިތުރުކުރުމުން މި އެއްބަސްވުމުގެ މުއްދަތު މިހާރު ހަމަވާނީ 5 ފެބުރުވަރީ 2026 ގައެވެ.

ރަޝިޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައި ވަނީ "އޭގައި ފުރަތަމަ ސޮއި ކުރެވުނު ގޮތަށް، އެއަށް އެއްވެސް ބަދަލެއް ނުގެނެސް" ކަމުގައެެވެ.

މިކަން މިގޮތަށް ނިމިގެން ދިއުމުގެ އަސްލަކަށް ވީ "ރަޝިޔާގެ ރައީސު ވްލާޑިމީރް ޕުޓިންއާއި އެމެރިކާގެ ރައީސު ޖޯސެފް ބައިޑަންއާ ދެމެދު 26 ޖަނަވަރީ 2021 ގައި ފޯނުން ކުރެވުނު މަޝްވަރާތައް" ކަމުގައިވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

"އެމެރިކާ އޮތީ އަމަލީގޮތުން ހަތިޔާރު މަދުކުރުމަށް އަޒުމުކަނޑައަޅައިގެން. އެކަމުން ހަމަޖެހުމާއި، ދެފުށް ފެންނަ ސިޔާސަތާއި، މުސްތަގުބަލަމެދު ޔަގީންކަން އިތުރުވުން ކުރިއަށްދާނެ. ހަމައެކާއެކު ޚަދަރު ބޮޑު ނުރައްކާތެރި ހަތިޔާރު އެފެއްދުމުގެ ރޭހެއް ފެށުމުގެ ނުރައްކާތެރިކަން ކުޑަވެގެންދާނެ." އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) އެންޓޮނީ ބްލިންކެން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

ނުރައްކާތެެރި ހަތިޔާރު މަދުކުރުމަށް ރަޝިޔާއާއި އެމެރިކާއާ ދެމެދު ވެވުން އެއްބަސްވުންތަކުގެ ތެރެއިން މިހާރު ބާކީ އޮތީ ރައީސު ބަރަކް އޮބާމާގެ ދައުރުގައި 2010 ވަނަ އަަަަހަރު ސޮއިކުރި 'ސްޓާޓް' އެކަންޗެވެ. ކުރީގެ ރައީސު ޓްރަމްޕް ވަނީ ހުރިހާ އެއްބަސްވުންތަކެއް 'އިރައި'ލައްވާަފައެވެ. 'ސްޓާޓް' އެއްބަސްވުމަށް ބަދަަލުގެނެސް އޭގައި ޗައިނާ ހިމަނަން ދައުރުގެ ފަހުކޮޅު ރައީސު ޓްރަމްޕް މަސަައްކަތްޕުޅުކުރެއްވިއެވެ. އެހެނަސް، އެކަން ކާމިޔާބު ނުވިއެވެ.

ރަޝިޔާއާއި އެމެރިކާއަށް ތައްޔާރީ ހާލަތުއި ބެހެއްޓޭނޭ ނިއުކުލިޔާ 'ބޯތަކުގެ' އަދަދަކީ ގިނަވެގެން 1550 ކަމުގައި އަދި މިސައިލްގެ އަދަަދަކީ 700 ކަމުގައި ސްޓާޓް އެއްބަސްވުމުގެ ދަށުން ވަނީ ކަނޑައަޅާފައެވެ.

ސްޓާޓް ފުރަތަމަ އެއްބަސްވުގައި 1994 ވަނަ އަހަރު ސޮއިކުރީ އެމެރިކާއާއި އޭރުގެ ސޮވިއެޓް ޔުނިއަންއާ ދެމެދުގައެވެ. ސޮވިއެޓް ޔުނިއަން އުވި ދިއުމަށް ފަހު ސްޓާޓްގެ އަައު އެއްބަސްވުމެއް އެކުލަވާލައި އެެމެރިިކާގެ ރައީސު ބަރަކް އޮބާމާާއާއި ރަޝިޔާގެ ރައީސު ޑިމިޓްރީ މެޑްވަޑޭވް ސޮއިކުރެއްވީ 8 އެޕްރީލް 2010 ގައި ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގްގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.