ފްލެޓް ތަކުގެ ކުލި މަހަކު 6000 ރ، ޑައުންޕޭމަންޓް 25،000 ރ

ސަރުކާރުން ކުރިޔަށް ގެންދާ 'ގެދޮރުވެރި ކުރުން" ޕްރޮގްރާމްގެ ދަށުން ދޫކުރާ ފުރަތަމަ 661 ފްލެޓްގެ ކުލި އުޅޭނީ ތިން ކޮޓަރީގެ ފްލެޓެއް މަހަކު 6000 ރުފިޔާއަށް ކަމަށް ހައުސިންގ މިނިސްޓަރ ޑރ މުޙަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ފަހު ހައުސިންގ މިނިސްޓަރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ 6000 ރުފިޔާގެ މަގުން ކުލި ދައްކާނަމަ ފަންސަވީސް އަހަރުން ފްލެޓް މިލްކުވެރިވާ ގޮތަށް އޮތް ނަމަވެސް އެއަށްވުރެ ގިނައިން ފައިސާ ދައްކައިގެން ފްލެޓް މިލްކުވެރި ކުރުމުގެ ފުރުޞަތުވެސް އޮންނާނެއެވެ.

ފްލެޓްތައް ދޫކުރާއިރު ޑައުންޕޭމަންޓްގެ ގޮތުގައި ނެގުމަށް ހަމަޖައްސާފައި ވަނީ 25،000 ރުފިޔާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ޑރ މުއިއްޒު ވިދާޅުވީ މިއީ އެންމެ އަގު ހެޔޮކޮށް ފްލެޓް ދޫކުރާ ފަހަރު ކަމަށާއި  ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓަށް ފަހު ދާއިމީ ލިސްޓް ނެރުނުއިރު ބަދަލުތަކެއް އައިސްފައިވާނެ ކަމަށެވެ.

އެގޮތުން ވަގުތީ ލިސްޓުގައި ދެމަފިރިންނަށް ލިބިފައިވާ ފްލެޓްތައް އެހެން މީހުންނަށް ދީފައިވާނެ ކަމަށާއި އެހެން ކަމުން ވަގުތީ ލިސްޓުގައި ނެތް ބަޔެއް މީހުން މިހާރު ލިސްޓުގައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.  ބަދަލުތަކާއެކު ލިސްޓު ނެރުނު އިރު ކުރިން ލިސްޓުގައި ނެތް 60 މީހެއްގެ ނަން ވަނީ ހިމަނާފައެވެ. އެއީ ދެމަފިރިންގެ ގޮތުގައި ލިބުނު 60 މީހުންގެ ނަން އުނިކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.