ނޫސްވެރިކަމުގެ ގަލަމުގެ ދޯރި ނަގަންވާނީ ލިޔާނީ ބިނާކުރަނިވި ލިޔުމެއްތޯ ނުވަތަ ފަނާކުރަނިވި ލިޔުމެއްތޯ ކަނޑައެޅުމަށްފަހު: ރައީސް

ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިއެއްގެ ހައިސިއްޔަތުން ގަލަމުގެ ދޯރި ނަގަންވާނީ އޭގެ ތުނޑުން ތިމާ ލިޔާނީ، ބިނާކުރަނިވި ލިޔުމެއްތޯ ނުވަތަ ފަނާކުރަނިވި ލިޔުމެއްތޯ ކަނޑައެޅުމަށްފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ހަފްލާގައި ވަރޗުއަލްކޮށް ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ މިރޭ ނޫސްވެރިކަމުގެ އެވޯޑް ހާސިލުކުރާ ނޫސްވެރިން ފަދަ، ނޫސްވެރިއަކަށްވާން އެދޭނަމަ، އެއްވެސް ޝައްކެއް ނެތްގޮތުގައި، އެ ނޫސްވެރިއަކު އިޚްތިޔާރުކުރާނީ ބިނާކުރަނިވި ނޫސްވެރިކަން ކަމަށެވެ.

"ނޫސްވެރިކަމަށް އަލަށް ނުކުންނަ ނޫސްވެރިންނަށް އަޅުގަނޑު ދަންނަވާނީ، ނޫސްވެރިއެއްގެ ހައިސިއްޔަތުން ގަލަމުގެ ދޯރި ނަގަންވާނީ، އޭގެ ތުނޑުން ތިމާ ލިޔާނީ، ބިނާކުރަނިވި ލިޔުމެއްތޯ ނުވަތަ ފަނާކުރަނިވި ލިޔުމެއްތޯ ކަނޑައެޅުމަށްފަހުގައޭ. މިރޭ ނޫސްވެރިކަމުގެ އެވޯޑް ހާސިލުކުރާ ނޫސްވެރިންފަދަ، ނޫސްވެރިއަކަށްވާން އެދޭނަމަ، އެއްވެސް ޝައްކެއްނެތްގޮތުގައި، އޭނާ އިޚްތިޔާރުކުރާނީ ބިނާކުރަނިވި ނޫސްވެރިކަން" ރައީސް  ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު މިއޮތީ ވަރަށް ވާދަވެރި މިނިވަން ނޫސްވެރިކަމެއް ކަމަށް ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ. މިނިވަން ނޫސްވެރިކަމުގެ ތެރޭގައި، ގިނަ ނޫސްވެރިންތަކަކާ ވާދަކޮށް އެވޯޑެއް ހާސިލުކުރާއިރު، އެންމެ ބޮޑަށް މަސައްކަތް ކުރަންވީ، ތިމާއަށް ލިބޭ އެވޯޑުގެ ނަން ދެމެހެއްޓުމަށް ރައީސް ވިދާޅުވިއެވެ.

"ޒިންމާދާރު ނޫސްވެރިއެއްގެ ގޮތުގައި ދެމިހުރުން. އެއީ ފަހަރެއްގައިވެސް، އިވޭ ކޮންމެ ވާހަކައެއް، އިވުނު ގޮތަކަށް ލިޔެ ޢާންމުކުރުމެއް ނޫން. ޒިންމާދާރުވުމަކީ، އިވޭ ވާހަކަތަކުގެ ތެދުދޮގު ކަށަވަރުކުރުމަށްފަހު، އަދި އެއީ މުޖުތަމަޢަށް ކޮންމެހެން އެނގެންޖެހޭ، ނުވަތަ މުޖުތަމަޢުގެ މަޞްލަޙަތާ ގުޅިފައިވާ ވާހަކައެއްކަން ކަށަވަރުކުރުމަށްފަހުގައި ޢާންމުކުރުން." ރައީސް ވިދާޅުވިއެވެ.

ޒަމާނީ ޑިމޮކްރެސީގެ ހަމަތައް ގަބޫލުކުރާގޮތުން، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރުކަން ރައީސް ފާހަގަކުރެއްވިއެވެ.  ނޫސްވެރިން ފަތުރާ ޚަބަރާއި މަޢުލޫމާތުން، މުޖުތަމައަށް ފޯރާ އަސަރާއި ނުފޫޒަށް ބަލާއިރުވެސް، މިއީ ހަގީގަތުގައި ވަރަށް ބޮޑު ތެދެއްކަން ގަބޫލުކުރެވޭ ކަމަށް ވިދާޅުވިއެވެ. އެހެންކަމަށްވާނަމަ ނޫސްވެރިންގެ ކޮނޑުގައި ވަރަށް މަތިވެރި ގައުމީ ޒިންމާއެއްވެސް އެޅިގެންދާނެކަން ގަބޫލުކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

"މިޒަމާނުގެ ނޫސްވެރިކަމަކީ، މުޖުތަމައުގެ ކަންކަން ބޭނުން މިސްރާބަކަށް ބަދަލުކޮށްލުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ވަސީލަތެއް. ހަމަ އެފަދައިން، އިންފޮމޭޝަން ޓެކްނޯލޮޖީގެ އޮއިވަރުގައި ވަރަށް ހަލުވިކަމާއެކު، މުޖުތަމައަށް ފެތުރިގަންނަ އެއްޗެއްވެސްމެ. އެހެންކަމުން، ނޫސްވެރިޔާގެ އަތުން، ނޫސްވެރިކަމުގެ ހަގީގީ ލަގަން ދޫވެއްޖެނަމަ، ނޫސްވެރިކަމުން މުޖުތަމައަށް ލިބެންޖެހޭ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑުވުމަކީ އެކަށީގެންވާ ކަމެއް." ރައީސް ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.