ދިވާލީއާ ދިމާކޮށް އިންޑިޔާގެ ބޮޑެތި ރަށްތަކުގައި ބަޑިބޭހުގެ ކުޅިވަރު މަނާކޮށްފި

އިންޑިޔާގައި އެންމެ ބައިބޯ ހިންދޫން ކޮންމެ އަހަރަކު ފާހަަގަކުރާ އެންމެ ބޮޑު އެއް އީދު، ދިވާލީ ފާހަގަކުރުމަށް ބޮޑެތި ރަށްތަކުގައި ބަޑިބޭހުގެ ކުޅިވަރު ބޭއްެވުން އިންޑިޔާގެ ތިމާވެށްޓާ ބެހޭ ކޯޓުން އިއްޔެ މަނާކޮށްފިއެވެ.

ނޭޝަނަލް ގްރީން ޓްރައިބިއުނަލުން ނެރުނު އަމުރުގައި ވާގޮތުން މި ނޮވެންބަރު މަހުގެ 14 ވާ ހޮނިހިރު ދުވަހު ފާހަގަކުރާ ދިވާލީ ފާހަގަކުރުމަށް މިހާރުވެސް ވައި ނުސާފުވުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށްތަކުގައި ބަޑިބޭސް ބޭނުންކޮށް، ހަވާއެރުވުމަކީ ޖައްވު އިތުރަށް ނުސާފުވެ ކޮވިޑް-19 ގެ ހާލަތު ގޯސްވެދާނެ ކަމެކެވެ.

ހިންދޫންގެ 'އަލީގެ އީދު' ދިވާލީގައި ގައި ކޮންމެ އަހަރަކު އެތައް މިލިިއަން ބަޔަކު ހަވާއެރުވުމާއި، ފަޓާސް ގޮއްވުން ފަދަ ބަޑިބޭހުގެ ކުޅިވަރުތަކުގައި ބައިވެރިވެއެވެ. މިކަމަކީ، ވައިގެ ނުސާފުކަން ވަރަށް އިތުރުކުރާ ކަމެކެވެ. ވަކިން ޚާއްސަކޮށް މިހާރުވެސް އިންސާނުންނަށް ނުރައްކާވާ ދަރަޖައަށް ވައި ނުސާފުވެފައިވާ ދިއްލީ ފަދަ ތަންތަނުގައެވެ.

އާއްމު ކޯޓެއްގެ ބާރުތައް ލިބިގެންވާ ގްރީން ޓްރައިބިއުނަލުން ބުނި ގޮތުގައި ބަޑިބޭހުގެ ކުޅިވަރުން ޖައްވު ނުސާފުވުމަކީ "ފުރާނައާއި އާއްމު ސިއްހަތަށް ހުރި ނުރައްކާ އިތުރަށް ބޮޑުކުރާނެ" ކަމެކެވެ.

ޓްރައިބިއުނަލްގެ އަމުރުގައި ވާގޮތުން ވެރިރަށް ނިއު ދިއްލީ އޮންނަ ސަރަހައްދު، ނޭޝަނަލް ކެޕިޓަލް ރީޖަން (އެންސީއާރް) އާއި ވައި ނުސާފުކަމުގެ މިންގަޑު "ވަރަށް ދަށް" ކަމަށް ދައްކާ ރަށްތަކުގައި މިއަދުން ފެށިގެން މި ނޮވެންބަރު މަހުގެ 39 ވަނަ ދުވަހާ ހަަމައަށް ބަޑިބޭހުގެ އުފެއްދުންތައް ވިއްކުމާއި، ބަޑިބޭހުގެ އެއްވެސް ކުޅިވަރެއް ބޭއްވުން މަނާވާނެއެވެ. މިއަމުރާ ގުޅިގެން ދިއްލީގެ ފުލުހުން ބުނެފައިވަނީ ބަޑިބޭހުގެ އުފެއްދުންތައް ވިއްކަން ދޫކޮށްފައިވާ ހުރިހާ ހުުއްދައެއް މިމަހުގެ ނިޔަލަށް ބާޠިލުކޮށްފައިވާ ކަމުގައެވެ

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުން ގްރީން ޓްރައިބިއުނަލްގެ އަމުރުގެ ދަށުން 23 ސްޓޭޓެއްގެ 122 ރަށެއްގައި ބަޑިބޭހުގެ ކުޅިވަރުތައް މަނާވާނެެއެވެ. މި ރަށްތަކުގެ ތެރޭގައި ނިއުދިއްލީ، މުންބާއީ، ކޮލްކަތާ، ޕަޓްނާ، ވަނާރްސީ، ޗާންދީގަޅް، މުޒައްފަރުއާބާދުފަދަ ރަށްތައް ހިމެނެއެވެ.

ދެކުނުގެ ޓެމިލް ނާޑޫ ސްޓޭޓުގައި ބަަޑިބޭހުގެ ކުޅިވަރު މުޅިން މަނާނުކޮށް އެކަމަށް ވަގި ވަގުތުތަކެއް ވަނީ ކަނޑައަޅާފައެވެ. އެއީ ކޮންމެ ދުވަހަކު ހެނދުނު 6:00 އަށް 7:00 އަށް އަދި ރޭނގަޑު 7:00 އިން 8:00 އަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.