ޝަހީދުވި މީހުންގެ މައްސަލަ ހުށަހެޅުމުން އޮމްބަޑްސްޕާސަން އޮފީހުގެ ދޮރު ނުހުޅުވި ތާށި ނުވާނެތޯ ސުވާލު އުފައްދަވައިފި

ފޮޓޯ: ނައިފަރު ދައިރާގެ މެންބަރު އަޙްމަދު ޝޔާމް (ފޮޓޯ: ރައްޔިތުންގެ މަޖިލިސް)

އޮމްބަޑްސްޕާސަންގެ އޮފީހަށް ފުރަމަ ހުށަހަޅާ މައްސަލައަކީ 3 ނޮވެމްބަރުގެ އުދުވާނުގައި ޝަހީދުވި މީހުންގެ  އާއިލާތައް އަދި އަބްދުﷲ ޤާޒީގެ  އާއިލާ ކަމުގައި ވެއްޖެނަމަ  އެ އޮފީހުގެ ދޮރު ނުހުޅުވި ތާށި  ނުވާނެތޯ ސުވާލު އުފައްދަވައިފި އެވެ. 

މިކަމާ މެދު ސުވާލު އުފެއްދެވައިފައިވަނީ ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަދި ޕީޕީއެމްގެ ނާއިބު ލީޑަރު އަޙްމަދު ޝިޔާމެވެ. 

ނޮވެމްބަރ ތިނެެއްގެ އުދުވާން ރާވާ ހިންގުމުގައި އެމްޑީޕީއަަށް ނިސްބަތްވާ ފަރާތްތަކާއި އަދި އެދުވަހުގެ ޖަރީމާގައި އެންމެ ބޮޑު ހާއިނެއްކަމުގައިވާ ޢަބްދުﷲ ލުޠުފީއަށް އެމްޑީޕީ ސަރުކާރުން ކުރިން ހިމާޔަތްދީ ރާއްޖެއިން ބޭރަށް ފޮނުވާލިކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ. އަދި މިސަރުކާރުންވެސް އެތައް ދުވަހަކު ލަންކާގެ އެމްބަސީން ހިމާޔަތްދީގެން އެތަނުގައި އޭނާ ބެހެއްޓިކަމަށް ވެސް ވަނީ ތުހުމަތު ކޮށްފައެވެ.

 ރައީސް ނަޝީދުގެ ވެރިކަމުގައި ސިފައިން ފޮނުއްވައިގެން ޢަބްދުﷲ ގާޒީ ހައްޔަރުކުރެއްވިއެވެ. އަދި ހައްޔަރު ކުރުމަށްފަހު އޭނާ ހުންނެވި ތަނެއް ޢާއިލާއަށްވެސް ނޭނގޭ ގޮތަށް 48 ގަޑިއިރު ގެންގުޅުއްވިއެވެ.  ކޯޓަކާ 100 ފޫޓަށްވެސް ގާތް ނުވެވޭނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު އޭރު ވަނީ  ޢަބްދުﷲ  ގާޒީއަށް އިންޒާރުވެސް ދެއްވާފައެވެ. ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމަށް މެދުވެރިވި  ސަބަބަކީވެސް އެއީ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. 

އިންތިޤާލީ އިންސާފުގެ ބިލްގެ ދަށުން އޮމްބަޑްސްޕާސަންގެ އޮފީސް ރައީސުލް ޖުމްހޫރިއްޔާ ވަނީ އުފައްދަވައިފައެވެ. އެ ޤާނޫނުގައިވާގޮތުން ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުފެދުނު ދުވަހުން ފެށިގެން ރާއްޖޭގައި ހިނގައިފައިވާ ލާއިންސާނީ އަނިޔާތައް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ  އޮފީހުން ބެލޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ  އިންތިގާލީ އިންސާފުގެ ބިލަކީ  މުޅި މުޖުމަތައުގައި ސުލްހަ މަސަލަސްކަން ގާއިމުކުރުމުގެ މަތިވެރި ނިޔަތުގައި އެމްޑީޕީން ރައްޔިތުންނަށްވީ ވައުދެއްކަމަށެވެ. 

ބިލުގެ މަގުސަދުތަކުގެ ތެރޭގައި ތެދު ހާމަކޮށް މައާފު ދިނުމާއި މައާފު ކުރުމުގެ ރޫހު އަލާކުރުން ހިމެނޭ ކަން ފާހަގަކުރެއްވިއެވެ. އަދި ރުޅިވެރިކަމާކާއި ހަސަދަ ފިލުވާލުންހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.  ނަމަވެސް އަނިޔާދިން ފަރާތުން މައާފަށް ނޭދޭނަމަ އެއީ އެމީހަކު ޖަލަށް ދާންޖެހިދާނެސަބަބަކަށް ވެދާނެކަމަށް ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެފަދަ މައްސަލަތަކުގައި ގޮތް ނިންމާނީ ކޯޓުންކަން ފާހަގަ ކުރެއްވިއެވެ. އޮމްބަޑްސްޕާސަން އޮފީހުން ހައްލުނުކުރެވޭ މައްސަލަތަކަށް ކޯޓު މެދުވެރިކޮށް އިންސާފު ހޯދައިދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ބަދަލު ހޯދައިދިނުން ހިމެނޭކަން ފާހަގަ ކުރެއްވިއެވެ. 

އޮމްބަޑްސްޕާސަންގެ އޮފީހުން ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ އަނިޔާ ލިބިފައިވާ މީހުން ދެނެގަނެ ޑާޓާބޭސް އެއް އެކުލަވައިލުން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން  ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުމާއި އެއްބާރުލުން އެމަސައްކަތަށް ބޭނުންވާނެކަން ވެސް ފާހަގަކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.