ޖައްވު ނުސާފުވުމުގެ ސަބަބުން ފާއިތުވި އަހަރު އިންޑިޔާގައި 1.7 މިލިއަން މީހުން މަރުވި: ރިޕޯޓް

އިންސާނުން ދިރިއުޅެން ކަމުދާ ވަރަށްވުރެ ޖައްވު ނުސާފުވުމުގެ ސަބަބުން ފާއިތުވި 2019 ވަނަ އަހަރު އިންޑިޔާގައި 1.7 މިލިއަން (17 ލައްކަ) މީހުން މަރުވެފައިވާ ކަމަށް ކަމާބެހޭ ރިޕޯޓަކުން ދައްކައިފިއެވެ.

އިންޑިޔާ ސްޓޭޓް-ލެވެލް ޑިޒީޒް ބާޑަން އިނިޝިއޭޓިވް (އައިއެސްއެލްޑީބީއައި) އިން ދަ ލާންސެޓް މަޖައްލާގައި ޝާއިއުކުރި ރިޕޯޓުގައި ވާގޮތުން ފާއިތުވި އަހަރު އިންޑީޔާގައި މަރުވި މީހުންގެ %18 މީހުން މަރުވެފައިވަނީ ޖައްވު ނުސާފުވުމުގެ ސަބަބުން ދިމާވި ސިއްހީ މައްސަލަތަކުގައެވެ. އަދި ޖައްވު ނުސާފުވުމުގެ ސަބަބުން ފާއިތުވި އަހަރު އިންޑިޔާއަށް 264 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންވެފައި ވެއެވެ. އެއީ އިންޑިޔާގެ ގައުމީ އުފެއްދުންތެރިކަމުގެ %1.4 އެވެ.

އިންޑިޔާގެ 100 މުއައްސަސާއެއްގެ 300 ސައިންސުވެރިން ގުޅިގެން ތައްޔާރުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 1990 ވަނަ އަހަރާ އަޅާ ބަލާއިރު 2019 ވަނަ އަހަރު ގޭތެރޭގައި ވައި ނުސާފުވުމުގެ ސަބަބުން މަރުވި މީހުންގެ ނިސްބަތް %64 ދަށްވެފައި ވާއިރު، ބޭރުތެރޭގެ ވައި ނުސާފުވެގެން މަރުވި މީހުންގެ ނިސްބަތް ވަނީ %115  މަތިވެފައެވެ.

އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް، ޕަބްލިކް ހެލްތު ފައުންޑޭޝަން އޮފް އިންޑިޔާ، އިންސްޓިޓިއުޓް އޮފް ހެލްތު މެޓްރިކްސް އެންޑް އިވޭލުއޭޝަން ފަދަ ކަމާ ގުޅުންހުރި މުއައްސަސާތަކާއި، ތަޖުރިބާކާރުން ގުޅިގެން 2015 ވަނަ އަހަރު އުފައްދާފައިވާ އިނިޝިއޭޓިވްއިން ފާހަގަކޮށްފައިވާ ގޮތުގައި ޖައްވުނުސާފު ވުމުގެ ސަބަބުން މަރުވި މީހުންގެ %40 މީހުން މަރުވެފައިވަނީ ފުއްޕާމޭގެ ބަލިތަކުގައެވެ. ބާކީ %60 މީހުން މަރުވެފައިވަނީ، ހިތުގެ ބަލި، ހަކުރު ބަލި، ސްޓްރޯކް ޖެހުން، އަދި އަލަށް ވިހާ ތުއްތު ކުދިންނަށް ދިމާވާ ބަލިތަކުގައެވެ.

އިންޑިޔާގެ ސްޓޭޓްތަކާއި ސަރަހައްދުތަކަށް ބަލާއިރު، ޖައްވު އެންމެ ރަނގަޅީ ކެރެލާގައި ކަމާއި، އެންމެ ގޯހީ ނިއުދިއްލީގައިކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.