ރާއްޖޭގައި މިވަގުތު ހުރި އެންމެމޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އޭނާގެ އަމިއްލަ ނަމުގައި އޮތް ގޯއްޗެއް ހެދުމަށް ޔޫމެޓް ކޮންސްޓަރަކްޝަން ކޮމްޕެނީއާއެކު ހަދާފައިވާ އެއްބަސްވުމުގެ ސަބަބުން ޔޫމެޓަށް ދައްކަންޖެހޭ ފައިސާގެ ދަރަނި ކަމަށްވާ 1.4 މިލިއަން ރުފިޔާ ސާބިތުވެ އެފައިސާ ދައްކަން ސިވިލް ކޯޓުން ކުރިން ކޮށްފައިވާ ޙުކުމާ އެއްގޮތަށް އެފައިސާ ދައްކަންޖެހޭނެ ކަމަށް ހައިކޯޓުންވެސް ނިންމައިފިއެވެ.
ވީބީ ސްޕޯޓްސް ކުލަބު ފުރަތަމަ ޑިވިޒަނުގައި އޮތް ދުވަސްވަރު އަޝްފާގު ގެ ޔޫމެޓް ކޮންޓްރަކްޝަނުން ހަދަން ފެށީ ވީބީ ސްޕޯޓްސް ކުލަބާއި އަޝްފާގާއެކު އެއްބަސްވުމެއް ވެގެންނެވެ. ސިވިލް ކޯޓުން އަޝްފާގާއި ވީބީ ސްޕޯޓްސް ކުލަބުގެ މައްޗަށް ޙުކުމް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ނަމަވެސް އަޝްފާގު ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅީ އެއީ އޭނާ ޔޫމެޓަށް ދައްކަންޖެހޭނެ ފައިސާ ނޫން ކަމަށާއި އެ ފައިސާ ދައްކަންޖެހޭނީ އޭރު އޭނާ ކުޅުނު ވީބީ ސްޕޯޓްސް ކުލަބުން ކަމަށްބުނެއެވެ.
ޔޫމެޓާއެކު ހެދި އެއްބަސްވުމުގެ ސަބަބުން އިމާރާތުގެ ދެ ބުރި ކުއްޔަށް ދީގެން ފައިސާ ހޯދުމުގެ ފުރުޞަތު ޔޫމެޓަށް ލިބިގެންވެއެވެ. ނަމަވެސް ޙުކުމުގައި ވަނީ ޔޫމެޓަށް އެކަން ކުރެވެން އޮތީ އިމާރާތުގެ ވެރިފަރާތް ކަމަށްވާ އަޝްފާގުގެ އެއްބާރުލުންވެސް ލިބިގެން ކަމަށެވެ. ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅިއިރު އަޝްފާގު ބުނެފައި ވަނީ އެއްބަސްވުމުގައިވާ ގޮތުން ޔޫމެޓަށް ދައްކަންޖެހޭ ފައިސާ ނުދެއްކިއްޖެނަމަ އެފައިސާ ވީބީ ސްޕޯޓްސް ކުލަބުން ދައްކާނެ ކަމަށް ބުނެފައި އޮތުމެވެ.
ނަމަވެސް ސިވިލް ކޯޓުން ކުރި ޙުކުމަށް ތާއީދުކޮށް ހައިކޯޓުން ނެރުނު ޙުކުމުގައި ބުނެފައި ވަނީ ޔޫމެޓަށް ދައްކަންޖެހޭ ފައިސާގެ ޒިންމާ އަޝްފާގު ނަގަންޖެހޭނެ ކަމަށެވެ.