ކޮވެކްސް ވެކްސިންގެ އިތުރުން އިތުރު ހަތްލައްކަ ޑޯޒް ވެކްސިން ރާއްޖެއަށް ބޭނުންވޭ 

ކޮވެކްސް އިން އާބާދީގެ 20 ސައްތައަށް ލިބޭ، ކޯވިޑް ވެކްސިންގެ އިތުރުން، އިތުރު ހަތްލައްކަ ޑޯޒް ވެކްސިން ރާއްޖެއަށް ބޭނުންވާނެކަމަށް ޤައުމީ ވެކްސިން ޕްރޮގްރާމްގެ ހެޑް އަދި އެޗްއީއޯސީގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މިއަދު ހަވީރު އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

ކޮވެކް ވެކްސިނަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ހިލޭ ފޮރުކޮށްދޭ ވެކްސިނެކެވެ. އެވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޑރ ނަޒަލާ ވަނީ ވިދާޅުވެފައެވެ. އެވެކްސިންގެ އިތުރުން، ވެކްސިން ދޭންޖެހޭ އާބާދީއަށް ވެކްސިން ދިނުމަށް ހަތްލައްކަ ޑޯޒް ވެކްސިން ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ. މިހާރު ދުނިޔޭގެ ޤައުމުތަކުގައި އުފައްދައިފައިވާ ވެކްސިންތައް މާބަނޑު މީހުންނާއި ޢުރުމުން  18 އަހަރުން ދަށުގެ ކުދިންނަކަށް ނުދެވެއެވެ. އެހެންނަމަވެސް 18 އަހަރުން ދަށުގެ ކުދިންނަށް ވެސް ކޯވިޑް ވެކްސިންތައް ޖެހޭތޯ އިތުރު ރިސާރޗްތައް ހަދަމުން ދާތީ ވެކްސިން ބޭނުންވާ މިންވަރު އިތުރުވެދާނެކަމަށް ވެސް ޑރ،ނަޒުލާ ފާހަގަ ކުރެއްވިއެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ޑރ ނަޒްލާ ވިދާޅުވީ ސައިނޯފާމުގެ ވެކްސިނުގެ ފަސް ހާސް ޑޯޒް  ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. އަދި އެއީ ހެޔޮ އެދޭ ފަރާތަކުން ފޯރުކޮށްދިން ވެކްސިން ކަމަށް ވެސް ވިދާޅުވިއެވެ. 

މިހާރު ރާއްޖޭގައި ޖަހަމަުން ދާ ވެކްސިނަކީ އިންޑީއާއިން ރާއްޖެއަށް ހަދިޔަ ކުރީ ކޮވި ޝީލްޑް ވެކްސިނެވެ. އެބާވަތުގެ އެެއްލައްކަ ޑޯޒް ވެކްސިން އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރިއެވެ.  ސަރުކާރުންވަނީ އެސްޓްރާޒެނަކާ ސިންގަޕޫރާއެކުވެސް ވެކްސިން ހޯދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. 

މަދާމާ ފެށިގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ވެކްސިން ދޭން ފަށުމަށް ވަނީ ހަމަޖައްސައިފައެވެ. އަދި  މާލޭ ސަރަހައްދުގައި އުމުރުން 70 އަހަރުން މަތީގެ ހުރިހާ މީހުންނަށް ވެކްސިން ދޭން ފަށަން ވެސް ވަނީ ނިންމާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.