އިސްރާއިލުން ޤުދްސުގެ ޤަލަންދިޔާ އެއާޕޯޓް ޔަހޫދީ އާބާދީއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

ޤަލަންދިޔާ އެއާޕޯޓު

ފަލަސްޠީނުގެ ގެ ޤުދްސުގައި ކުރިން ބޭނުންކުރަމުން އައި ޤުދްސު އެއާޕޯޓް (ޤަލަންދިޔާ އެއާޕޯޓް) ޔަހޫދީ އާބާދީއަކަށް ބަދަލުކުރުމުގެ މަސައްކަތް އިސްރާއީލުން ފަށައިފިއެވެ. ފަލަސްޠީނުގެ ދެވަނަ އިންތިފާޟާ ނުވަތަ ޤުދްސު އިންތިފާޟާ ފެށުމާއެކު އިސްރާއީލުން ވަނީ ޤުދްސުގައި އޮތް ހަމައެކަނި އެއާޕޯޓް ބަންދުކޮށްފައެވެ. އަދި އޭރުއްސުރެ އެތަން އޮތީ ވީރާނާވާން ދޫކޮށްލާފައެވެ.

އިސްރާއީލުގެ ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޤަލަންދިޔާ އެއާޕޯޓު އޮތް ބިމުގައި 9 ހާސް ހައުސިންގ ޔުނިޓްގެ ޔަހޫދީ އާބާދީއެއް ބިނާ ކުރެވޭނެއެވެ. މިއާއެކު ޤުދްސުގެ ކުރީގެ ބައިނަލްއަޤްވާމީ ބަނދަރު ތާރީޚުގެ ބަޔަކަށް ވެގެން ދިޔައީއެވެ.

1920 ވަނަ އަހަރު ބިނާކުރި މި އެއާޕޯޓު 1924 ވަނަ އަހަރު ފުރަތަމަ ބޭނުންކުރަން ފެށީ އޭރު ފަލަސްޠީނުގައި ވެރިކަން ކުރަމުން ދިޔަ އިނގިރޭސިންނެވެ. އަދި 1948 ވަނަ އަހަރު ޔަހޫދީ ދައުލަތް އުފެދުމުން އެ އެއާޕޯޓު ހިންގަމުން ދިޔައީ ޖޯޑަނުންނެވެ. 1967 ވަނަ އިސްރާއީލުން ޤުދްސު ހިފުމާ ހަމައަށެވެ. އޭރު އެއީ ހުޅަނގު އައްސޭރީގައި އޮތް ހަމައެކަނީ އެއާޕޯޓެވެ.

ޕެލެސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު އަޙްމަދު މަޖްދަލާނީ ވިދާޅުވި ގޮތުގައި އިސްރާއީލުން ދަނީ އެމެރިކާގެ ރައިސު ޓްރަމްޕްގެ ވެރިކަން ނިމުމުގެ ކުރިން އާ ހަގީގަތެއް ދެއްކުމަށް "ވަގުތާއި  ވާދަކުރަމުން"ނެވެ. ފަލަސްތީނުގެ އަރަބި ދިރާސާތަކާ ބެހޭ ޖަމްއިއްޔާގެ ޗާޓުތަކާ ބެހޭ އިސްވެރިޔާ އަޙްމަދު ތަފަކްޖީ ވިދާޅުވި ގޮތުގައި އިސްރާއީލުން އިރުމަތީ ޤުދްސުގައި އަލަށް ބިނާކުރާ ޔަހޫދީ އާބާދީގެ ބޮޑުބައި އޮންނާނީ ޤަލަންދިޔާ އެއާޕޯޓުގައެވެ.

1969 ވަނަ އަހަރު ޤަލަންދިޔާ އެއާޕޯޓު ކުރިމަތީގައި ނަގާފައިވާ ފޮޓޯއެއް

ޤުދްސުގެ ރަށް ބޭރުގައި އޮންނަ އަވަށް ޤަލްންދިޔާގައި އޮންނާނީ ޤަލަންދިޔާ އެއާޕޯޓު 1967 ވަނަ އަހަރު ހިފުމަށް ފަހު އިސްރާއީލުން އެތަނަށް އިސްވެސްޓުކޮށް މަރާމާތުކުރުމަށް ފަހު 1980 ގެ އަހަރުތަކުގެ ކުރީ ކޮޅު އެތަން އަތާރޯތު އެއާޕޯޓުގެ ނަމުގައި އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހުޅުވަން މަސައްކަތްކުރިއެވެ. އެހެންނަމަވެސް، އެއީ ހިފާފައިވާ، އަދި ދުނިޔެއިން އިސްރާއީލުގެ ބައެއްގެ ގޮތުގައި ބަލައިނުގަންނަ ބިމެއްގައި އޮތް އެއާޕޯޓަކަށް ވާތީ ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން އެތަން އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހުޅުވަން ހުއްދަ ނުދިނެވެ. އެހެންކަމުން އެތަން ބަންދުކުރަންދެން ބޭނުން ކުރަމުން އައީ ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައެވެ.

ޤުދްސުގައި ބިނާކުރުމުގެ ކަންކަން ބަލަހައްޓާ އިސްރާއީލުގެ ކޮމިޓީއާ ހަވާލާދީން އިސްރާއީލު ރޭޑިޔޯއިން ބުނެފައިވަނީ ޤަލަންދިޔާ އެއާޕޯޓު އޮތް ތަން 9 ހާސް ޔުނިޓްގެ އާބާދީއެއް ބިނާކުރުމަށް އެކަށީގެންވާ ކަމަށާއި، އެމަސައްކަތާއިގެން ކުރިއަށް ދިއުމަށް ހުއްދަ ދީފައިވާ ކަމުގައެވެ.

އިސްރާއީލުން އަވަސް އަރުވާލައިގެން މި މަސައްކަތް ފަށަން މި ތައްޔާރުވަނީ އެމެރިކާގެ ރައީސުކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޖޯ ބައިޑަން ޔަހޫދީ އާބާދީތައް ބިނާކުރުމާއި ދެކުޅު، ދެ ދައުލަތު ހައްލަށް ތާއީދުކުރާ ސިޔާސަތެއް ގެންގުޅުއްވާތީއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.