2012 ގައި ވެރިކަން ބަދަލުކުރުމުގެ ޙަރަކާތްތަކެއް ހިނގުން ގާތްކަމުގެ އިންޓެލިޖެންސް މަޢުލޫމާތު (އެދުވަސްވަރު) ލިބިފައިވާ ކަމަށް އޭރު ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެެވެ.
ސީޕީ ޙަމީދު މިކަން ހާމަކޮށްފައި ވަނީ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ފެބުރުއަރީ ހަތެއް 2012 ގައި ވެރިކަން ބަދަލު ވުމުގައި ހިނގާ ދިޔަ ކަންތައްތަކަކީ ޕްރޮފެޝަނަލް ފުލުހެއްގެ ހައިސިއްޔަތުން ޤަބޫލު ކުރޭވެނެ ކަންތައްތަކެއް ނޫންކަމަށް ސިޕީ ވިދާޅުވިއެވެ. އެހެންކަމުން އެކަމާ ދެކޮޅަށް އަޑު އުފުލައިގެން ދެން އޭނަޔާމެދު ކަންތައްތައްވި ގޮތަކަށް ވެގެން ދިޔައީ ކަމަށް ވިދާޅުވިއެވެ.
ފެބުރުއަރީ ހަތެއްގެ ޙާލަތަށް ކަންތައްތައް ގޮސްދާނެ ކަމުގެ އިންޓެލިޖެންސް މަޢުލޫމާތު އަންގަވަން ޖެހޭ ފަރާތްތަކަށް އެންގެވިކަމަށް ވެސް ސީޕީ ޙަމީދު ވިދާޅުވިއެވެ.
އޭރުގެ މަސްރަޙާ ބެހޭގޮތުން 23 ޖެނުއަރީ 2012 ގައި ވަރަށް ތަފްޞީލް އެސެސްމެންޓެއް ހައްދެވިކަމަށް ވެސް ސީޕީ ޙަމީދު ވިދާޅުވިއެވެ. ކޯނީ ރިޕޯޓުގެ ތަޙްޤީޤަށް ވެސް ދެފަހަރެއްގެ މަތިން އެވާހަކަތައް ވިދާޅުވެ ދެއްވިކަމަށް ޙަމީދު ވިދާޅުވިއެވެ. އަދި މަޖިލީހުގައި އެމައްސަލަ ދިރާސާ ކުރެއްވި ކޮމެޓީގައިވެސް އެވާހަކަ ދެއްކެވި ކަމަށް ވިދާޅުވިއެވެ.
" އޭރު މަސްރަޙަު ބަދަލު ވަމުން އައި ގޮތާއި އޭގެ ސަބަބުން ނުކުމެދާނެ ނަތީޖާ ތަކުގެ މައްޗަށް ބާރު ލިބިދޭ ގޮތަކަށް ޙަރަކާތްތަކެއް، ކަންތައްތަކެއް ހިނގަމުން އައިކަމަށް މަޢުލޫމާތު ލިބިފައި ވަނީ. އެހެންވީމާ އެއީ (ވެރިކަން ބަދަލުވުމުގެ ކަންތައްތަކެއް) ވުުން ވަރަށް ގާތްކަމެއް ގޮތުގައި، އިންޓެލިޖެންސްގެ ޓާރމުން ބުނަންޏާ "ހައިލީ ލައިކްލީ" ކަމެއްކަމަށް އަންގާފައި ވާނީ" ސިޕީ ޙަމީދު ވިދާޅުވިއެވެ.
ފުލުހުންގެ އިންޓެލިޖެންސްގެ ވެރިއަކަށް ހުންނެވި އިރު ފުލުހުންގެ ބޭނުމަށް އެއްކޮށްފައިވާ މުހިއްމު މަޢުލޫމާތާއި ޤައުމީ ސަލާމަތާއި ގުޅުންހުރި މުހިއްމު މަޢުލޫމާތު ތަކުގެ އިތުރުން ޙަޤީޤަތެއް ނެތް ދޮގު މަޢުލޫމާތުތަކެއް އެހެން ބަޔަކަށް މަންފާ ކުރަނިވި ގޮތަކަށް ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި ސީޕީ ޙަމީދުގެ މައްސަލައެއް ފުލުހުން ކުރިން ވަނީ ތަޙްޤީޤްކޮށްފައެވެ.