ކަންނެލީގެ އަގު ހިފެހެއްޓުމެއް ނެތި ދަށްވާތީ ކަންބޮޑުވުން

ފޮޓޯ: ޓުވިޓަރ (ބޮޑުކަންނެލި މަސްވެރިންގެ ޔުނިއަން)

ކަންނެލީގެ އަގު ހިފެހެއްޓުމެއް ނެތި ދަށްވާތީ ބޮޑުކަންނެލި މަސްވެރިންގެ ޔުނިއަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާ މެދު އެޔުނިއަނުން ކަންބޮޑުވުން ފާޅުކޮށް ކޮށްފައިވާ ޓްވީޓެއްގައި ވަނީ  ހިފެހެއްޓުމެއް ނެތި ކަންނެލީގެ އަގު ދަނީ ދަށްވަމުން ކަމަށެވެ. އެކަމުގެ ސަބަބުން ކަންނެލި މަސްވެރިން  ދުވަހަކަށްވުރެ ދުވަހެއް ނިކަމެތިވަމުން ދާކަމަށެވެ.

"ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއްގެ އާމްދަނީ ގުޅިފައިވާ ބޮޑު ކަންނެލި މަސްވެރިކަމަށް ސަރުކާރުން މިހާރަށްވުރެ ބޮޑަށް އަޅާލުން މުހިންމު!" ރައީސް ޞާލިޙާއި މަސްވެރިކަމާ ބެހޭ ވަޒީރަށް ޓެގްކޮށް ބޮޑުކަންނެލި މަސްވެރިންގެ ޔުނިއަނުން ކޮށްފައިވާ ޓްވީޓެއްގައި ވެއެވެ.

ބޮޑު ކަންނެލި ޔުނިއަންއިން ހާމަކޮށްފައިވާ ގޮތުގައި ކުންފުނުތަކުގައި ބޮޑުކަންނެލީގެ އަގު މިމަހު 24 އިން ފެށިގެން ހުރީ 30 ކިލޯއިން މަތިން ކިލޯއެއް 50 ރުފިޔާއަކަށެވެ. އަދި 18 ކިލޯއާއި 30 ކިލޯއާ ދެމެދުގެ ކިލޯ އެއް 40 ރުފިޔާއަށެވެ.

ކުންފުނިތަކުން ބޮޑު ކަންނެލީގެ އަގު މިމަހު ވިހީގައި މަތި ކުރިއެވެ. ނަމަވެސް ދެދުވަހެއްގެ ތެރޭގައި އަނެއްކާ ވެސް ވަނީ ކަންނެލީގެ އަގުދަށްކޮށްފައެވެ. މިމަހު 20 ވަނަ ދުވަހު އަގު ބޮޑުކޮށްފައިވަނީ 30 ކިލޯއިން މަތިން ކިލޯއެއް 70 ރުފިޔާއަކަށެވެ. އަދި 18 ކިލޯއާއި 30 ކިލޯއާ ދެމެދުގެ ކިލޯ އެއް 60 ރުފިޔާއަށެވެ. ނަމަވެސް އޭގެ ދެދުވަސް ފަހުން ވަނީ އަގުދަށް ކޮށްފައެވެ.  އޭރު ދަށްކުރިއަގަކީ  30 ކިލޯއިން މަތިން ކިލޯއެއް 55 ރުފިޔާއަކަށެވެ. އަދި 18 ކިލޯއާއި 30 ކިލޯއާ ދެމެދުގެ ކިލޯ އެއް 50 ރުފިޔާއަށެވެ.

ބޮޑުކަނެލި ޔުނިއަންއިން ބުނެފައިވަނީ ކެންނެލީ އަގު މައްޗަށް ޖެއްސީ ކަނޑު ގަދަވެ، ޔެލޯ އެލާޓުގެ ސަބަބުން މަސް ވެރިން ކަނޑުގައި ދުއްވާލަން ނުކެރި މަސް ނުބޭނުނު ދެ ދުވަހުކަމަށެވެ.

މަސްވެރިކަން ރަނގަޅުވުމާއެކު، ކަންނެލީގެ އަގުދަށްވެގެން ދިއުމަކީ ބޮޑުކަންނެލީގެ މަސްވެރިންގެ އަބަދުގެ ޝަކުވާއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.