ރަތް ރޮނގު ހުރަސްކޮށްފީމު! ދަތިކުރުމުގެ ފިޔަވަޅު އެޅުން ވަރަށް ގާތް: އެމެރިކާގެ އިންޒާރު ތުރުކީއަށް

ރަޝިޔާގެ އެސް-400 ވައިގެ ދިފާއި ނިޒާމު

އެމެރިކާގެ އިންޒާރުތަކަށް ބެލުމެއް ނެތި ރަޝިޔާގެ އެސް-400 ވައިގެ ދިފާއި ނިޒާމު ޓެސްޓުކުރުމާ ގުޅިގެން އެމެރިކާއިން ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުން ވަރަށް ގާތްކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް (ޚާރިޖީ ވުޒާރާ) އިން ބުނެފިއެވެ.

"އެ ބިރު (ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ބިރު) ހަގީގަތަކަށް ވުން ވަރަށް ގާތް. އެއީ އެމީހުން އެސް-400 ގެ ފަހަތުން ކުރިއަށް ދާތީ." ސްޓޭޓް ޑިޕާޓްމަންޓްގެ ހަތިޔާރުވިއްކުގެ ކަންކަން ބަލަހައްޓަވާ އެންމެ އިސް އޮފިޝަލް އާރް. ކްލާކް ކޫޕާ ވިދާޅުވިއެވެ.

"އަދި އެމީހުން އެ ޓެސްޓުކުރުމަށް ފަހު ޔަގީނުންވެސް ދަތިކުރުމުގެ ފިޔަވަޅުގެ މައްސަލަ އޮތީ 'މޭޒުމަތީގައި'" އޭނާ އިތުރަށް ވިދާޅުވިއެވެ. މި އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ތުރުކީގެ ރައިސު ރަބަޖް ޠައްޔިބް އެރްދޮޣާން ވިދާޅުވެފައި ވަނި ތުރުކީން ވަނީ އެސް-400 ކާމިޔާބުކަމާއެކު ޓެސްޓުކޮށްފައެވެ. އެމެރިކާއިން ބުނަމުން ދަނީ ރަޝިޔާއިން އުފައްދާފައިވާ ހަތިޔާރު ބޭނުންކުރުމަކީ ތުރުކީ ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން) ގެ މެންބަރަކަށް ވުމާ ފުށުއަރާ ކަމެއް ކަމުގައެވެ. އަދި ނޭޓޯގައި ބޭނުންކުރާ އެމެރިކާގެ އަސްކަރީ މަތިންދާބޯޓު ވައްޓާނެ ހުނަރު އެ ސ-400 ގެ ޒަރީއާއިން ރަޝިޔާއަށް ލިބުމުގެ ބިރު އޮތްކަމަށް އެމެރިކާ ދެކެއެވެ.

2017 ވަނަ އަހަރު އެމެރިކާގެ ކޮންގްރެސްއިން ފާސްކޮށްފައިވާ ގާނޫނެއް ބުނާ ގޮތުން، އެމެރިކާގެ ވާދަވެރިން (ރަޝިޔާވެސް ހިމެނޭހެން) އަތުން ގިނަ އަދަދެއްގެ ހަތިޔާރު ގަތުމަކީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅާ ކުރިމަތިލާން ޖެހޭ ކަމެކެވެ.

އެ އަހަރު ތުރުކީން ރަޝިޔާގެ އެސް-400 ވައިގެ ދިފާއީ ނިޒާމު ގަތުމާއެކު އެމެރިކާއިން ތުރުކީއާ ދެކޮޅަށް ފިޔަވަޅު އަޅައި، އެފް-35 އަސްކަރީ މަތިންދާބޯޓުގެ ތަމްރީނު ޕްރޮގްރާމުން ތުރުކީ ބޭރުކޮށްލިއެވެ.

ކޫޕާ ވިދާޅުވި ގޮތުގައި އެމެރިކާއިން ވާނީ އެސް-400 ޓެސްޓް ނުކުރުމަށް އަންގައި ތުރުކީގެ ކުރިމަތީގައި ރަތް ރޮނގެއް ދަމާފައެވެ. ތުރުކީން އެ ރަތް ރޮނގު ހުރަސްކުރުމަށް ފަހު މިހާރު އެމެރިކާ އޮތީ ތުރުކީ ފަހަތަށް ފިޔަވަޅު އަޅާތޯ ބަލާށެވެ.

"އެ (ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމު) އެއް ފަރާތްކޮށްލާ. އެ ތުރުކީގެ ދިފާއީ ނިޒާމުގެ ތެރެއަށް ވައްދައިގެން ބޭނުންނުކުރޭ." އެމެރިކާ އެދޭ ގޮތް ހާމަކުރައްވަމުން ކޫޕާ ވިދާޅުވިއެވެ. "އަހަރުމެން ބޭނުންވަނީ (ތުރުކީ) އެ ސިސްޓަމް ބޭނުންކުރުމުން ފަހަތަށް ޖެހެން."

ހަމަ ޔަގީނުންވެސް އަހަރުމެން މި ކުރާ މަސައައްކަތަކީ ތުރުކީ ހުޅަނގާއެކު އޮންނާނެކަން ޔަގީންކުރުން. އެއީ ހަމައެކަނި އެމެރިކާއަކަށްނޫން. މުޅި އިއްތިހާދަށް (ނޭޓޯއަށް) ވެސް މުހިއްމު ކަމެއް." ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލް ވިދާޅުވިއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.