ޢަސްކަރިއްޔާއެއް އޮތުމުގެ ޙަޤީޤީ ބޭނުމަކީ، ޞުލްޙަ ޤާއިމްކުރުމާއި އަމާންކަން ދެމެހެއްޓުން: ރައީސުލްޖުމްހޫރިއްޔާ

ފޮޓޯ: ރައީސް އޮފީސް

ޢަސްކަރިއްޔާއެއް އޮތުމުގެ ޙަޤީޤީ ބޭނުމަކީ، ހަނގުރާމަތަކާއި ލޭއޮހޮރުވުންތަކުން ދުރުވެ، ޞުލްޙަ ޤާއިމްކުރުމާއި އަމާންކަން ދެމެހެއްޓުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ 66 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރި ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ގޮތުން މިއަދު ހެނދުނު ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ ޢަސްކަރީ ޤާބިލުކަން އިތުރުކުރަން ޖެހެނީ ޞުލްޙަ ދެމެހެއްޓުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތައިލުމަށްކަމަށެވެ. މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތަފާތު ބާވަތްތަކުގެ ނިރުބަވެރިކަމުގެ ޢަމަލުތައްކަމަށް ފާހަގަ ކުރެއްވިއެވެ.ސިފައިން ޙާޞިލްކުރި ޢިލްމާއި ހޯދި ތަމްރީނަކީ، ނިރުބަވެރިކަން ފަދަ ނާތަހުޒީބު ވިސްނުންތަކުން ދުރުހެލިވެ، ޞުލްޙަވެރި މުޖްތަމަޢެއް ބިނާކުރުމަށް މަގުފަހިކުރާނެ ޢިލްމާއި ތަމްރީންތަކެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިފައިންގެ ހުވަޔަކީ ސިފައިންގެ ކުރިމަގު އޭގެ މަތީގައި ބިނާކޮށްދޭނެ ބިންގާކަމަށެވެ. އެއީ މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މަތީގައި ސީދަލަށް އެޅިފައިވާ ބިންގަލެއްކަމަށެވެ. ސިފައިން ފުރިހަމަކުރި ތަމްރީނުތަކަކީ، މި ވަރުގަދަ ބިންގަލުގެ މަތީގައި ސާބިތުވެ ތިބެ، ދިވެހިރާއްޖެ ދިފާޢުކުރުމަށް ބޭނުންވާ ޖިސްމާނީ އަދި ނަފްސާނީ ޤާބިލްކަމާއި ހުނަރުވެރިކަމާއި ސިފަވަންތަ ސިފަތައް ޙާޞިލްކުރުމުގެ ތަމްރީނުތަކެއްކަމަށެވެ. އޭގެ ތެރެއިން ވެސް އެންމެ މުހިންމު ދެ ސިފަޔަކީ، ތެދުވެރިކަމާއި އަމާނާތްތެރިކަން، ކަމަށް ފާހަގަ ކުރެއްވިއެވެ.

"ބަޣާވާތްތެރިންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތްކުރުމުގެ ރޫޙު އުފެދޭނީ އެ ދެސިފަ ހުރެގެން. އިސްލާމްދީނާއި ޤައުމުގެ ޙައްޤުގައި ހަށިގަނޑުން ޤުރުބާންވާންޖެހިއްޖެ ޙާލަތެއްގައިވެސް އެކަން ކުރެވޭނީ މި ދެސިފަ ހުރެގެން." ރައީސް ޞާލިޙް ވިދާޅުވިއެވެ.  

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޮންމެ މީހެއްގެ ކިބައިގައި އިސްލާމީ އަޤީދާގައި ޢަމަލާއި ބަހުން ސާބިތުވެ ހުރުމުގެ ސިފަ ހުނަންޖެހޭކަމަށެވެ. ކޮންމެ ޙާލަތެއްގައި ވެސް ޤައުމީ ޚިދުމަތުގައި ތިމާގެ އަމިއްލަ ނަފުސަށްވުރެ ދިވެހި ޤައުމު އިސްކުރުމުގެ ސިފަ ހުންނަންޖެހޭކަމަށެވެ. އަދި އެއިރެއްގައި އޮންނަ ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އެހީތެރިވުމުގެ ސިފަ ހަރުލާފައި ހުންނަން ޖެހޭނެކަމަށެވެ.

ސިފައިންގެ ޚިދުމަތަކީ ޢަސްކަރީ ޚިދުމަތެއްކަމުގައި ވީ ނަމަވެސް، ސިފައިންގެ ޚިދުމަތަކީ މަދަނީ އަދި އިޖްތިމާޢީ ވާޖިބުތަކެއް ވެސް ލާމެހިފައިވާ ޚިދުމަތެއްކަން ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ. ކާރިސާގެ ޙާލަތުގައި ވެސް އެންމެ ފުރަތަމަ ރައްޔިތުންނަށް އެހީވާން ނުކުންނަ އެއް ބަޔަކީ ދިވެހި ސިފައިންކަން ފާހަގަކުރެއްވިއެވެ. ކޯވިޑާ ދެކޮޅަށް ކުރެވޭ މަސައްކަތުގައިވެސް ދިވެހި ސިފައިން އެންމެ އިސްސަފުގައި މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

ދިވެހި އަސްކަރިއްޔާއަކީ ވަފާތެރިކަމާއި ތެދުވެރިކަމުގައި ދެމިއޮތް 128 އަހަރުގެ ފަޚުރުވެރި މާޒީއެއްގެ މައްޗަށް ބިނާވެފައިވާ މުއައްސަސާއެއްކަން ވެސް ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ. ޣަދަރުވެރިން ރޭވި ހުރިހާ ރޭވުންތައް ނާކާމިޔާބުކޮށްލީ އެ މުއައްސަސާއިން  އުފެއްދި ޤައުމީ ބަޠަލްކަމަށް ފާހަގަ ކުރެއްވިއެވެ. ރައީސް ޞާލިޙް އެފާހަގަ ކުރެއްވީ ޝަހީދު ޙުޞައިން އާދަމްގެ ޖިހާދުކަމަށް ޤަބޫލުކުރެވެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.