އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި މިއަދު ހެނދުނު ކާރު ބޮމެއް ގޮއްވާލައިފިއެވެ. އިންޓީރިޔާ މިނިސްޓަރު މަސްޢޫދު އަންދްރާބީ ވިދާޅުވި ގޮތުގައި މި ބޮން ގޮވުމުގެ ސަބަބުން މަދުވެގެން 9 މީހުން މަރުވެ 20 މީހުން ޒަޚަމްވެފައި ވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ގާނޫނުހަދާ މަޖިލީހުގެ މެންބަރު ޚާން މުޙައްމަދު ވަރްދަކްވެސް ހިމެނިވަޑައިގަންނަވައެވެ.
އިންޓީރިޔާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ކާބުލްގެ ޕީޑީ5 އަވަށުގައި ގޮއްވާލި ބޮމުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި އަންހެނުންނާ ކުޑަކުދިންވެސް ހިމެނެއެވެ.
ގާނޫނުހަދާ މަޖިލީހުގެ މެންބަރު ވަރްދަކް ޒަޚަމްވެފައި ވަނީ ބޮން ގޮވި ހިސާބުން އޭނާގެ ކާރު ހުރަސްކުރި ވަގުތު ބޮން ގޮވުމުގެ ސަބަބުންނެވެ. ބައެއް ޓީވީ ޗެނެލްތަކުން ބުނެފައިވާ ގޮތުގައި މި ހަމަލާއަކީ އޭނާއަށް އަމާޒުކޮށް ދެވުނު
ގޮވި ބޮމުގެ ބާރު ގަދަ ކަމުން ކައިރީގައި ހުރި ކާރުތަކުގައި ރޯވެ އިމާރާތްތަކުގެ ބިއްލޫރިއް ތެޅިފައި ވެއެވެ. ޓީވީން ދެއްކި މަންޒަރުތަކުން މަދުވެގެން ދެ ކާރެއްގައި ރޯވެ އަންދަމުން ދާތަން ފެނެއެވެ.
މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވެއެވެ. އެހެންނަމަވެސް، ފަހަކަށް އައިސް ކާބުލްގައި ދީފައިވާ މިފަދަ ހަމަލާތަކުގެ ޒިންމާ އުފުލާފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އެވެ. އޭގެތެރޭގައި ކާބުލް ޔުނިވަސިޓީގައި 50 މީހުން މަރާލި ހަމަލާވެސް ހިމެނެއެވެ.
ފާއިތުވި ހުކުރު ދުވަހު ޣަޒްނީ ޕްރޮވިންސުގައި އޮޓޯރިކްޝޯއެއް ގޮއްވާލައިގެން ދިން ހަމަލާގައި 15 މީހުން މަރުވެފައި ވެއެވެ. އޭގެ ތެރޭގައި 11 ކުޑަކުދިން ހިމެނެއެވެ.
އަފްޣާނިސްތާނުގެ އިންޓީރިޔާ މިނިސްޓްރީން ބުނި ގޮތުގައި ފާއިތުވި ތިން މަސްދުވަހު އެ ގައުމުގައި ދީފައިވާ ހަމަލާތަކުގައި 487 މީހުން މަރުވެ 1049 މީހުން ޒަޚަމްވެފައި ވެއެވެ. މި ހަމަލާތަކުގެ ތެރޭގައި ތާލިބާން ޖަމާއަތުން ދީފައިވާ ޖާނުން ފިދާވުމުގެ 35 ހަމަލާ ހިމެނެއެވެ.
އަފްޣާނިސްތާނުގައި ސުލްހަ ގާއިމުކުރުމުގެ މަޝްވަރާތަށް ކުރިއަށް ދާއިރުވެސް، އެ ގައުމުގައި ހިނގާ ހަނގުރާމަވެރި އަމަލުތަކަށް ހުއްޓުމެއް އައިސްފައި ނުވެއެވެ.
ފާއިތުވި ހަފުތާގެ ތެރޭގައި އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް މާކް މިލޭ ވަނީ ޤަޠަރުގެ ދޯހާއަށް ވަޑައިގެން އަފްޣާނިސްތާނުގައި ސުލްހަ ގާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާވެސް ކުރައްވާފައެވެ.