ކުށްވެރިންގެ ފައިގައި ޓެގް އެޅުވުން ހުއްޓާލީ ސީދާ ރައީސް ޔާމީންގެ އޯޑަރަށް- އަމީން

ރާއްޖޭގައި ނުރައްކާތެރި ކުށްވެރިންގެ ފައިގައި ޓެގް އަޅުވަން ފެށި ނަމަވެސް އެކަން ހުއްޓާލަން ޖެހުނީ ސީދާ ރައީސް އަބްދުﷲ ޔާމީންގެ އޯޑަރަށް ކަމުގައި ރައީސް ޔާމީންގެ ސަރުކާރުގެ ވަޒީރުކަން ކުރެއްވި ޖޭޕީގެ ޑެޕިއުޓީ ލީޑަރ އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ރައީސް ޔާމީންގެ އޯޑަރަށް" ޓެގް އެޅުވުން ހުއްޓާލި ފަހުން އެތައް ފުރާނައެއް "ދުއްވާލައިފި" ކަމަށެވެ. އަދި އެއްވެސް ވެރިކަމެއްގައި މާލޭގައި "މީހުން ކަތިނުލާވަރަށް" މިވެރިކަމުގައި "ކަތިލައިފި" ކަމަށްވެސް އަމީން ވިދާޅުވެފައި ވެއެވެ.  އަމީން ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ގޭންގް ތަކުން މީހުން މަރާ މީހުން ފިލުވައި އެމީހުންނަށް ޙިމާޔަތް ދެމުން ދަނީވެސް ރައީސް ޔާމީންގެ ސަރުކާރުން ކަމަށެވެ.

ނުރައްކާތެރި ކުށްވެރިން ފައިގައި ޓެގް އަޅުވަން ފެށީ ހޯމް މިނިސްޓަރު ކަމުގައި އުމަރު ނަސީރު ހުންނެވިއިރުއެވެ. އޭރު ބަޔެއް ކުށްވެރިންގެ ފައިގައި ޓެގް އަޅުވާފައި ދޫކޮށްލި ނަމަވެސް ވަކި ހިސާބަކުން އެކަން ވަނީ ހުއްޓިފައެވެ. ނަމަވެސް އެކަން ހުއްޓުނީ ކީއްވެގެންކަން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައެއް ނުވެއެވެ.

ފަހަކަށް އައިސް މާލޭގައި މީހުން މެރުމާއި ތޫނު ހަތިޔާރުން މީހުންނަށް ހަމަލާދިނުން އާންމުވެފައިވާތީ ފުލުހުން މިހާރު ދަނީ އޮޕަރޭޝަންތައް ވަރުގަދަ ކުރަމުން ކަމަށް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ހުޅުމާލޭގައި ވަޅިން ހަމަލާދީ ޒުވާނަކު މަރާލިރޭ މާލޭގައިވެސް ވަޅިން ޒުވާނަކަށް ހަމަލާދިނުމާއި ގުޅިގެން ފުލުހުން ދަނީ އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި މާރާރީމަތާއި ގުޅިގެން ބަޔަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ. އެނގިފައިވާ ގޮތުގައި މިއީ ދެ ގްރޫޕެއްގެ މެދުގައި ހިނގަމުންދާ ބަދަލު ހިފުމުގެ މާރާމާރީ ތަކެކެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.