މާދަމައިން ފެށިގެން ހުރިހާ ހޮސްޕިޓަލަކުން ކޮވިޑް ވެކްސިން ޖަހަނީ

ރާއްޖޭގެ ހުރިހާ ހޮސްޕިޓަލަކުން މާދަމާއިން ފެށިގެން ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖަހަން ފަށާނެކަމަށް ހެެލްތް އެމަޖެންސީ އޮޕރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ހާމަކުރައްވައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުން ހާމަކުރެއްވީ ރާއްޖޭގައި ޖަހަމުންދާ ކޮވިޑް ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަމަށާ، ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރުމަކީ މުހިންމު ކަމެއްކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ.އަޙްމަދު ފައިސަލް ވިދާޅުވީ މަދާމާ ފެށިގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ވެކްސިން ދޭން ފަށާނެކަމަށާ،  މާލޭ ސަރަހައްދުގައި އުމުރުން 70 އަހަރުން މަތީގެ ހުރިހާ މީހުންނަށް ވެކްސިން ދޭން ފަށަން މިހާރު ނިންމާފައިވާކަމަށެވެ.

"  އެހެންވީމާ މީގައި ރަޖިސްޓްރީ ކުރުމުގެ ބައި އަޅުގަނޑަށް ހީވަނީ ވަރަށް މުހިއްމުހެން. ރޖިސްޓްރީކުރަން މި ޖެހޭނީ އެ ބޭފުޅުންގެ މައުލޫމާތު އަޅުގަނޑުމެނަށް އެގެންޖެހޭތީ. މި ވެކްސިނަކީ އަޅުގަދުމެން ކއި ހަދައިގެން ޖެހޭނެ ވެކްސިނެއް ނޫން. މި ވަކި ގަޑިއަކަށް މީހުންގެ ގެނެސް މީހުން ގިނަނުކޮށް ޖަހަންޖެހޭ ވެކްސިނެއް. އެހެންކަމުން އެ މައުލޫމާތު ލިބުން ވަރަށް މުހިއްމު. އޭގެއިތުރުން ވެކްސިން ޖަހާ މީހާގެ ހާލަތަށް ބަލާފައި ވެކްސިން މި ޖަހަނީ. އެހެންކަމުން ސިއްހީ މައުލޫމާތާއި ރަޖިސްޓްރީކުރުން ވަރަށް މުހިއްމު." ޑރ ފައިސަލް ވިދާޅުވިއެވެ.

ޑރ.ފައިސަލް ވިދާޅުވީ ކޮވިޑް ވެކްސިން ޖަހާނީ ބަލީގެ އެއްވެސް އަލާމަތެއް ނެތް މީހުންގެ ގަޔަށްކަމަށެވެ. ކޮންމެ ވެކްސިނެއް ޖެހިޔަސް  ދެ ޑޯޒް ފުރިހަމަކުރަން ޖެހޭނެކަމަށެވެ. އަދި   ވެކްސިންގެ ފުރަތަމަ ޑޯޒަށްފަހުވެސް ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ. ދެވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒް ޖަހާތާ 4ހަފްތާ ފަހުންކަމަށާ، ދެ ވަނަ ޑޯޒް ޖެހުން އެންމެ  ލަސްކުރެވޭނީ 12 ހަފްތާ ވަންދެންކަމަށްވެސް ޑރ ފައިސަލް ވިދާޅުވިއެވެ. އެއްވެސް ސަބަބަކާހުރެ 2ވަނަ  ޑޯޒް ޖެހުން ލަސްވެއްޖެނަމަ އެކަން ފުރަތަމަ ޑޯޒް ޖެހި ތަނަކަށް އެންގުމަކީ މުހިންމު ކަމެއްކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިންދޭން ފެށީ އިއްޔެއެވެ. ފުރަތަމަދުވަހު 282 މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.