ހިއުމަން ރައިޓްސް ކައުންސިލަށް ޤަތަރު އިންތިޚާބު ވުމަކީ ލިބުނު އުފަލެއް- ނަޝީދު

އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް އޭޝިޔާ ޕެސިފިކް ގައުމުތަކަށް ދީފައިވާ ހަތަރު ޖާގައިގެ ތެރެއަށް ޤަތަރު އިންތިޚާބު ވެގެން ދިޔުމަކީ ލިބުނު އުފަލެއް ކަމަށް ކުރީގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވިއިރު ޤަތަރަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއް ކަމަށް ބުނެ ރާއްޖެއިން ސިޔާސީ ގުޅުން ދާދިފަހުން ކަނޑާލާފައިވާ ގައުމެކެވެ. ޔޫއެން ހިއުމަން ރައިޓްސް ކައުންސިލަށް ޤަތަރު އިންތިޚާބުވީ އދގެ 155 މެމްބަރު ގައުމުން ވޯޓު ދީގެންނެވެ. އޭޝިޔާ ޕެސިފިކް ގައުމު ތަކަށް ލިބުނު 4 ގޮނޑީގެތެރެއިން ގޮނޑިއެއް ޤަތަރު ހޯދީ ދެވަނައަށް އެންމެގިނަ ވޯޓު ހޯދައިގެންނެވެ.

ޤަތަރުން ކައުންސިލްގެ ގޮނޑިއެއް ކާމިޔާބު ކުރުން އުފާކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއިރު ދާދިފަހުން ނަޝީދު ވަނީ ޤަތަރުގެ ސަފީރާވެސް ބައްދަލު ކުރައްވާފައެވެ. ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖެއިން ޤަތަރާއެކު ސިޔާސީ ގުޅުން ކަނޑާލާފައި މިހާރު އޮތަސް އިދިކޮޅު ސަރުކާރެއްގައި ޤަތަރާއެކު އަލުން ސިޔާސީ ގުޅުން އުފައްދަވާނެ ކަމަށެވެ.

ނަޝީދުގެ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖެއިން އދ ގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖާގައަކަށް ވާދަނުކުރީ ވާދަކުރިޔަސް ކާމިޔާބު ނުވާނެތީ ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ ވަނީ ބައިނަލް އަގްވާމީ މުޖުތަމައުން ބާކީވެފައި ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ޖެނީވާގައި ހުންނަ އދ ގެ މަރުކަޒުގައި ރޭ ނެގި ވޯޓުގައި ހިއުމަން ރައިޓްސްގެ ގޮނޑިއަކަށް ރާއްޖެ ވާދަކޮށްފައި ނުވެއެވެ. ނަމަވެސް ރާއްޖެއިން ކުރިން ގޮނޑިއަކަށް ކެމްޕޭން ކުރިއެވެ. ވަކިހިސާބަކުން ރާއްޖެއިން ވަނީ ވާދަނުކުރަން ނިންމާފައެވެ. ރާއްޖެ ވާދަނުކުރި ނަމަވެސް ރޭ ނެގި ވޯޓުގައި ހަތަރު ގައުމަކުން ރާއްޖެއަށް ވޯޓު ދީފައިވެއެވެ.

އޭޝިޔާ ޕެސިފިކް ސަރަހައްދުން ކައުންސިލްގެ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ ޤަތަރާއި، ނޭޕާލް އަދި އަފްޣާނިސްތާނާއި، ޕާކިސްތާނެވެ. މީގެތެރެއިން ނޭޕާލަށް 166 ވޯޓު ލިބުނުއިރު ޤަތަރަށް 155 ވޯޓު އަދި ޕާކިސްތާނަށް 151 ވޯޓު، އަފްޣާނިސްތާނަށް 130 ވޯޓު ލިބިފައިވެއެވެ. މެލޭޝިޔާވެސް ވަނީ ކައުންސިލްގެ ގޮނޑިއަކަށް ވާދަކޮށްފައެވެ. ނަމަވެސް އަފްޣާނިސްތާނަށްވުރެ 1 ވޯޓު މަދުން ލިބުމުން މެލޭޝިޔާއަށް ވަނީ ނާކާމިޔާބު ވެފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.