ނީސްގައި ވަޅިން ހަމަލާދީ 3 މީހުން މަރާލާފައި ވަނީ 21 އަހަރުގެ ޓިއުނީޝިޔާ މީހެއް

ނީސްގައި ހުންނަ ނޮޓްރެޑާމް ފައްޅި އިއްޔެގެ ހަމަލާއަށް ފަހު ބަންދުކޮށްފައި

ފްރާންސުގެ ނީސްގައި އިއްޔެ ވަޅިން ހަމަލާދީ ތިން މީހުން މަރާލާފައި ވަނީ އިޓަލީން ފްރާންސަށް އެތެރެވި އުމުރުން 21 އަހަރުގެ ޓިއުނީޝިޔާ މީހެއް ކަމަށް ފްރާންސުން ބުނެފިއެވެ.

ފްރާންސްގެ ޗީފް އެންޓި ޓެރަރިޒަމް ޕްރޮސެކިއުޓާ ޖޯން-ފްރާންސްވާ ރިކާޑް ވިދާޅުވި ގޮތުގައި އިބްރާހީމް އަލްޢުވައިސާވީ ނަމަކަށް ކިޔާ މީހާ ފާއިތުވި ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު އިޓަލީގެ ލަމްޕެޑޫސާ ޖަޒީރާއަށެވެ. އެރަށުގެ ބަނދަރުގައި އޮތް ބޯޓެއްގައި 14 ދުވަހު ކަރަންޓީނުގައި ހުރުމަށް ފަހު ދިއުމަށް ފަހު ވަގަށް ފްރާންސަށް އެތެރެވެ ވެރިރަށް ޕެރިހަށް ދަތުރުކޮށްފައިވަނީ މި އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

ހަމަލާދިން ޒުވާނާ ވަނީ އިއްޔެގެ ވަގުތެއްގައި ނީސްގައި ހުންނަ ނޮޓްރެޑާމް ފައްޅިއަށް ވަދެ އެތަނުގެ މުވައްޒަފެއްގެ ކަރުގައި ވަޅިއަޅައި، ފައްޅީގައި ހުރި އުމުރުން 60 އަހަރެގެ އަންހެނެއްގެ ކަރު ބުރިކޮށްލާފައެވެ. މި ދެ މީހުން ވެސް ވަނީ ފައްޅިތެރެއަށް މަރުވެފައެވެ. އިތުރު އަންހެނަކަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލުމުން، 44 އަހަރުގެ އެ މީހާ ފިލަން ވަނީ ކައިރީގައި ހުރި ރެސްޓޯރަންޓަކަށެވެ. އޭނާ ވަނީ އެތަނުގެ ތެރޭގައި މަރުވެފައެވެ.

ޚަތިމެއް ހިފައިގެން ﷲ އަކްބަރު ގޮވަމުން އިސްލާމްދީނުގެ ނަމުގައި މި ރަހުމްކުޑަ އަމަލު ހިންގި މީހާ ޕެރިހުން ނީސްއަށް ރޭލުގައި ދަތުރުކޮށްފައި ވަނީ އިއްޔެ ކަމަށް ވެއެވެ. ރޭލްވޭ ސްޓޭޝަނުން އޭނާ ދިޔައީ ސީދާ ފައްޅިއަށެވެ.

ކީރިތި މާތް ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ކާޓޫނުގެ މައްސަލަ އަނެއްކާވެސް ފެންމަތިވި ފަހުން މިއީ ފްރާންސަށް އަމާޒުކޮށް ދިން ތިންވަނަ ހަމަލާއެވެ.

މި މަހުގެ 18 ވަނަ ދުވަހު ފްރާންސް ކޮމްފްލާން ސާން އޮނޮރީންގައި މުދައްރިސަކަށް ހަމަލާދީ އޭނާގެ ކަރު ބުރިކޮށްލާފައި ވާއިރު، އިއްޔެ ޖިއްދާގައި ހުންނަ ފްރާންސްގެ ކޮންސިއުލޭޓަށް ވަދެ ވަޅިން ހަމަލާދީ އެތަނުގެ ގާޑަކު ވަނީ ޒަޚަމްކޮށްލާފައެވެ.

އިސްލާމްދީނަކީ ހަތިޔާރު ހިފައިގެން ނުކުމެ އާއްމުން މަރާލަން ގޮވާލާ ދީނަކަށް ނުވާއިރު، ދީނުގެ ނަމުގައި މިފަދަ އަމަލެއް ހިންގުމުން ގިނަ އިސްލާމީ ގައުމުތަކުން ވަނީ މި އަމަލު ކުށްވެރިކޮށްފައެވެ.

ފްރާންސުގައި މިހާރު ފެންމަތިވެގެން އުޅޭ ކާޓޫނުގެ މައްސަލައިގައި އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކުރުން ކުށްވެރިކުރެއްވުމުގެ ބަދަލުގައި އެ ހުތުރު އަމަލު ހިންގި މީހުންގެ ދިފާއުގައި ރައީސު އިމާނުއެލް މެކްރޯން ވާހަކަފުޅުދެއްކެވުމުން މުސްލިމުންގެ ރުޅިވެރިކަން ވަނީ ފްރާންސަށް އަމާޒުވެފައެވެ. އަދި ގިނަ މުސްލިމް ގައުމުތަކެއްގައި ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓްކުރުމުގެ ހަރަކާތެއްވެސް ވަނީ ފެށިފައެވެ.

އިއްޔެ ނީސްގައި ދިން ހަމަލާއާ ގުޅިގެން ވާހަކަފުޅުދައްކަވަމުން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެފައި ވަނީ އެ ފަދަ އަމަލުތައް ހިންގާ މީހުންނަކީ އިސްލާމްދީން ވެސް އަދި މުސްލިމުންވެސް ތަމްސީލުކުރާ ބައެއް ނޫންކަން ގަބޫލުކުރަން ޖެހޭ ކަމުގައެވެ.

"ކޮންމެ ގޮތަކަށް ބެލިނަމަވެސް މިފަދަ އަމަލުތަކަކީ ހުތުރުކަން ބޮޑު އަނިޔާވެރި ޖަރީމާތަކެއް. އަހަރުމެން އެންމެން ގަބޫލުކުރާ އުސޫލުތަކަށް ކުރާ އިހާނާތެއް. މިފަދަ ހަމަލާތައް ދޭ މީހުންނަކީ މުޖުރިމުން އަދި ޓެރަރިސްޓުން. އަދި އެއްވެސް ރަހުމެއް ނެތި ލޭ އޮހޮރުވާ މީހުން. އެމީހުންނަކީ އިސްލާމްދީން ތަމްސީލުކުރާ ބައެއް ނޫން." ޓްރޫޑޯ ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.