ކުރީގެ ރައީސް މުޙަންމަދު ނަޝީދު ސްރީލަންކާއަށް ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ބަޔެއް މެމްބަރުންނާ ބައްދަލު ކުރައްވަމުން އެބަގެންދަވައެވެ.
ތޭރަ އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ ނަޝީދު ލަންޑަނުން ކޮލަމްބޯއަށް ވަޑައިގެންނެވީ ހުކުރު ދުވަހުއެވެ. ލަންކާގައި ހުންނަވައި މަޖިލީހުގެ ބަޔެއް މެމްބަރުންނާ ބައްދަލު ކުރައްވަމުން ގެންދަވާއިރު ސިޔާސީ އެހެން ބަޔެއް ފަރާތްތަކާއެކުވެސް ބައްދަލުވުން ތަކެއް ބާއްވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިހާތަނަށް ނަޝީދު ބައްދަލު ކުރެއްވި މެމްބަރުންގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެމްބަރުންނާއި އަމިއްލަ ބަޔެއް މެމްބަރުންވެސް ހިމެނެއެވެ.
ބޭސްފަރުވާއަށް ލަންޑަނަށް ވަޑައިގަތުމަށް ފަހު އިނގިރޭސި ސަރުކާރުގެ ޙިމާޔަތް ހޯއްދަވާފައިވާ ރައީސް ނަޝީދު މީގެކުރިންވެސް ވަނީ އަވައްޓެރި ލަންކާއަށް ވަޑައިގެން ސިޔާސީ ބައްދަލުވުން ތަކެއް ބާއްވާފައެވެ. އަދި ލަންކާގައި ދިރިއުޅޭ އެމްޑީޕީގެ އާންމު މެމްބަރުންނާވެސް ވަރަށްގިނައިން ބައްދަލު ކުރައްވާފައި ވެއެވެ.
މިފަހަރު ރައީސް ނަޝީދު ލަންކާއަށް މިވަޑައިގަތީ ލަންކާއަށް ރާއްޖެއިން ކަނޑައެޅުއްވި އާ ސަފީރު މުޙަންމަދު ޙުސައިން ޝަރީފް (މުންދު) ގެ ބަހުގެ ވަރުގަދަ ހަމަލާތަކެއްވެސް ބަދަލުކޮށްފައި ވަނިކޮށެވެ.