ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ހިމެނޭ ސަރަހައްދު އުސްކުރުމަށް ފަހު މަޖިލީހުގެ ވަށާފާރުވެސް އުސްކުރަން ނިންމާފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރިޔާސަތު އުސްކުރުމުގެ މޭސްތިރިއަކީވެސް މޫސަ ކަމަށް ޕީޕީއެމްގެ ބަޔެއް މެމްބަރުން ވިދާޅުވެފައި ވަނިކޮށް ނައިބު ރައީސް މޫސަ ވިދާޅުވީ މަޖިލީހުގެ ވަށާފާރު އުސްކުރަނީ މަޖިލީހުގެ އެކިއެކި ސަރަހައްދު ތަކަށް ބަދަލު ގެނައުމުގެ ތެރެއިން ކަމަށެވެ. އަދި އެކަމަށްޓަކައި ޕާކިސްތާން ސަރުކާރުން ފައިސާގެ ކަންކަންވެސް ހަމަޖެހިފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ. ނަމަވެސް މަޖިލީހުގެ ވަށާފާރު އުސްކުރަނީ ކިތައް ފޫޓަށް ކަމެއް މޫސް ވިދާޅުނުވެއެވެ.
މޫސަ ވިދާޅުވީ މަޖިލީހުގެ ޗެމްބަރުގެ އެތެރެއަށާއި ބޭރަށް ބަދަލުތައް ގެންނަމުން ދަނީ އެހެން ގައުމުތަކުގައިވެސް އެގައުމު ތަކުގެ ޕާލިމެންޓްތައް ހުންނަގޮތް ބަލައިގެން ވީހާވެސް ރީތި ގޮތަކަށް ކަމަށެވެ. މަޖިލީހުގެ ރިޔާސަތު ހިމެނޭ މުޅި ސަރަހައްދު ލަކުޑީގެ އުސްފާރަކުން ވަށާލާފައި ވުމުން އިދިކޮޅު މެމްބަރުން އަންނަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.