ނުކުޅެދުންތެރިކަމަކީ ކުރިއަށް ދިއުމަށް އޮތް ހުރަހެއް ނޫން: އައިސްތު

މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހެވެ. މިއަދާ އެންމެ މުނާސަބު އެއް ވާހަކަ އަކަށް ވާނި  ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހުރި ހާއްސަ ހުނަރުތަކުގެ ވާހަކަކަންކަށަވަރެވެ. އެފަދަ އެއް ހުނަރުވެރިއަކީ ހިނގާބިނގާވެ އުޅުމުގެ ޤާބިލުކަން ލިބިފައިނުވި ނަމަވެސް ވިޔަފާރީގައި ކުރިއަށް ދިއުމުގެ ޢަޒުމުގައި އަލަށް ރެސްޓޯރެންޓް ވިޔަފާރީގެ ތެރެއަށް ނުކުތް އަންހެން ކަނބަލެއްކަމަށްވާ ޢާއިޝަތު ނަސީރެވެ.

އައިޝަތު ނަސީރު ގިނަ ބަޔަކަށް އެނގިފައި ވާނީ ސައުދީ ޕްރިންސެއްގެ އެހީތެރިކަމާއެކު ބޭސް ފަރުވާ ހޯދި ޒުވާން އަންހެންކުއްޖާގެ ގޮތުގައެވެ. މީގެ ވިއްސަކަށް އަހަރު ކުރިން އައިސްތު ސަޢުދީއަށް ގޮސް ހަމަހެއްހާ ދުވަހުގެ ބޭސްފަރުވާ ހޯދިއެވެ. ނަމަވެސް އައިސްތުގެ ނުކުޅެދުންތެރިކަމަށް މާބޮޑު ހެޔޮ އަސަރެއް ނުކުރެއެވެ. އެހެންނަމަވެސް ނުކުޅެދުންތެރި ކަމަކީ ކުރިއަށް ދިއުމަށް އޮތް ހުރަހެއް ކަމަށް އައިސްތެއް ނުދެކެއެވެ.

މަންމަ އަކީ ފަހާ މީހެއްކަމުން މަންމަގެ އެހީތެރިކަމާއެކު އައިސްތު ފަހަން ދަސްކުރިއެވެ. ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ވަނީ މޮޅު ފެހުންތެރިއަކަށް ވެފައެވެ. ފަހަން އެނގުނު ކަމުގައިވިއަސް އައިސްތު ވަނީ ކެއަރ ސޮސައިޓީން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ހިންގި ފެހުމުގެ ކޯހެއްގައި ވެސް ބައިވެރިވެފައެވެ. މި ފުރުސަތަކީ ވެސް ފެހުމުގައި ކުރިއަށް ދިއުމަށް އައިސްތުއަށް ލިބުނު އިތުރު ހިތްވަރެކެވެ. ނަތީޖާއަކަށް ވީ ނަންހިނގާ މަޝްހޫރު ފެހުންތެރިންނާ އެއް ފެންވަރެއްގައި އެކަމުގައި ކުރިއަށް ދިއުމެވެ. އައިސްތު ފަހައިފައިވާ ބައެއް ހެދުން، ހާއްސަ ބައެއް ކަންކަމުގައި ބޭނުން ކުރުމުގެ ނަސީބު އަޅުގަނޑަށް ވެސް ލިބުނެވެ. ވިޔަފާރީގައި ކުރިއަށް ދިއުމުގައި ވެސް އައިސްތު ފުރަތަމަ ޚިޔާރު ކުރީ އޭނާއަށް ލިބިފައިވާ ފެހުމުގެ ހުނަރު ބޭނުން ކުރެވޭ ވިޔަފާރިއެވެ. އައިސްތުގެ ފުރަތަމަ ވިޔަފާރިއަކީ ފަހާތަނެއް ހިންގުމެވެ.

ނަމަވެސް އެ ވިޔަފާރީގައި މާގިނަދުވަސް ތަކެއް ނުވެ ދިރިއުޅުން ލަންކާއަށް ބަދަލުކުރަން ޖެހުނެވެ. ލަންކާގައި އުޅުމަށްފަހު އެނބުރި މާލެ އައިސް އަނެއްކާވެސް އާ ވިޔަފާރިއެއްގެ ޚިޔާލު އައިސްތުގެ ދެމަފިރިން ކުރިއެވެ. އެގޮތުން އެ ދެމަފިރިންނަށް އެންމެ ކަމުދާ ކަމަކަށް ފެނުނީ ރެސްޓޯރެންޓް ވިޔަފާރީގައި ކުރިއަށް ދިއުމެވެ. އެއީ މިއަދު ހަގީގަތަކަށް ވެފައިވައިވާ ހޯމްޓައުން ބިސްޓްރޯއެވެ.

ގަލޮޅު އަލިކިލެގެފާނު މަގުގައި ސެންޓްރަލް ޕާކްގެ އަނެއް ކަންމަތީގައި ހުންނަ ހޯމް ޓައުން ބިސްޓްރޯ އަކީ އައިސްތުއާއި އޭނާގެ ފިރިމީހާގެ މޭސްތިރިކަމުގެ ދަށުން ހިންގާ އެދެމަފިރިންގެ ރެސްޓޯރެންޓެވެ. އައިސްތު އަކީ އެކެފޭ ހިންގާ އެދެމަފިރިންގެ ކޮމްޕެނީ "ބީއެންބީ" ގެ މެނޭޖިން ޑިރެކްޓަރެވެ.

"ނަމަކަށް ނޫން އައިސްތުގެ ހިއްސާ އޮންނަނީކީ، އައިސްތު މީ ކޮމްޕެނީގެ އެމްޑީއަކީ ވެސް." ދެމަފިރިންގެ ކޮމްޕެނީގައި އައިސްތުގެ ހިއްސާ އޮންނަ މިންވަރު ހާމަކުރަމުން ބުނެލިއެވެ.

އައިސްތު ދެކޭ ގޮތުގައި އޭނާއަށް ލިބުނު އެންމެ ބޮޑު ނަޝީބަކީ ﷲ ސުބުޙާނަހޫ ވަޠަޢާލާއަށް އޭނާ ދެއްވި އޯގާތެރި މަންމަ އެވެ. މިއަދު މަންމަ ދުނިޔޭގައި ނެތްނަމަވެސް އައިސްތުގެ ހިތުން އެންމެ ހިނދުކޮޅަކަށް ވެސް އެ ލޮބުވެތި މަންމަގެ އޯގާތެރިކަމާއި އަޅާލުމުގެ ހަނދާންތައް ފިލާ ނުދެއެވެ. އެންމެ ކުޑައިރުން ފެށިގެން ބައްޕައެއްގެ އެހީތެރިކަމެއް ނެތި އައިސްތު ބަލާބޮޑުކުރީ އެލޮބުވެތި މަންމައެވެ.  

"އަސްލު މަންމަ އައިސްތު އެނދުގައި ބާއްވާފައި އޮތްގޮތަށް ބޭއްވިނަމަ އައިސްތު އޮންނާނީ އެގޮތަށް އެނދުގައި ކަންނޭނގެ އަދިވެސް. މަންމަގެ ހިތްވަރާ އަޅާލުމާއި ލޯބި ލިބިގެން، މި ހިތްވަރާއި މަސައްކަތްތެރިކަން ދަސްވީ. އެފަދަ ރަނގަޅު މަންމައެއް ދެއްވީތީ ﷲ އަށް ޙަމްދުކޮށް މަންމަ އަށް ޝުކުރުވެރިވަން." ފެންކަޅިވެ ހުރެ އައިސްތުގެ މަންމަގެ އޯގާތެރިކަން ފާހަގަ ކުރިއެވެ.

ހަޔާތުގެ ބައިވެރިއަކީ ކޮންމެ މީހެއްގެ ހަޔާތުގައިވެސް އެންމެ މުހިންމު އެކަކެވެ. ކޮންމެ ކާމިޔާބު ފިރިހެނެއްގެ ފަހަތުގައި އަންހެނަކު ހުންނާނޭ، ބުނާ ބީދައިން ކޮންމެ ކާމިޔާބު އަންހެނެއްގެ ފަހަތުގައިވެސް ފިރިހެނަކު ހުރުން އެކަށީގެންވެއެވެ. ހަމަގައިމުވެސް އައިސްތުއަށް ވަނީ އެކަން ޔަޤީންވެ ކަށަވަރުވެފައެވެ. މިއަދު އޭނާއަށް ލެއްވި އެންމެ ބޮޑު ނަސީބަކީ އޯގާތެރި އަޅާލާ ފިރިއަކު ލިބިފައި ވުމެވެ. އައިސްތު ދެކޭ ގޮތުގައި ކުޅެދުނަސް ނުކުޅެދުނަސް ކޮންމެ މީހަކަށް ވެސް ކުރިއަށް ދެވޭނީ ކޮންމެ ވެސް ބައެއްގެ އެހީތެރިކަން ލިބިގެންނެވެ. އެހެންކަމުން ނުކުޅެދުން ތެރިކަން ހުންނަ މީހުން ބަކީކޮށް ނުލައި ހާއްސަ އެހީތެރިކަމެއް، އެމީހުން ކުރިއަށް ދިއުމަށް ބޭނުންވާ ކަމަށް އައިސްތު ފާހަގަކުރިއެވެ.

"އައިސްތު ބުނަން އޮތީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކޭ ބުނެ އެފަދަ ކުދިން ބާކީ ނުކުރާށޭ. އެކުދިންގެ ހުރި ނުކުޅެދުންތެރިކަމަށް ނުބަލާށޭ. ކުރެވޭނެ ކަންކަމަށް ބަލާށޭ. އެއްވެސް މީހަކަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި  އެއްވެސް ކަމެއް ނުކުރެވޭނޭ." އައިސްތު ފަދަ އެހެން ކުދިންނަށް ހިތްވަރު ދިނުމަށް އެދި އައިސްތު ބުނެލިއެވެ.

އައިސްތުގެ މިހާރުގެ އެންމެ ބޮޑު އުއްމީދަކީ ޢުމުރުން ދެމަސް ވެސް އަދިނުވާ އެ ދެމަފިރިންގެ ރެސްޓޯރެންޓަކީ މާލޭގެ ނަންހިނގާ ރެސްޓޯރެންޓްގެ ގޮތުގައި ހެދުމެވެ. އެއީ ހަމައެކަނި ނަމަކުންނޫނެވެ. ރަހައާއި ޚިދުމަތުންވެސް މެއެވެ.

އައިސްތުގެ ހޯމްޓައުން ބިސްޓްރޯގެ ހާއްސަ ކަމަކީ އެތަނުގެ މީރު ރަހަތަކެވެ. ތަފާތު އެކި ރަހަތަކަށް ހާއްސަ ހޯމްޓައުން ބިސްޓްރޯގެ އެންމެ ހާއްސަ އެއް ރަހައަކީ ހަމައެކަނި އެތަނަށް ހާއްސަ ބާގާއެވެ. "ޗިކަން ކްރިސްޕީ ބާގާ" އެވެ. ކޮންމެ ދުވަހަކު ވެސް އެ ބާގާ ކާން އެއްބަޔަކު ދާ ދިއުމަކީ އޭގެ ރަހައި އެއްވަނަކަން ކަށަވަރުކޮށްދޭ ހެއްކެކެވެ. ހަމައެހެންމެ ޝަވަރުމާއާއި ތަފާތު އެކިއެކި ކެއުންތަކެވެ. ހަމަ އެހެންމެ އެތަނުގެ ކޮފީއާއި އޭނޫން ތަފާތު ބުއިންތަކަކީވެސް އެފަދަ ދެވަނައެއް ނެތްފަދަ މީރު ބުއިންތަކެކެވެ.

ހުރިހާ ޢުމުރެއްގެ މީހުންނަށްވެސް ޚާއްޞަ މި ރެސްޓޯރެންޓްގެ މަތީ ފަންގިފިލާ ޚާއްޞަ ކޮށްފައިވަނީ ޒުވާނުންންނަށެވެ. ތިރި ޚާއްޞަ ކޮށްފައިވަނީ އާއިލާތަކަށާއި އެކި ޢުމުރުގެ މީހުންނަށެވެ. ކައިވެނީގެ ޙަފުލާތަކާއި އުފަންދުވަހަށް ޚާއްޞަ ޕަކޭޖް ތަކާއި އެނޫންވެސް އާއިލީ ހަފްލާތަކަށް ހާއްސަ ޕޭކޭޖްތައް ހޯމްޓައުން ބިސްޓްރޯގައި އެބަހުއްޓެވެ.

ކައިވެނީގެ ހަފްލާތަކާއި އުފަންދުވަހުގެ ހަފްލާތަކަށް ބޭނުންވާ ތީމަކަށް، ހެދުމާއި ކޭކާކާއި ޑެޒާޓް ޓޭބަލުން ފެށިގެން ބެކްޑްރޮޕާއެކު ކޭޓަރިންގެ ޚިދުމަތްވެސް ފޯރުކޮށްދޭ ޕެކޭޖްތައް ހޯމްޓައުން ބިސްޓްރޯގައި ވެއެވެ. މިފަދަ ޕެކޭޖްތައް ބޭނުންވާ ނުވާ ފަރާތްތަކަށް ހަމައެކަނި ކޭޓަރިންގެ ޚިދުމަތްވެސް އެތަނުން ފޯރުކޮށްދެއެވެ.

ހޯމްޓައުން ބިސްޓްރޯގެ ހާއްސަ ކަމަކީ ކޮންމެ މަހަކަށް ވެސް ހާއްސަ ޕޮރޮމޯޝަންތައް ތައާރަފްކުރުމެވެ. އެގޮތުން މިމަހަށް ހާއްސަ ޕްރޮމޯޝަންގައި ހިމެނެނީ ޗިކަން ކްރިސްޕީ ބާގާ އާއި ޝަވަރުމާ އެވެ. މީގެއިތުރުން ހޯމްޓައުން ބިސްޓްރޯގެ ލޯޔަލްޓީ ކަސްޓަމަރުންނަށް ވެވުން ވެސް އެއީ އައިސްތުގެ ދެމަފިރިންގެ ރެސްޓޯރެންޓްގެ ހާއްސަ ކަމެކެވެ. އޭގެ މިސާލެއްގެ ގޮތުން އައިސްތު ބުނީ ވަކި އޮފީހަކުން އެތަނުގައި ރަޖީސްޓްރީ ވެގެން އާންމުކޮށް މުވައްޒަފުން ސަޔަށް ނުވަތަ ކެއުމަށް އަންނަނަމަ އެތަނުގެ މުވައްޒަފުންނަކީ، ލޯޔަލްޓީ ކަސްޓަމަރުންގެ ގޮތުގައި ހާއްސަ ޑިސްކައުންޓް ދެވޭނެ ބައެއް ކަމަށެވެ. މީގެ އިތުރުން އޮފީސް ނުވަތަ ގޭގައި ހުރެގެން އޯޑަރުކޮށްލައިގެންވެސް ހޯމްޓައުން ބިސްޓްރޯގެ ރަހަތައް ތަޖްރިބާ ކޮށްލުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ. އެއީ ފްރީ ޑެލިވަރީއާއެކުގައެވެ.

އައިސްތުގެ އެދުމަކީ ނުކުޅެދުންތެރިކަމަކީ މުޖުތަމައުގައި ބާކީވާންޖެހޭ ކަމެއްކަމަށް މުޖުމައުގެ އެއްވެސް ފަރުދަކު ނުވިސްނުމެވެ. ނުކުޅެދުންތެރިކަން ހުރިކަމުގައި ވިއަސް "ފިސާރި ކަނބަލެއްގެ" ގޮތުގައި އައިސްތު އެއީ މުޖުތަމައަށް ފެންނަންހުރި "ލާމަސީލު" މިސާލެކެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.