މިހާރު ރާއްޖެއިން ފެންނަ ކޮވިޑް ކޭސްތަކުގެ %30 އަކީ އާ ވެރިއަންޓް - ޑރ ޝީނާ 

މިހާރު ރާއްޖޭގައި ފެންނަ ކޮވިޑް ކޭސްތަކުގެ 30 އިންސައްތަ އަކީ އާވެރިއަންޓްކަމަށް  ޑރ ޝީނާމުސާ ވިދާޅުވެއްޖެއެވެ. 

މިއަދު ހަވީރު އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ހެލްތް ކޮންސަލްޓެންޓް ޑރ ސީނާ ވިދާޅުވީ، އާވެރިއަންޓްތައް އުޅޭތޯ ދިރާސާ ކުރައްވަން ފަށްޓަވައިފައި ވަނީ ޑިސެމްބަރުން ފެށިގެން ނަގަމުންދާ ސާމްޕަލްތަކުން ކަމަށެވެ. އެހެންކަމުން އާވެރިއަންޓް ފެނިފައިވަނީ ހަ ހަފްތާ ތެރޭގައި ނެގިފައިވާ ސާމްޕަލުތަކުން ކަމަށް ވެސް ޑރ ޝީނާ ވިދާޅުވިއެވެ. މިހާރު ކުއްލި އަކަށް ކޭސްތައް އިތުރުވެގެން ގޮސްފައިވަނީ ވެސް އާ ވެރިއަންޓްގެ ސަބަބުން ކަމަށް ޑރ ޝީނާ ފާހަގަ ކުރެއްވިއެވެ.  އާ ވޭރިއަންޓްގައި ބަލި، މީހުންނަށް ޖައްސާ މިންވަރުވެސް އިތުރުކަމަށް ޑރ ޝީނާ ފާހަގަ ކުރެއްވިއެވެ.އާވެރިއަންޓްގައި ކޮންމެ މީހަކު ފަސް މީހަކަށް ޖައްސާކަމަށެވެ.  އެހެން ނޫނީ ބަލި ޖެހޭ މިންވަރު އުޅެނީ ކޮންމެ މީހަކު ދެމީހަކަށް ޖެހޭ ނިސްބަތުގައިކަމަށް ފާހަގަ ކުރެއްވިއެވެ. 

މިހާރު ރާއްޖެ އޮތީ ހައި ރިސްކް ޤައުމެއްގެ ގޮތުގައި ކަމަށް ޑރ ޝިނާ ފާހަގަ ކުރެއްވިއެވެ. އާވެރިއަންޓާއެކު ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭ މީހުންގެ ޢަދަދުވެސް އިތުރުވެފައިވާ ކަމަށާއި އަދި ބަލި ޖެހޭ މީހުންގެ ތެރެއިން އަލާމާތްތައް ފެންނަ މިހުންގެ ނިސްބަތްވެސް އިތުރުވެފައިވާ ކަމަށް ފާހަގަ ކުރެއްވިއެވެ. މިހާރު ހޮސްޕިޓަލުތަކުގައި އެޑްމިޓް ކުރަންޖެހޭ މީހުންގެ ނިސްބަތް ކޯވިޑްވެ ދެވަނަ ރާޅުގައި އެޑް މިޓްކުރަންޖެހުނު މީހުންނަށް ވުރެވެސް ދުވާލެއްގެ މައްޗަށް އެޑްމިޓްކުރަންޖެހޭ މީހުންގެ ނިސްބަތް ދެގުނައަށް އިތުރުވެފައިވާކަން ފާހަގަ ކުރެެއްވިއެވެ، އެހެންކަމުން އެޗްޕީއޭއިން އިޢްލާންކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެންމެންވެސް ބޯލެނބުން ވަރަށް މުހިންމުކަމަށް ފާހަގަ ކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި މަސައްކަތުގެ މާހައުލާއި ކުޅިވަރުގެ ޙަރަކާތްތަކުން ބަލި ފެތުރޭ މިންވަރު އިތުރިވެފައިވާ ވާއިރު އެފަދަ ހާލަތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ވަރަށް މުހިންމުކަން ފާހަގަ ކުރެއްވިއެވެ. 

ޑރ ޝިނާ ވިދާޅުވީ އަތޮޅުތަކުން މިހާތަނަށް ފެނިފައިވަނީ އާވޭރިއަންޓްގެ އެންމެކޭހެއް ކަމަށެވެ. ނަމަވެސް އެއީ ކަންރަންޓީން ރިލީސް ސާމްޕަލަކުން ކަން ފާހަގަ ކުރެއްވިއެވެ.  އެހެންކަމުން އަތޮޅުތަކުގައި އިތުރަށް އުޅޭކަމަށް ލަފާ ނުކުރެއްވޭކަމަށް ވިދާޅުވިއެވެ. ނަމަވެސް ޓޫރިސްޓް ފެސިލީޓީ ތަކުން ނެގި ސާޕްލްތަކުގައި ފުދޭވަރަކަށް އާ ވެރިއެންޓް ފެނިފައިވާކަމަށް ވިދާޅިވިއެވެ. އެހެންކަމުން އާ ވެރިއެންޓް އުޅެނީ މާލެސަރަޙައްދާއި ރިސޯޓްތަކުގައި ކަމަށް ޑރ ޝިނާ ފާހަގަ ކުރެއްވިއެވެ. 

 މިއަހަރު ފެށުނުފަހުން ރާއްޖޭގެ ކޮވިޑް-19ގެ ޙާލަތު އަނެއްކާވެސް މިވަނީ ގޯސްވެ ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަރަށްބޮޑަށް އިތުރުވެފައެވެ.

މިއަހަރުގެ ފުރަތަމަ މަސް ނިމިގެންދިޔައިރު ޖުމުލަ 2,084 މިހުން މިވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު މިވަގުތުވެސް ރާއްޖޭގައި 1,807 މީހުންނަށް މިބަލި ޖެހި ފަރުވާ ދެމުންއެބަދެއެވެ. 184 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަދެއެވެ.

ޖެނުއަރީ މަހުގެ ޢަދަދުތަކަށް ބަލާއިރު، އެއް ދުވަހަކު އެންމެ ގިނައިން މީހުން ޕޮޒިޓިވްވެފައިވަނީ ޖެނުއަރީ މަހުގެ 26ވަނަ ދުވަހުއެވެ. އެދުވަހު 145 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެންމެ މަދުން ޕޮޒިޓިވްވީ ޖެނުއަރީ 7ވަނަ ދުވަހު އެދުވަހުއެވެ. ޕޮޒިޓިވްވީ 21 މީހުންނެވެ. ޖެނުއަރީ 15ގެ ފަހުން ރާއްޖެއިން ކޮންމެ ދުވަހަކުވެސް 50އަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިޢަދަދު މައްޗަށްގޮސް ޖެނުއަރީ 24ގެ ފަހުން 31ގެ ނިޔަލަށް ކޮންމެ ދުވަހަކު ޕޮޒިޓިވްވާ ޢަދަދުހުރީ 100އިން މަތީގައެވެ.

މިމަހުގެ ފުރަތަމަ ދުވަހު ރާއްޖެއިން ވަނީ 215 މީހުން ޕޮޒިޓިވް ވެފައެވެ. މިއީ މިދިޔަ 5 މަސް ތެރޭ ރާއްޖެއިން އެއް ދުވަހަކު އެންމެގިނަ ޢަދަދެއްގެ މީހުން ޕޮޒިޓިވްވި ދުވަހެވެ. އެންމެފަހުން 200އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ފުރަތަމަ ދުވަހުއެވެ. އެދުވަހު ޕޮޒިޓިވްވީ 255 މީހުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.