ނަޞްރުގެ ސަބަބުތަކާއި އޭގެ ޙަޤީޤަތް

ނަޞްރުގެ ޙަޤީޤަތް

ނަޞްރާ ބެހޭގޮތުން ވާހަކަ ދައްކާ އިރު،  ހިތަށް،  ފުރަތަމަ ވެސް އަރާނީ ، އެއީ ހަނގުރާމައިގެ  މައިދާނުގައި  ޙާޞިލުކުރެވޭ އަޞްކަރީ ނަޞްރުކަމަށެވެ  . ބައެއް މީހުން ދެކޭގޮތުގައި ނަޞްރު ލިބުމަކީ ،ދުޝްމަނުންގެ ގިނަ ބަޔަކު މަރައިލައި ، އެމީހުންގެ ބިންތައް ހިފައި، އެމީހުންގެ މުއްސަނދިކަމުން ބައެއް އަތުލައި، އެމީހުން ވަޒަނުން ބޭރުކޮށްލުމުން  ޙާޞިލުވާ ކަމެކެވެ. ނަމަވެސް ޙަޤީޤީ މިންގަނޑަކުން ބަލައިފި ނަމަ މިއީ ނަޞްރުގެ ޙަޤީޤީ މަފްހޫމެއް ނޫނެވެ.މިސާލަކަށް މިދާކަށް ދުވަހު އިސްރާއީލުން ޣައްޒާއަށް ދިން ޢުދްވާނީ ޙަމަލާތަކުގައި ފިލަސްޠީނުގެ ދެ ހާހެއްހާ މީހުން ވަނީ ޝަހީދުވެފައެވެ. ޣައްޒާގެ ވަތު އޮނިގަނޑުގެ ބޮޑުބައެއް ވަނީ ހަލާކުކޮށްލައިފައެވެ.އިސްރާއީލުން މިއީ އެމީހުންނަށް ލިބުނު ނަޞްރެއް ކަމަށް ދަޢުވާކުރެއެވެ. ނަމަވެސް ޙަޤީޤީ މިންގަނޑުން ބަލައި އިރު އިސްރާއީލަށް ނަޞްރު ލިބުނު ކަމަށް ބުނެވިދާނެތޯއެވެ. އިސްރާއީލަށް މި ޢުދްވާނުން އެމީހުންގެ ލަނޑުދަނޑިތައް ޙާޞިލު ކުރެވުނުތޯއެވެ. ޙަމާސް ޖަމާޢަތުގެ ޒަޢާމަތު ނައްތައި ލެވުނުތޯއެވެ؟ ފިލަސްޠީނުގެ ފިދާއީން އިސްރާއީލަށް ޙަމަލާ ދިނުމަށް ބޭނުންކުރާ ބިންގަރާސް މަގުތައް ނައްތައިލެވުނުތޯއެވެ؟ ފިލަސްޠީނުގައި ޤާއިމު ކުރެވުނު އެއްބައިވަންތަކަމުގެ ސަރުކާރު ( ފަތުޙު ޖަމާޢަތާއި ޙަމާސް ޖަމާޢަތުގެ ގުޅިފައިވާ ސަރުކާރު) ވައްޓައިލެވުނުތޯއެވެ؟ ބައިނަމްއަޤް މުޖްތަމަޢުން އިސްރާއީލަށް ޙާޞިލުވީ ކޮން އެއްޗެއްތޯއެވެ؟ އިތުރު ނުރުހުންތަކާއި ، ކުށްވެރިކުރުންތައް ނޫންތޯއެވެ. އޭގެ ބަދަލުގައި ފިލަސްޠީނު މީހުންނަށް ހަމްދަރްދީ އިތުރުވެގެން ދިޔައެވެ. ފިލަސްޠިނުމީހުންނަށް ލިބެން ޖެހޭ ޙައްޤުތަކެއްވާ ކަން ޤަބޫލުކުރާ މީހުން އިތުރުވިއެވެ.

އެހެންކަމުން ޙަޤީޤީ ނަޞްރަކީ ލަޑުދަނޑިތައް ޙާޞިލުކޮށްދޭ ނަޞްރެވެ. ކޮންމެ ހަނގުރާމައަކީ ވެސް ސިޔާސީ ލަނޑުދަނޑިތަކެއް ޙާޞިލު ކުރުމަށްޓަކައި ކުރާ ކަމެކެވެ. އުޞޫލުތަކެއް ވެރިކުރުމަށްޓަކައި ކުރާ ކަމެކެވެ. އިތުރު މިސާލުތަކަކަށް ބަލައިލަމާތޯއެވެ!

މާތްﷲ ވަޙީކުރައްވަނީ إِذَا جَاءَ نَصْرُ اللَّـهِ وَالْفَتْحُوَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّـهِ أَفْوَاجًا – النصر : 1-2 -  اللَّه ގެ نصر އާއި، فتح އަތުވެއްޖެ ހިނދެވެ.އަދި اللَّه ގެ دين އަށް މީސްތަކުން ބައިބަޔަށް ވަންނާތީ، ކަލޭގެފާނު ދެކެވަޑައިގެންފި ހިނދެވެ. " މި ދެ އާޔަތުގައި ﷲ ސުބްހާނަހޫ ވަ ތަޢާލާ މި ވަނީ ނަޞްރާ ފަތުޙުގެ ތަފާތު ބަޔާންކޮށްދެއްވައިފައެވެ. ފަތުޙު ގުޅިފައި އޮންނާނީ އައު ބިންތައް ހިފުމާއި އައު ބަޔަކު ތަބާވުމާއެވެ. އެކަމަކު ނަޞްރު ގުޅިފައި އޮންނާނީ އުޞޫލުތަކާއެވެ. މި ތާނގައި މިވާ އުޞޫލުތަކަކީ ﷲގެ ދީނެވެ. އިސްލާމީ ޢަޤީދާއާއި އިސްލާމީ ރިސާލަތުގެ އުޞޫލުތަކެވެ. މުސްލިމުން އެކަމާ މެދު އުފާކުރަން ޖެހޭ ނަޞްރަކީ އެ ދީނަށް މީސްތަކުން ބައިބަޔަށް ފައުޖުފައުޖަށް ވަނުމެވެ. ބައެއް ފަހަރަށް ފަތުޙުގެ ކުރިން ނަޞްރު ލިބިދާނެއެވެ. ނުވަތަ ލިބެން ފަށާފާނެއެވެ. ދުނިޔޭގެ މިއަދުގެ ޙާލަތަށް ބަލައި އިރު އިސްލާންދީނަށް ދަނީ ނަޞްރު ލިބެމުންނެވެ. ހުޅަނގާއި އިރުމަތީގައި ، އުތުރާއި ދެކުނުގައި، އެ ދީނަށް ވަންނަ މީހުން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެކަމަކު އިސްލާމީ ޤައުމުތަކުގެ މިއަދުގެ  ޙާލަތަށް ބަލައި އިރު  އެކަކަށް ވެސް ވަންހަނާވެގެން ނުވާނެ ފަދައިން އެއީ މާ އުފާވެރި ޙާލަތެއް ނޫނެވެ.

ކީރިތި ޤުރްއާނުގައި ވާރިދުވެފައިވާ އުޚްދޫދު ވާހަކައަށް ބަލައިލަމާތޯއެވެ. ކީރިތި ރަސޫލާގެ ސުންނަތުގައި މި ވާހަކަ ބަޔާންކޮށްދެއްވައިފައި ވެއެވެ. މާތްﷲ އަލްބުރޫޖު ސޫރަތުގައި ވަޙީ ކުރައްވަނީ قُتِلَ أَصْحَابُ الْأُخْدُودِ ، النَّارِ ذَاتِ الْوَقُودِ ، إِذْ هُمْ عَلَيْهَا قُعُودٌ - ވަޅުގަނޑުގެ އެކުވެރިންނަށް لعنة ލެއްވިއެވެ(އެ ވަޅުގަނޑަކީ) ދަރުއަޅައި ރޯކޮށްފައިވާ އަލިފާންގަނޑެވެ. އެއުރެން އޭގެކައިރީގައި އިށީނދެ ތިބިހިނދެވެ. " މި ވާހަކައިގައި ޤާތިލަކީ ރަސްގެފާނެވެ. ގާތުން ބަލައި އިރު ނަޞްރު ލިބިފައި ވަނީ ރަސްގެފާނަށެވެ. މި އަނިޔާވެރި ރަސްގެފާނު ޤަތުލުކުރީ ހަމައެކަނި އެ ކުޑަ ކުއްޖާއެއް ނޫނެވެ. އެ ކުއްޖާގެ ފުރާނައާ އެކު ރަށުގެ އެންމެން އެ ކުއްޖާގެ ދަޢުވަތަށް އީމާންވިއެވެ. މި ތާނގައި ނަޞްރު ލިބުނީ ކާކަށްތޯއެވެ؟ އަނިޔާވެރި ޤާތިލަށްތޯއެވެ. ނުވަތަ ބޭއިންސާފުން މަރައިލި ކުޑަކުއްޖާއަށްތޯއެވެ؟

އުޙުދު ހަނގުރާމައިގެ ދުވަހުގައި ކީރިތި ރަސޫލާގެ ބައެއް ޞަޙާބީން ރަސޫލާގެ އަމުރުފުޅާ ޚިލާފުވުމުގެ ސަބަބުން ، މުޝްރިކުންނަށް  މުސްލިމުންނާ ދެކޮޅަށް  ކުއްލި ޙަމަލާއެއް  ދެވޭނެ މަގު ތަނަވަސްވިއެވެ. މި ކުއްލި ޙަމަލާގެ ސަބަބުން މުސްލިމުންގެ އެތައް ބަޔަކު ޝަހީދުވުމުން މުޝްރިކުންނަށް ޢަސްކަރީ ކާމިޔާބެއް ލިބިއްޖެ ކަމަށް ހީވިއެވެ. ނަމަވެސް ފަހުން ވިސްނައިލުމުން އެމީހުންނަށް އެނގުނީ އެމީހުންގެ ލަނޑުދަނޑިތަކުން ވަރަށް ކުޑަ މިންވަރެއް މެނުވީ ޙާޞިލު ނުކުރެވުނު ކަމެވެ. އެމީހުންނަށް ޙާޞިލު ކުރެވުނީ ޖާހިލީ ޒަމާނުގެ ބަދަލު ހިފުމުގެ ޖަޒްބާތުގެ ތެރެއިން ކުޑަކުޑަ މިންވަރެކެވެ. ކީރިތި ރަސޫލާ އަނެއް ދުވަހު ހެނދުނު އިސްލާމީ ލަޝްކަރައިގެން ޙަމްރާއުލް އަސަދި ނަމަކަށް ކިޔާ ހިސާބަށް ނުކުމެވަޑައިގަތުމުން މުޝްރިކުންގެ ހިތަށް ބިރުވެރިކަން ވަދެ ފިލީއެވެ. އުޙުދުގެ ދުވަހުގައި ޢަސްކަރީ ގޮތުން މައްކާގެ މުޝްރިކުންނަށް ކާމިޔާބު ލިބުނު ނަމަވެސް، އެއީ ނަޞްރެއް ނޫނެވެ. މައްކާގެ މުޝްރިކުންނަށް މަދީނާއެއް ނުހިފުނެވެ. މުސްލިމުންގެ ލަޝްކަރު ހަނގުރާމައިގެ މައިދާނުން ފިލާކަށް ނުދުވެއެވެ. މުޝްރިކުންގެ އަތްދަށުގައި މުސްލިމުންގެ އެކަކުވެސް ހައްޔަރެއް ނުވެއެވެ. މުޝްރިކުންނަށް މުސްލިމުން އަތުން ޣަނީމާގެ ގޮތުގައި އެއްވެސް އެއްޗެއް ލިބިފައެއް ނުވެއެވެ. ކުރީ ޒަމާނުގެ އާދަކާދައާ އެއްގޮތްވާ ގޮތުގެ މަތިން މުޝްރިކުން ހަނގުރާމައިގެ މައިދާނުގައި އެންމެ ދުވަހަކަށް ވެސް މަޑެއް ނުކުރެއެވެ. އެކަމަކު އަވަސްވެ ގަތީ ހަނގުރާމައިގެ މައިދާން ދޫކޮށް ފިލާށެވެ. އަދި އެމީހުން މަދީނާއަށް އަރައި ތަންތަން ލޫޓުވައި އަންހެނުންނާއި ކުޑަކުދިން އަޅުވެތި ކުރާކަށް ނޫޅެއެވެ.

ޙުދައިބިއްޔާގެ ދުވަހުގައި މުޝްރިކުންނާ މުސްލިމުންނާ ދެމެދުގައި ޞުލްޙަ ޤާއިމުކުރުމުގެ ޢަހްދުނާމާ ލިޔެވުނު އިރު މުޝްރިކުން ވަރަށް ހަރުކަށި ޝަރްޠުތަކެއް މުސްލިމުންގެ މައްޗަށް ވަނީ ލާޒިމުކޮށްފައެވެ. ރަސޫލާގެ ބައެއް ބޮޑެތި ޞަޙާބީން ވެސް މި ކަމާ މެދު ކަންބޮޑުވެ ވަޑައިގަތެވެ. އެބޭކަލުން އެބޭކަލުންގެ ދީނަށް އެއްވެސް ކަހަލަ ނިކަމެތިކަމެއް ލިބުމަކީ ޤަބޫލު ކުރައްވާނެކަން ކަމެއް ނޫންކަން ދެއްކެވިއެވެ. ކީރިތިރަސޫލާ އެބޭކަލުންނާ ޖަދަލު ނުކުރައްވާ ވިދާޅުވީ " ތިމަންކަލޭގެފާނަކީ ﷲގެ ރަސޫލާއެވެ. އެކަލާނގެ ތިމަން ކަލޭގެފާނަށް ނަޞްރު ދެއްވާނެ ކަން ކަށަވަރެވެ. ތިމަންކަލޭގެފާނު އެކަލާނގެއަށް އުރެދި ވަޑައި ނުގަންނަވާ ހުށީމެވެ. " ޙުދައިބިއްޔާ ޞުލްޙައަށް ބަލައި އިރު އިރު އެއީ މުޝްރިކުން އިސްލާމީ ދައުލަތް ރަސްމީކޮށް ޤަބޫލުކުރުމެވެ. އެ ދައުލަތުގެ ވެރިއަކީ މުޙައްމަދު ބުނު ޢަބްދިﷲ - صلي الله عليه وسلم – ކަން ޤަބޫލު ކުރުމެވެ. މި ޞުލްޙައިގެ ސަބަބުން ރަސޫލުﷲގެފާނަށް ޤައުމުތަކާއި ޤަބީލާތަކުގެ މެދުގައި  ދީނަށް ގޮވައިލެއްވުމުގެ ފުރްޞަތު ތަނަވަސް ވެގެން ދިޔައެވެ. އިސްލާމީ ދައުލަތުގެ ޝާނާއި ޝައުކަތު ވަރުގަދަވެގެން ދިޔައެވެ. އަދި މި ކަމުގެ ސަބަބުން މައްކާ ފަތުޙު ކުރުމަށް މަގުފަހިވެ ދޮރު ހުޅުވިގެން ދިޔައެވެ.

ތަތާރުން ވަރުގަދަ ބާރެއްގެ ގޮތުގައި ނުކުމެ އިސްލާމީ ޚިލާފަތު ވައްޓާއިލައި ބަޤްދާދު ހިފައި އިސްލާމީ ޙަޟާރަތުގެ މަލަތައް ވަނީ ހަލާކުކޮށްލައިފައެވެ. އެމީހުން ފުރަތަމަ ފަހަރަށް ބަލިވީ ހިޖްރައިން 658 ވަނަ އަހަރު މުސްލިމުން ދިން ޙަމަލާގައެވެ. އޭގެ ތިން އަހަރު ފަހުން ތަތާރުން އިސްލާން ދީނަށް ވަންނަން ފަށައިފިއެވެ. ހިޖްރައިން 736 ވަނަ އަހަރާ ހަމައަށް ދިޔަ އިރު ހުރިހާ ތަތާރުން އިސްލާން ދީން  ޤަބޫލުކޮށް އިސްލާމީ ރިސާލަތުގެ ސިފައިންނަށް ބަދަލުވެގެން ހިގައްޖެއެވެ. އެހެންކަމުން އެންމެ ފަހުން ނަޞްރު މި ލިބުނީ  ދީނަށެވެ.

މި ކަހަލަ މިސާލުތަކުން ތާރީޚު ވަނީ ފުރިފައެވެ. ނަޞްރާ ބެހޭގޮތުން މި ދެކެވުނު ވާހަކަތަކާއި ޙާދިސާތަކުގެ އަލީގައި  ނަޞްރު ލިބޭނީ  ސަބަބުތަކަކާ ލައިގެން ކަން  އެނގިއްޖެއެވެ. ނަޞްރު ލިބޭނީ  ކަންތައްތަކެއްގެ ތެރެއިން ލައިފައެވެ.

ޤަބޫލު ކުރާ ހަރުދަނާ އުޞޫލެއްގެ މަތީގައި ސާބިތުވެ ތިބުން : މުސްލިމުންނަށް ބަލައި އިރު މިއީ އީމާންކަމާއި ދީނުގެ ޢަޤީދާގެ ތަރަހައެވެ. މި އުޞޫލުތަކުގައި ފަރުވާ ކުޑަ ނުކުރުމަށް މާތްﷲ މުސްލިމުންނަށް ވަނީ އަމުރުކުރައްވައިފައެވެ. މާތްﷲ ވަޙީ ކުރައްވަނީ فَاسْتَمْسِكْ بِالَّذِي أُوحِيَ إِلَيْكَ إِنَّكَ عَلَىٰ صِرَاطٍ مُّسْتَقِيمٍ - ފަހެ، ކަލޭގެފާނަށް އިއްވަވާ وحى އެއްގައި ކަލޭގެފާނު ހިފަހައްޓަވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުވަނީ، ސީދާވެގެންވާ ތެދުމަގެއްގެ މަތީގައެވެ." މި އުޞޫލޫން އެއްކިބާ ކުރުމަށް ދުޝްމަނުން މަސައްކަތް ކުރާނެތީ އެކަމަށް ރައްކައުތެރިވުމަށް މާތްﷲ އަންގަވައެވެ. އެކަލާނގެ ވަޙީ ކުރައްވަނީ وَاحْذَرْهُمْ أَن يَفْتِنُوكَ عَن بَعْضِ مَا أَنزَلَ اللَّـهُ إِلَيْكَ  - އަދި اللَّه، ކަލޭގެފާނަށް ބާވައިލެއްވި ބައެއް آية ން ކަލޭގެފާނު އެއްކިބާކޮށްފާނެތީ  އެއުރެންނާ މެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ!  " ރަސޫލުﷲގެފާނަށް ބަލައި އިރު އެކަލޭގެފާނު އިސްލާމީ ރިސާލަތާއި ދަޢުވަތާ ދުރަށް ލެވޭތޯ،  މުޝްރިކުން ކިހާ ވަރަކަށް މަސައްކަތް ކުރިތޯއެވެ! އެކަލޭގެފާނަށް ދުންޔަވީ އެތައް ހެއްލެނިވުންތަކެއް ހުށަހެޅިއެވެ. ނަމަވެސް އެކަލޭގެފާނު ރައްދަކީ " އޭ ބޮޑުބޭބޭފުޅާއެވެ! އެބައިމީހުން ތިމަންކަލޭގެފާނުގެ ކަނާތްޕުޅަށް އިރު ، އަދި ވާތްޕުޅަށް ހަނދު ލައިދީފައި މި ކަން ދޫކޮށްލުމަށް އެދުނަސް މިކަން ފާޅުވެއްޖައުމަށްދާނދެން ނުވަތަ ތިމަންކަލޭގެފާނު މި ކަމުގައި އަވަހާރަވެއްޖައުމަށް ދާނދެން ، މި ކަން ދޫކޮށް ނުލައްވާ ހުށީމެވެ. " ރަސޫލުﷲގެފާނުގެ މި ބަސްފުޅު ވެގެން ދިޔައީ ބޮޑުބޭބޭފުޅު އަބޫ ޠާލިބުގެފާނަށް ވެސް ލިބިވަޑައިގެން ހިތްވަރަކަށެވެ. އަބޫ ޠާލިބުގެފާނުގެ ޖަވާބަކަށް ވީ " އެދިވަޑައިގަންނަވާ ގޮތަކަށް ކުރިއަށް ވަޑައިގަންނަވާށެވެ. ފަހެ ﷲ ގަންދީ ދަންނަވަމެވެ.ކަލޭގެފާނު އެދިވަޑައި ނުގަންނަވާ ކަމަކަށް ކަލޭގެފާނު ދޫކޮށެއް ނުލައްވާނަމެވެ. "

މުޝްރިކުން ބިލާލުގެފާނަށް ގޯނާކުރިކުރިހެން އެކަލޭގެފާނުގެ އީމާންކަން ދިޔައީ ދުވަހެއްދުވަހަކަށް ވަރުގަދަވަމުންނެވެ. އެކަލޭގެފާނު ވިދާޅުވަމުން ދިޔައީ أحد أحد  އެވެ. ރޯމަނުން ޢަބްދުﷲ ބުނު ޙުޛާފަތިއް ސަހްމީ ހަނގުރާމައިގައި ހައްޔަރުކުރުމަށް ފަހު ތަފާތު ވަސީލަތްތަކުން އެކަލޭގެފާނު ދީނުން ނުވަތަ ދީނުގެ ބައެއް އުޞޫލުތަކުން ބޭރަށް ލެވޭތޯ މަސައްކަތް ކުރިއެވެ. ޖަލުގައި ހިލިހިލާ ޖަހާފައި ބަހައްޓައިގެން ބިރުދައްކައިގެން ވެސް ރޯމަނުންނަށް ވަނީ އެ ކަން ނުކުރެވިފައެވެ. އެންމެ ފަހުން ރޯމަނުންގެ ވެރިޔާ ޢަބްދުﷲގެ ކިބައިން އެދުނީ އޭނާގެ ބޮލުގައި ބޮސްދިނުމަށެވެ. އެކަމަކު  ޢަބްދުﷲ ވިދާޅުވީ އެކަލޭގެފާނާއެކު ހައްޔަރު ކުރެވުނު ހުރިހާ މުސްލިމު އަސީރުން ދުކޮށްލަން ޖެހޭނެ ކަމަށެވެ. ހުރިހާ އަސީރުން ދުކޮށްލައި މަތިން އެކަލޭގެފާނު ރޯމަނުންގެ ވެރިއާގެ ބޮލުގައި ބޮސްދެއްވިއެވެ. މިއިން އެނގެނީ ޙައްޤުގެ މަތީގައި ދެމި ހުރެއްޖެ ނަމަ އެ ޙައްޤު ގެއްލިގެން ނުދާނެކަމެވެ.

މުސްލިމުންގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން : މުޖްތަމަޢެއްގެ ހަރުދަނާކަމާއި އާރާއި ބާރު ދެމިގެން އަންނަނީ އެ މުޖްތަމަޢެއްގެ ދަރިންގެ މެދުގައި އޮންނަ ގުޅުމުގެ ތެރެއިންނެވެ. މި ގުޅުން ޙާޤީޤީ ގުޅުމަކަށް ވާނީ އެމީހުން ޙިއްޞާވާ ލަނޑުދަނޑިތަކުންނެވެ. އެމީހުން އުފުލާ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުންނެވެ. އެމީހުން ތަޙައްމުލުކުރާ ވޭނާއި ގިލަންތަކާއި މަޝާއިރުތަކުންނެވެ. މި ކަން އޮންނާނީ އެމީހުންގެ އެންމެ މުހިއްމު އަމާޒަށް ވާޞިލުވުމަށްޓަކައި ލައި  އެއްބާރުލުމާއި އެއްބައިވަންތަކަމުގެ މަތީގައެވެ. މާތްﷲ ވަޙީކުރައްވަނީ  إِنَّ اللَّـهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفًّا كَأَنَّهُم بُنْيَانٌ مَّرْصُوصٌ – الصف :4 - ހަމަކަށަވަރުން، ހަރުދަނާ ބިނާއެއް ފަދައިން ސަފުސަފަށް އެތުރިގެންތިބެ، އެކަލާނގެ މަގުގައި ހަނގުރާމަކުރާ މީހުންދެކެ، اللَّه ލޯބިވެވޮޑިގެންވެތެވެ. " މި ބަސްފުޅުން އެނގޭގޮތުގައި ހަނގުރާމަކުރުމަށް ނުކުންނަ ކޮންމެ މުޤާތިލަކީ ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބިގެންވާ މީހެއް ނޫނެވެ. އެކަމަކު ހަނގުރާމަ ކުރަން ނުކުންނަން ޖެހޭނީ ކޮމާންޑަރުގެ އަމުރުވެރިކަމުގެ ދަށުން އެއްޖަމާޢަތެއްގެ ގޮތުގައެވެ. މި ބަސްފުޅުން ދޭހަވާ ގޮތުގައި ޝަރްޢާ ޚިލާފުވާ ފަދަ ގޮތަކަށް ހަނގުރާމައަކަށް ނުނުކުމެވޭނެއެވެ. އިސްލާމީ އުއްމަތާ ކުރިމަތިވެފައިވާ ބޮޑެތި ފިތުނަތައް އުފެދިފައިވަނީ މިފަދަ ޢަމަލުތަކުގެ ސަބަބުންނެވެ. މުސްލިމުން މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމާއި، ޙާކިމާއާ ދެކޮޅަށް ނުކުތުމާއި،  މުސްލިމުންގެ އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅަށް  ދުޝްމަނުންނަށް ވާގިވެރިވުމުގެ ސަބަބުންނެވެ. މި ފަދަ ޢަމަލުތައް ހިނގައިފައިވަނީ ޝަރްޢުގެ އަޞްލުތަކާ ޚިލާފަށް ކޮށްފައިވާ ތައުވީލުތަކެއްގެ މަތީގައެވެ.މާތްﷲ އަންގަވަނީ މުސްލިމުން އެއް އުއްމަތެއްގެ ގޮތުގައި އަބަދުވެސް ދެމި ތިބުމަށާއި ބައިބައިވެގެން ނުދިޔުމަށެވެ.މާތްﷲ ވަޙީ ކުރައްވަނީ  وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ  -الأنفال : 46 -  އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ."

މާއްދީ ބާރުން ތައްޔާރުވުން : ކީރިތި ރަސޫލާގެ ރިސާލަތު ފާޅުވުމާއެކު ޙައްޤާއި ބާޠިލާ ދެމެދުގައި ހިނގަމުންދާ ކުރިމަތިލުންތަކުގެ މަލަތައް ވަނީ ފާޅުވެފައެވެ. ޙައްޤަށް ނަޞްރު ދިނުމަށްޓަކައި ޙައްޤުގެ އަހްލުވެރިން އެމީހުންގެ ދައުރު ފުރިހަމައަށް އަދާކުރަން ޖެހޭނެއެވެ. ކުރީގެ އުއްމަތްތަކުގެ މީހުން އަނިޔާވެރިންގެ ކިބައިން ސަލާމަތްވުމުގައި ބަރޯސާވެފައިވަނީ އިލާހީ ބާރުގެ މައްޗަށެވެ. އެކަމަކު  އިސްލާމީ ރިސާލަތާއެކު މި އުޞޫލުވަނީ ބަދަލުވެފައެވެ. ޙައްޤަށް ނަޞްރު ދިނުމުގައި މުއުމިނުތަކުންގެ ދައުރެއް ވެސް ވާ ކަން މާތްﷲ ވަނީ އަންގަވައިފައެވެ. އެކަލާނގެ ވަޙީކުރައްވަނީ يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّـهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ – محمد : 7 - އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް (އެބަހީ: اللَّه ގެ دين އަށް) نصر ދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް نصر ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ثابت ކުރައްވާނެތެވެ."  މާތްﷲ މުއުމިނުންނަށް އުފުއްލަން މި ޖެއްސެވި ބުރައަކީ އެމީހުންނާ ކުރިމަތި ކުރެއްވި އިމްތިޙާނެކެވެ. މާތްﷲ ވަޙީ ކުރައްވަނީ  وَلَوْ يَشَاءُ اللَّـهُ لَانتَصَرَ مِنْهُمْ وَلَـٰكِن لِّيَبْلُوَ بَعْضَكُم بِبَعْضٍ – محمد :4 - އަދި، اللَّه އިރާދަކުރައްވާނަމަ (ހަނގުރާމަކުރުމަކާ ނުލައި) އެއުރެންގެ މައްޗަށް ތިޔަބައިމީހުންނަށް نصر ލިބުނީސްކަން ކަށަވަރެވެ. އެހެނެއްކަމަކު (جهاد شرع ކުރެއްވީ) ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު امتحان ކުރެއްވުމަށްޓަކައެވެ."

މިހެންވެ، ނަޞްރު ހޯދުމަށްޓަކައި މުސްލިމުންނަށް ބާރުގެ ވަސީލަތްތައް ޙާޞިލުކުރަން އެބަ ޖެހެއެވެ. ނަޞްރު ލިބުމުގެ ބަހާތަކުގެ ތެރޭގައި ބާރު ހިމެނޭތީއެވެ. މާތްﷲ ވަޙީ ކުރައްވަނީ  وَأَعِدُّوا لَهُم مَّا اسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ الْخَيْلِ تُرْهِبُونَ بِهِ عَدُوَّ اللَّـهِ وَعَدُوَّكُمْ وَآخَرِينَ مِن دُونِهِمْ –الأنفال : އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ! އަދި އަސްތައްވެސް ބަނދެ ތައްޔާރުކުރާށެވެ! އެކަމުން اللَّه ގެ عدوّ ންނާއި، ތިޔަބައިމީހުންގެ عدوّ ންނާއި، އެއުރެންނޫން އެހެންބަޔަކު ބިރުގެންނެވުމަށްޓަކައެވެ." މި ބަސްފުޅުގައިވާ "ބާރު" ގެ ތެރޭގައި ހުރިހާ ބާރުތަކެއް ހިމެނޭކަމަށް ދަންނަބޭކަލުން ވިދާޅުވެފައިވެއެވެ. މީގެ އިތުރަށް މައްދީ ބާރުތަކުގެ ތެރޭގައި އިޤްތިޞާދީ ބާރާއި ޢަސްކަރީ ބާރަށް ބޭނުންވާ އެންމެހާ ކަންތައްތައް ހިމެނެއެވެ. ކުރުކޮށް ދަންނަވާ ނަމަ މުސްލިމުންގެ ބާރު ގަދަކޮށްދޭ ކޮންމެ ކަމެއް އޭގައި ހިމެނެއެވެ.

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.