މަޖިލީހުގެ ޖަލްސާތައް ހޯމަ ދުވަހު ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު އަލުން ފަށާގޮތަށް ހަމަޖައްސައިފިއެވެ.

ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާތައް އަލުން ފަށާއިރު މަޖިލީހުގެ ޖަލްސާ ބާއްވާ ހޯލަށް ބަޔެއް ކަހަލަ ބަދަލުތައް ގެންނާނެ ކަމަށް ވެއެވެ. އޭގެތެރޭގައި މަޖިލީހުގެ ރައީސް އިންނަވާ ގޮނޑިކޮޅު ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ބަޔެއް ކަހަލަ ބަދަލުތައް ގެނެސްފައިވާކަން ވަނީ ކަށަވަރު ވެފައެވެ.

ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާ ބާއްވާނެކަން މަޖިލީހުގެ ރައީސް ވަނީ މެމްބަރުންނަށްވެސް އަންގަވާފައެވެ. ނަމަވެސް އަދި ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ އިދާރާއިން ހާމަ ނުކުރެއެވެ. ދެވަނަ ދައުރަށް ފަހު އެއްމަސް ދުވަހުގެ ޗުއްޓީއަކަށް މެމްބަރުން ވަޑައިގެންނެވިއިރު ދެވަނަ ދައުރުގައި ބޭއްވީ އެންމެ 11 ޖަލްސާއެވެ.  ދެވަނަ ދައުރު ވެގެންދިޔައީ މަޖިލިސް ވަރަށް ބޮޑަށް ހަލަބޮލި ވެގެންދިޔަ ދައުރަކަށެވެ.

އެގޮތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިދިކޮޅު ފަރާތްތަކުން އިތުބާރު ނެތް ކަމުގެ ވޯޓުގެ މައްސަލަ ވައްދާފައި ވަނިކޮށް އިތުބާރު ނެތް ކަމުގެ ވޯޓު ވެއްދޭ އަދަދަށް ސަރުކާރު މެމްބަރުންގެ ތާއީދާއެކު ގެނައި ބަދަލާއެކު ދެވަނަ ފަހަރަށްވެސް އިދިކޮޅު މެމްބަރުން ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދާފައި ވަނިކޮށް އެ މައްސަލަ ބޭރުކޮށްލުމުން އުފެދުނު ނުތަނަވަސް ކަމުގައި މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ނުގެންދެވުނެވެ. މި މައްސަލައިގައި ބަޔެއް ޖަލްސާ ތަކުގައި މެމްބަރުން ވަނީ އެއްމެމްބަރަކު އަނެއް މެމްބަރެއްގެ ގަޔަށް އަތް ލާ ހިސާބަށްވެސް ގޮސްފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.