ދުވަސްވީ މީހުންނަކީ ގައުމުގެ އެންމެ ބޮޑު ޚަޒާނާ- ނައިބު ރައީސް

ކޮންމެ ގައުމެއްގައިވެސް އެގައުމެއްގައި ތިބޭ ދޮށީ އުމުރުގެ މީހުންނަކީ ގައުމަށް ލިބިފައިވާ އެންމެ އަގު ބޮޑު ޚަޒާނާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ  ބައިނަލް އަގްވާމީ ގޮތުން ފާހަގަ ކުރަމުން އަންނަ ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުމަށް މިއަދު އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދަކީ ބައިނަލް އަގްވާމީ ދުވަސްވީ މީހުންގެ ދުވަހެވެ.

އިސްލާމިކް ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި "ދޮށީ އުމުރުގެ މީހުންގެ ގައުމީ ސިޔާސަތު" އިފްތިތާޙު ކުރެއްވުމަށް ފަހު ނައިބު ރައީސް ވިދާޅުވީ ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު ރައުސްމާލަށް ވީފަދައިން ދުވަސްވީ މީހުން ވެފައި ވަނީ ގައުމުގެ އެންމެ އަގުބޮޑު ޚަޒާނާއަށް ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ މިއަދު އިފްތިތާހު ކުރެވިގެންދިޔަ ސިޔާސަތަކީ، މިހާރުގެ ސަރުކާރުން ދޮށީ ޢުމުރުގެ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ ވަޢުދުގެ ދަށުން އެކުލަވާލާފައިވާ ސިޔާސަތެއް ކަމަށެވެ. އަދި ސަރުކާރުގެ މި ވަޢުދު ތަންފީޒުކުރުމަށްޓަކައި ސަރުކާރުގެ އެކި މުއައްސަސާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި، މި ސިޔާސަތު އެކުލަވާލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވި ލަފާފުޅާއި އިރުޝާދުތަކަށްޓަކައި އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.