ސިޔާސީ ގޮތުން ކުރިމަތިކުރާ ފިއްތުންތަކުން ޖަލު ބަންދުގައި ހުރިމީހަކު ނެރެދިނުމުގެ މޭސްތިރިއަކަށް އަޅުގަނޑު ނުވާނަން: ހޯމް މިނިސްޓަރ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސިޔާސީ ގޮތުން ކުރިމަތިކުރާ ފިއްތުން ތަކުން ޖަލު ބަންދުގައި ހުރި މީހަކު ނެރެދިނުމުގެ މޭސްތިރިއަކަށް ވެވަޑައި ނުގަންނަވާނެ ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިމޭރުމުން ވާހަކަފުޅު ދެއްކެވީ އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ހުށަހެޅި މައްސަލައިގެ ދިފާއުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮރަޕްޝަނާއި ޚިޔާނާތުގެ ފައިސާ އަނބުރާ ހޯދުމުގައި މިސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް އެމަނިކުފާނު ހުންނެވީ ދޫދެއްވާ ގޮތަށް ނޫންކަމަށް ވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެމަނިކުފާނާ ހަވާލުވެފައިވާ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ރައްޔިތުން ހެކިވާނެކަމަށް ވެސް ހޯމް މިނިސްޓަރ ޢިމްރާމް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި ބޮޑުތަނުން ކާމިޔާބީ ހޯއްދަވައިފައިވާ ކަމަށް ރައްޔިތުން ގަބޫލުކުރާކަމަށް ވެސް ވިދާޅުވިއެވެ.  

ހޯމް މިނިސްޓަރ ވިދާޅުވީ އެމަނިކުފާނުގެ ޢިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވަށްދައިފައި ވަނީ ސަރުކާރު ބަލިކަށިކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެ ސަރުކާރު ރޫޅާލުމަށް ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހު އެފަދަ ހާލަތަކަށް ތަންނުދޭކަމަށެވެ. އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ ބަހަނާއެއްކަމަށާއި ނެތް ރޮނގެއް ކުރަހައިގެން، ނުވާކަމެއް ވުޖޫދުކޮށްގެން، ސިޔާސީ މަސްރަހު ހަލަބޮލިކުރުމަށް ހުށަހަޅައިފައިވާ މައްސަލައެއް ކަމަށެވެ. އަދި ސަރުކާރު ބަލި ކަށިކޮށް، ހަލަބޮލިކަމުގެ ހިޔަނީގައި ވޭތުވެދިޔަ ދެއަހަރު ސަރުކާރުން ހޯދި ކާމިޔާބީ ފުރޮޅާލުމަށް ކޮށްފަވާ ތުހުމަތެއް ކަމަށް ވެސް ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

"މިމައްސަލަ މަޖިލީހަށް ހުށަހަޅައިފައި މިއޮތީ ސަރުކާރު ބަލިކަށިކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެ ސަރުކާރު ރޫޅާލުމަށްކަން، އަޅުގަނޑަށް ވަރަށް ސާފު. އެހެންނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަޙް އެފަދަ ޙާލަތަކަށް ތަންނުދޭ. މަޖިލީހުގެ ސިޔާސީ މަސްރަޙް ހަލަބޮލިކޮށް ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމަށް ކުރެވޭ މިފަދަ މަސައްކަތަށް ފުރުސަތު ނުދެއްވުމަށް މެމްބަރުން ކިބައިން އަޅުގަނޑު އެދެން." ޢިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވީ މަޖިލީހަށް އެމަނިކުފާނާ ދެކޮޅަށް ކިތަންމެ މައްސަލައެއް ވެއްދިއަސް މޭޑޭގެ މުޒާހަރާގައި ރާއްޖޭގެ އެތައް ހާސް ރައްޔިތުން، އޭރު ގެ ސަރުކާރުގެ އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ވައްކަމާ ދެކޮޅަށް އިހުތިޖާޖު ނުކުރާކަމަށް ނުވާނެކަމަށެވެ. އެއީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ރައްޔިތުން ބައިވެރި ސިޔާސީ ހަރަކާތްކަމަށް ވެސް ވިދާޅުވިއެވެ. އޭރުއްސުރެ ރައްޔުތުންގެ މެދުގައި ސަރުކާރުގެ މަގްބޫލުކަން ކުޑަވަމުން ގޮސް ޖެހިގެންއައި ރިޔާސީ އިންތިޚާބުގައި ބޮޑުތަނުން އެސަރުކާރަށް ރައްޔިތުން ނޫނެކޭ ނުބުނާކަމަކަށްވެސް ނުވާނެކަމަށް ވެސް ވިދާޅުވިއެވެ.

މޭޑޭގެ މުޒާހަރާގައި އެމަނިކުފާނު ގެންގުޅުއްވި ކަރުދާސް ތަކަކީ އަސްލު ނޫންކަމަށް ރޭޑިއޯ ޕްރޮގްރާމްގައި ވިދާޅުވެފައި ވަނީ އެއީ އަސްލު ކަރުދާސްތަކުން ނަގައިފައިވާ ކޮޕީތަކަކަށް ވާތީކަމަށް ވިދާޅުވިއެވެ. އޭރުގެ ސަރުކާރުގެ އެންގުމަށް އެދުވަހު ހިނގާ ދިޔަކަންތަކުގެ ތެރޭގައި އެކަރުދާސްތައް ވަނީ ގެންގޮސްފައި ކަމަށް ވެސް ވިދާޅުވިއެވެ.

ސަފާރީ މައްސަލައާ ބެހޭގޮތުން ސިޔާސީ ބަޔަކު އަޑީގައި ތިބެގެން މުޅި މައްސަލަ އޮޅޭގޮތަށް މައުލޫމާތު ހާމަކޮށްފައިވާކަމަށް ވެސް މިއަދު ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ އިމްރާން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލަ ވަށްދައިފައި ވަނީ އެގާރަމެމްބަރުންގެ ސޮޔާއެކުއެވެ. އިދޮކޮޅު ކޯލިޝަންގެ މެމްބަރުންގެ އިތުރުން އެމައްސަލައަށް ތާއީދުކޮށް ސޮއިދެއްވީ އަމިއްލަ ދެ މެންބަރުން ކަމަށްވާ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. މިމައްސަލައަށް ތާއީދު ނުކުރަން އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުން ވަނީ ނިންމައިފައެވެ. އެމްޑީޕީ ތާއީދު ލިބިގެން ނޫނީ ރައްޔިތުންގެ މަޖިލީހުން މިހާރު ކަމެއް ނުނިންމޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.