ގދ. އަތޮޅުގެ ރަށެއްގައި އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނާ ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ފުލުހުންނާއި ޖެންޑާރ މިނިސްޓްރީގެ ޓީމެއް އެ މައްސަލަ ބެލުމަށް އެރަށަށް ދިޔުމުން ބަލި ކަމަށް ހެދި ސިއްޙީ މަރުކަޒުގައި އެޑްމިޓްވުމުން އިމަޖެންސީގައި މާލެ ގެނައި މީހާ އިންޑިޔާއަށް ފުރުވާލަން އާއިލާއިން މަސައްކަތް ކުރާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އިމަޖެންސީގައި މާލެ ގެނައި ނަމަވެސް އެމީހާ ޑޮކްޓަރަށް ދައްކާފައި ވަނީ ދެދުވަސް ފަހުން ކަމާއި އެމީހާ މިހާރު މާލެ ތެރޭގައި އުޅޭ ކަން ވަނީ ކަށަވަރު ވެފައެވެ. އެމީހާ މާލެ ތެރޭގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯ ތަކެއްވެސް ސޯޝަލް މީޑިޔާގައި ދަނީ ދައުރު ވަމުންނެވެ. އަދި އެ ރަށުގައި އަމިއްލަ ވިޔަފާރި ހިންގަމުން އަންނަ ނުފޫޒު ގަދަކަމަށް ބުނާ މީހާގެ ހުރިހާ ވަނަވަރެއް ހިމެނޭ ގޮތަށް އޭނާގެ މޫނު ފެންނަ ފޮޓޯ ތަކެއްވެސް ސޯޝަލް މީޑިޔާގައި ދަނީ ދައުރު ވަމުންނެވެ.
އެމީހާ ނިސްބަތްވާ ރަށު މީހަކު ބުނި ގޮތުގައި އެމީހާ އިންޑިޔާއަށް ފުރުވާލަން އުޅެނީ ފުލުހުންނާއި ޖެންޑާރ މިނިސްޓަރީން އެ މައްސަލަ ތަހުގީގު ކުރުމަށް އުޅޭތީއެވެ. އުމުރުން 75 އަހަރު ވެފައިވާ މީހާ ބެހުނު ކަމަށްބުނާ ބަޔެއް އަންހެން ކުދިން ވަނީ މީޑިޔާއަށް އެވާހަކަތައް ކިޔައިދީފައެވެ.
އެކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާ ބުނެފައި ވަނީ ހަތަރު ބެއިންނާވެސް ބެހެން ފެށީ އުމުރުން ބާރަ އަހަރުގައި ކަމަށާއި ތަކުރާރުކޮށް އެމީހާ އެކުދިންނާ ބެހެމުން އަންނަ ކަމަށެވެ. އަދި ކުރިން އެކަން ކުރަމުން އައީ އެކުދިންގެ މަންމަގެ އަތްމަތި ދަތިވުމުން މަންމައަށް ކުރިމަތިވި މަޖުބޫރީ ޙާލަތުގެ ފައިދާ ނަގައިގެން މަންމަގެ ރުހުމުގައި ނަމަވެސް ފަހުން ކުދިން ބޮޑުވުމުން މަންމަވެސް އެކަމާ ދެކޮޅަށް ތެދުވެފައިވާ ކަމަށެވެ.
އުމުރުން މިހާރު ސައުވީސް އަހަރު ވެފައިވާ އަންހެން ކުއްޖާ ބުނެފައި ވަނީ އޭނާއަށް ސަލާމަތް ވެވުނީވެސް ފިލައިގެން މާލެ އައުމުން ކަމަށާއި އޭނާ ދެން ބޭނުންވީ ހަގަށްތިބި ކޮއްކޮމެން ސަލާމަތް ކުރަން ކަމަށެވެ. 75 އަހަރުގެ މީހާ އެކުދިންނާ ބެހުނު މައްސަލަ ފެންމަތި ވެގެން އައިއިރު މިހާރު ވަނީ އެހެން މައްސަލައެއްވެސް ފެންމަތި ވެފައެވެ. އެއީ މުސްކުޅި މީހާގެ ފިހާރައިގެ ސޭޓަކަށް ގެންގުޅޭ ބަންގްލަދޭޝްގެ މީހާ އެކުދިންގެ ތެރެއިން އެންމެ ހަގަށް ހުރި އަންހެން ކުއްޖާއާ ތަކުރާރުކޮށް ބެހެމުން އަންނަ މައްސަލައެވެ.