ރައިސް ޔާމީން ޖަލުގައި އޮންނަވާ ކޮންމެ މިނެޓަކީ ދިވެހި ރައްޔިތުންނަށް ލިބޭ ވަރަށް ނިކަމެތި ކަމެއް: މެމްބަރ ޙުސައިން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލުގައި ހޭދަކުރައްވަމުން ގެންދަވާތާ އަހަރުވުމާ ގުޅިގެން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރ ޙުސައިން މުޙައްމަދު ލަޠީފު ބަޔާނެއް ނެރުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ ލެޓަރހެޑްގައި ނެރުއްވި ބަޔާނުގައި ވަނީ ރައީސް ޔާމީނަށް އިންސާފު ނުލިބި އެއްއަހަރު ދުވަސް  ވޭތުވެގެން ދިއުމުން ކަންބޮޑުވެ ވަޑައިގަންނަވާކަމަށެވެ. ނުޙައްޤުން ރައިސް ޔާމީން ޖަލުގައި އޮންނަވާ ކޮންމެ މިނެޓަކީ ދިވެހި ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ދެރައަކާއި ހިތާމައަކާއި ނިކަމެތި ކަމެއްކަމަށެވެ.

"މިސަރުކާރުގެ ނާޤާބިލްކަން ރައްޔިތުންނަށް އެނގި ހާމަވަމުން ދާއިރު އެކަން ފޮރުވުމަށް ނުވަތަ އެހެންކަމަކަށް ފޯކަސް އަނބުރާލުމަށް. ރައީސް ޔާމީން ހަތިޔާރަކަށް ބޭނުންކުރުމަކީ މިސަރުކާރުގެ އަނިޔާވެރިކަމާއި ދެއުޅި އެއް ނުވާކަން ހާމަވެގެންދާ ކަމެކެވެ. " މެމްބަރ ޙުޞައިންގެ ބަޔާނުގައި ވެއެވެ.

އަނިޔާވެރި ވެގެން އެއްވެސް ބަޔަކަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެކަމަށް ވެސް މެމްބަރ ޙުސައިން ވިދާޅުވިއެވެ. ކުރިން އެންމެ ގިނައިން ހައްގުތަކުގެ ވާހަކަ ދެއްކި މީހުން، މިއަދު މަގާމުތައް ލިބުމުން، ކުޑަމިނުން އިންސާނިއްޔަތު ކަމުގެ ހައްގު އެއީ އޮންނަ އެއްޗެއްކަން ގާބޫލުނުކުރާކަން ހާމަވަމުންދާކަމަށް ވިދާޅުވިއެވެ. ކުރިން އިންސާފުގެ ވާހަކަ ދެއްކި މީހުން މިއަދު އިންސާފަކީ  ކޯޓްތަކަށް އަތް ބާނައިގެން ވަކި ބަޔަކަށް ހޯދައިދޭ އެއްޗަކަށް ހަދައި ދީފައިވާކަމަށް ވެސް މެމްބަރ ޙުސައިން ބަޔާނުގައި ވެއެވެ.

"މިކަން މިހެންވާތަން ބަލާކަށް ދިވެހި ރައްޔިތުންނެއް މާގިނަ ދުވަހަކު ނުތިބޭނެއެވެ. ސަރުކާރުގެ ހުރިހާ ކަމެއް މިދަނީ ފާލުން ނެއްޓިގެންނެވެ. މިހުރިހާ ކަމެއް ހަމަޔަކަށް އެޅުވޭނެ ގާބިލުކަން ހުރި ހަމައެކަނި ލީޑަރަކީ ހަމައެކަނި ރައީސް ޔާމީންކަމާމެދު ދިވެހި ރައްޔިތުން ޝައްކެއް ނުކުރެއެވެ. އެމަނިކުފާނަށް ނުހައްގުން ކުރަމުންދާ އަނިޔާ ހުއްޓާލައި އެމަނިކުފާނު މިހާރުން މިހާރަށް މިނިވަން ކުރުމަށް މި ނާގާބިލު  ސަރުކާރަށް ގޮވާލަމެވެ." މެމްބަރ ޙުސައިންގެ ބަޔާނުގައިވެއެވެ.

ރައީސް ޔާމީން ޖަލުގައި 365 ދުވަސްވުމާ ގުޅިގެން އެމަނިކުފާނަށް ކުރަމުންދާ އަނިޔާ ހުއްޓުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް ޕީއެންސީން މިއަދު ކަނޑުމަތީގައި އިޙުތިޖާޖު ކުރުމަށް ވެސް ދަނީ ތައްޔާރުވަމުންވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.