ފަރަންސޭސިވިލާތާއެކު ސިޔާސީ އަދި ވިޔަފާރީގެ ގުޅުން ކަނޑާލުމަށް ގޮވާލައިފި

ފަރަންސޭސި ސަރުކާރުން މުސްލިމުންގެ ކިބައިން މާޢާފަށް އެދެންދެން އެޤައުމާއެކު ސިޔާސީ އަދި ވިޔަފާރީގެ ގުޅުން ނުބޭއްވުމަށް، ދިވެހި ސަރުކާރަށް، މަދަނީ ޖަމްޢިއްޔާތަކުން ގޮވާލައިފި އެވެ.

ޖަމްޢިއްޔާ ތަކުން މިކަމަށް ގޮވާލައިފައި ވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފަރަންސޭސި ސަރުކާރުން ފުރައްސާރަކުރި މައްސަލައި ގައި އެޤއުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލައު ނެރުނު ބަޔާނުގަވެ. ދިވެހި ސަރުކާރަށް އެކަމަށް ގޮވާލަނީ ދިވެހި ހުރިހާ މުސްލިމުންގެ ނަމުގައިކަމަށް ވެސް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮވާލުމަށް ސަރުކާރުން އިޖާބަ ނުދިންނަމަވެސް ކޮންމެ ދިވެއްސަކުވެސް އަމިއްލަ ފަރުދީ ޒިންމާގެ ގޮތުން ފަރަންސޭސިވިލާތުގެ އުފެއްދުންތައް އެކީ އެކަށް ބޮއިކޮޓު ކުރުމަށް ވެސް މަދަނީ ޖަމްޢިއްޔާތަކުން ވަނީ ގޮވާލައިފައެވެ.

"ފަރަންސޭސިވިލާތް ނުވަތަ ފްރާންސުގެ ސަރުކާރުން ހިންގާފައިވާ ލާދީނީ ގޮތެއްފޮތެއް ނެތް ނާތަހުޒީބު އެ ޢަމަލު ކުށްވެރިކުރުމަށް އަޅުގަނޑުމެން އަވަސްވެ ގަންނަންޖެހެއެވެ. އަދި އެޤައުމުގެ އުފެއްދުންތައް ބޮއިކޮޓުކޮށް، އެޤައުމުން އެ ޢަމަލުތައް ހުއްޓާލައި، މުސްލިމުންގެ ކިބައިން މާޢާފަށް އެދެފުމަށްދާންދެން، އެމީހުންނާއެކު ސިޔާސީ އަދި ވިޔަފާރީގެ އެއްވެސް ގުޅުމެއް ނުބޭއްވުމަށް ދިވެހި ސަރުކާރަށް އަޅުގަނޑުމެން މި ގޮވާލަނީ ދިވެހި ހުރިހާ މުސްލިމުންގެ ނަމުގައެވެ. އަދި މި ގޮވާލުމަށް ސަރުކާރުން އިޖާބަނުދިންނަމަވެސް ކޮންމެ ދިވެއްސަކުވެސް އަމިއްލަ ފަރުދީ ޒިންމާގެ ގޮތުން ފުރާންސުގެ އުފެއްދުންތައް އެކީ އެކަށް ބޮއިކޮޓު ކުރުމަށް ގޮވާލަމެވެ! އަދި އެކަމުގެ ނުރުހުމާއި އިންކާރުކޮށް އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާގެ ދިފާޢުގައި އަޅުގަނޑުމެންވެސް ކޮންމެވެސް ޙައިޘިއްޔަތަކުން ބައިވެރިވުމުގެ ނަޞީބު ލިބިގަތުމަށްވެސް އެންމެހާ އަޚުންނާ އުޚްތުންނަށް ހަނދުމަކޮށްއަރުވަމެވެ." މަދަނީ ޖަމްޢިއްތަކުގެ ބަޔާނުގައި ވެއެވެ.

މަދަނީ ޖަމްޢިއްޔާތަކުގެ ބަޔާނުގައި ވަނީ މިފަދަ ކޮންމެ ކަމަކީ ހައްދުފަހަނަޅާފައިވާ ކާފަރުން، ޑިމްކޮރެސީ އާއި އިންސާނީޙައްޤުގެ ނަމުގައި ފަތުރާ ޝިޢާރުތަކުގެ އަނެއްފަރާތުގައިވާ ނަފްރަތާއި ގަދަކަމުން މީސްތަކުން އަޅުވެތިކުރުމުގެ މަކަރުވެރި މަސައްކަތް ބޭޒާރުވެ، ހާމަކޮށްދޭ ކަމެއްކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކުން ހިންގާ މިފަދަ ޖަރީމާތަކާ މެދު އަދުގެ މުސްލިމުން ހޭލައި، މުސްލިމް މުޖްތަމަޢުތަކަށް އެކަންކަން ވެރިވެގަތުމުގެ ކުރީން ހުޝިއާރުވެ ތިބުމަށް، ދިވެހި ލޮބުވެތި މުޥާޠިނުންނަށް ހަދުމަކޮށްދީ ޚަބަރުދާރު ކުރުވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

"މުސްލިމުން އެދީނެއްގެ މަތީގައި ތިބޭ އިސްލާމްދީނުގައި އެންމެ ފަރުދަކު ދުނިޔޭގައި ހުއްޓަސް، ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ﷲ ފޮނުއްވި މާތް ނަބިއްޔާއަށް ފުރައްސާރަކުރުމަށް ކާފަރުންނަށް ފުރުޞަތު ނުދޭށެވެ! ކޮންމެ މުސްލިމަކީ އެކަލޭގެފާނުގެ ލަޝްކަރުގެ ސްޕާ ހީރޯއެއްކަން ކަށަވަރެވެ!" މަދަނީ ޖަމްޢިއްޔާތަކުގެ ބަޔާނުގައި ވެއެވެ.

ފަރަންސޭސިވިލާތުގެ ރައީސް ވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަޞައްލަމައަށް ނިސްބަތްކޮށް ކުރަހާފައިވާ ކާރޓޫނުތަކެއް އެޤައުމުގެ ސަރުކާރުގެ އޮފީސްތަކުގައި ބޮޑު ސްކުރީނުން އަޅުވާފައެވެ. އަދި އެއީ ޚިޔާލު ފާޅުކުރުންކަމަށް ވަނީ ވިދާޅުވެއެވެ. މިމައްސަލައިގައި މުސްލިމު ޤައުމުތަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި ބައެއް ޤައުމުތަކުން ވަނީ ފަރަންސޭސި ވިލާތުގެ އުފެއްދުންތައް ބޮއިކޮޓް ކޮށްފައެވެ. ރާއްޖޭގެ ޚާރިޖިއްޔާއިން ވެސް އެޢަމަލު ކުށްވެރިކޮށް ވަނީ ބަޔާނެއް ނެރެފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.