ރަޝިޔާއިން ސޫދާނުގައި ކަނޑުގެ ސިފައިންގެ މަރުކަޒެއް ގާއިމުކުރަނީ

ސޫދާނުގައި ރަޝިޔާގެ ކަނޑުގެ ސިފައިންގެ މަރުކަޒެއް ގާއިމުކުރުމުގެ ޑްރާފްޓް އެއްބަސްވުން ބޮޑުވަޒީރު މީޚާއީލް މިޝުސްޓިން މިއަދު ފާސްކުރައްވައިފިއެވެ. މި އެއްބަސްވުމަށް ރަސްމީ ސިފަ އަންނާނީ ރައީސު ވްލާޑިމީރް ޕުޓިން އެއްބަސްވުން ތަސްދީގުކުރެއްވުމުންނެވެ.  

ރަޝިޔާއިން މިއަދު ބުނެފައިވާ ގޮތުގައި ރަޝިޔާގެ ފޮރިން މިނިސްޓްރީއާއި، ސުޕްރީމްކޯޓާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާހުން އަދި އިންވެސްޓިގޭޓިވް ކޮމިޓީ އޮފް ރަޝިޔާއިން ފާސްކުރުމަށް ފަހު ބޮޑުވަޒީރުގެ އޮފީހަށް އެއްބަސްވުން ހުށަހެޅީ ޑިފެންސް މިނިސްޓްރީންނެވެ.

ސޫދާނުން ކުރިން ފާސްކޮށްފައިވާ މި އެއްބަސްވުމުގައި ވާގޮތުން ސިފައިންގެ  300 މީހުންނަށް ތިބެވޭ ވަރުގެ ކަނޑުގެ ސިފައިންގެ ލޮޖިސްޓިކްސް މަރުކަޒެއް ސޫދާނުގައި ގާއިމުކުރުމުގެ ހުއްދަ އެ ގައުމުން ރަޝިޔާއަށް ދޭނެއެވެ. އެ މަރުކަޒު ވާނީ ނިއުކުލިޔާ މަނަވަރުތަކަށް ޚިދުމަތް ދެވޭވަރުގެ މަރުކަޒަކަށެވެ.

ރަޝިޔާގެ ޚަބަރުފަތުރާ ރަސްމީ އެޖެންސީ ޓާސް އިން ބުނެފައިވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ގާއިމުކުރާ ލޮޖިސްޓިކްސް މަރުކަޒަކީ "ސަރަހައްދުގައި ސުލްހައާއި ހަމަޖެހުން ގާއިމުވެފައި އޮތުމުގެ މަގުސަދު ހާސިލްވާ، ހަމައެކަނި ދިފާއީ ބޭނުންތަކަށް ބޭނުންކެރެވޭ، އެއެވެސް ގައުމަކާ ދޮޅަށް ބޭނުންނުކުރާނޭ" މަރުކަޒެކެވެ.

އެ އެޖެންސީން އިތުރަށް ބުނެފައި ވާގޮތުގައި އެ މަރުކަޒު ބޭނުންކުރެވޭނީ އުޅަނދުތައް މަރާމާތުކުރުމަށާއި، ތެލާއި ފެނާއި ކާނާ ފަދަ ތަކެތި ފޯރުކޮށްދިނުމަށާއި، ރަޝިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރުގެ ފަޅުވެރިން އަރާމުކުރުމަށް މަޑުކޮށްލުމަށެވެ.

އެއްބަސްވުމުގެ ދަށުން މަރުކަޒުގައި އެއްފަހަރާ އަސްކަރީ ހަތަރު އުޅަނދު ބަނދަރުކޮށްފައި ބޭއްވޭނެއެވެ. އެފަދަ އުޅަނދުތަކުގެ ތެރޭގައި ނިއުކުލިޔާ ހަކަތައިން ދުއްވާ މަނަވަރުތައް ވެސް ހިމެނެއެވެ.

މިއީ 2017 ވަނަ އަހަރު ސޫދާނުގެ އޭރުގެ ރައީސު ޢުމަރު އަލްބަޝީރު ރަޝިޔާ ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ގާއިމުކުރާ މަރުކަޒެކެވެ. 2019 ވަނަ އަހަރު އާ ސަރުކާރެއް ވެރިކަމާ ހަވާލުވުމަށް ފަހު އާ ސަރުކާރުން އެ އެއްބަސްވުން އުވާލާފައި ނުވެއެވެ. އަދި ސޫދާނުގައި މިހާރު ވެރިކަން ކުރާ ސިޔާދީ (ސޮވެރިން) ކައުންސިލްގެ ރައީސު ޢަބްދުލް ފައްތާޙު ބުރްހާން ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހު ރަޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި އޭނާ ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ގޮވައިލައްވާފައެވެ.

ސޫދާނުގައި ގާއިމުކުރާ ރަޝިޔާގެ އަސްކަރީ މަރުކަޒު އޮންނާނީ ރަތް ކަނޑުގެ ހުޅަނގު އުތުރުގައެވެ. ރަތް ކަނޑަކީ ދުނިޔޭގެ ކަނޑުގެ ދަތުރުފަތުރުގެ އެއް މަގެވެ. ޔޫރަޕުން އައިސް ސުވޭސް ކެނެލް ތެރެއިން ދަތުރުކޮށް އިންޑިޔާ ކަނޑަށް ނުކުންނަ ހުރިހާ އުޅަނދެއް ދަތުރުކުރާނީ ރަތް ކަނޑުންނެވެ.

ރަޝިޔާއިން  ދަނީ އެފްރިކާގައި އެގައުމުގެ ނުފޫޒު އިތުރުކޮށް، އެ ގައުމުގެ ހަތިޔާރު އެފްރިކާގެ ގައުމުތަކަށް ވިއްކުމުގެ މަސައްކައތްކުރަމުންނެވެ. ރަޝިޔާއިން ވަނީ ފުރަތަމަ ފަހަރަށް ރަޝިޔާ-އެފްރިކާ އެންމެ އިސް ވެރިންގެ ބައްދަލުވުމެއް ފާއިތުވި އަހަރު ސޯޗީގައި ބާއްވާފައެވެ. މި ބައްދަލުވުމުގައި އެފްރިކާގެ 50 ގައުމަކުން 1000 މަންދޫބުން ބައިވެރިވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.