ޚިޔާލު ހޯދުމުގެ ފޯރަމްގައި ޝަހިންދާ ބައިވެރިކުރުމުން ފާޑުކިއުން

އިންތިގާލީ އިންސާފުގެ ބިލަށް ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިގައި ރޭ ބޭއްވި ފޯރަމްގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވާރކް (އެމްޑީއެން)ގެ ރިޕޯރޓް މައްސަލައިގައި ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ހޯދަމުންދާ، އެޖަމިއްޔާގެ އިސްފަރާތެއްކަމުގައިވާ ޝަހިންދާ އިސްމާޢީލަށް ފުރުޞަތު ދެއްވުމުން އިދިކޮޅު ކޯލިޝަނުންނާއި ބައެއް އާއްމު ފަރާތްތަކުންވެސް ފާޑުކިޔައިފިއެވެ. 

ރޭގެ ފޯރަމްގައި ޝަހިންދާ ބައިވެރި ވަޑައިގެންފައިވަނީ ޖަރުމަން ވިލާތުގައި ހުންނަވައި އޮންލައިންކޮށެވެ. އޭނާވަނީ ބިލާގުޅިގެން ހުރި ބައެއް ކަންބޮޑުވުންތައް ފާޅުކޮށް އަދި ބައެއް ޚިޔާލުފުޅުތައް ވެސް ދެއްވައިފައެވެ. 

ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މަޖިލީސް މެމްބަރ ޢަބްދުއްރަޙީމް ޢަބްދުﷲ  ކުރެއްވު ޓުވީޓެއްގައި ވިދާޅުވީ، މަޖިލީހުން ބޭއްވި ޕަބްލިކް ފޯރަމެއްގައި ޝަހިންދާއަށް ފުރުޞަތު ދެއްވުމަކީ އިސްލާމް ދީނަށް ލޯބިކުރާ ދިވެހިންނަށް ރައީސް ނަޝީދު ދެއްވި ބިރުވެރި އިންޒާރެއް ކަމަށެވެ. 

"(އެއީ) ޝަހިންދާ އަކީ މި ސަރުކާރުގެ ލާދީނީ އެޖެންޑާ ތަންފީޒު ކުރުމުގެ މުހިންމު ބައިވެރިއެއްކަން ކަށަވަރުކޮށްދިންކަމެއް. އަދި ޝަހިންދާ ފޮރުވައިގެން އުޅެނީ މި ސަރުކާރުން ކަން އިތުރަށް ޔަގީންކޮށްދިން ހެއްކެއް." ޢަބްދުއް ރަޙީމް ވިދާޅުވިއެވެ. 

ޝަހިންދާ އާއި އަޒްރާ އަކީ އެމްޑީއެން އިން، އިސްލާމާދީނަށާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަޞައްލަމައަށް ފުރައްސާރަކޮށް "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓު ލިޔުމުގައި ބައިވެރިވެފައިވާކަމުގެ ތުހުމަތުގައި ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ޗިޓު ފޮނުއްވި ދެ މީހުންނެވެ. މިދެމީހުން ވެސް އުޅެމުން ދަނީ ރާއްޖެއިން ބޭރުގައެވެ. 

އެމްޑީއެން އުވާލުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެކަން ހާމަކުރައްވައި ޔޫތު މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވަނީ އެ ޖަމިއްޔާ އުވާލަން ނިންމެވީ އެޖަމިއްޔާއިން ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަތަކެއް ހުރިކަން ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ކުރި ތަހގީގުން ކަށަވަރުވެފައިވާތީ ކަމަށެވެ. އެމްޑީއެން އުވާލުމުގެ ކުރިން ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން 45 ދުވަހު މުއްދަތެއް އެޖަމްޢިއްޔާއަށް އޮތީ ދީފައެވެ. އެހެންކަމުން އެޖަމިއްޔާ ގާނޫނީ ގޮތުން ވާނީ އުވިފައިކަމަށް ބެލެވެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިހާރުވެސް ރާއްޖެއިން ބޭރުގައި އެޖަމިއްޔާ ހަރާކަތްތެރިވަމުން ދެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.