ކަޝްމީރުގެ މައްސަލަ ހައްލުކުރެވޭނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް އިންޑިޔާއިން އަމަލުކޮށްގެން: ކަޝްމީރުގެ ކަޅު ދުވަހުގެ މުނާސަބަތުގައި ބޮޑުވަޒީރު ޢިމްރާން ޚާންގެ ޚިޠާބު

އިންޑިޔާއާއި ޕާކިސްތާނު އެ ސަރަހައްދެއްގެ މިލްކުވެރިކަމަށް ދައުވާކުރާ ކަޝްމީރަުގެ މައްސަލަ ހައްލުކުރެވޭނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަަރާރުތަކަށް އިންޑިޔާއިން އަމަލުކޮށްގެން ކަަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ. އޭނާާ މިމޭރުމުން ވާހަކަފުޅުދައްކަވާފައި ވަނީ ޕާކިސްތާނާއި، ޕާކިސްތާނުގެ ދަށުގައިވާ ކަޝްމީރުގައި މިއަދު ފާހަަގަކުރާ 'ކަޝްމީރުގެ ކަޅު ދުވަހު'ގެ މުނާސަބަތުގައި އާއްމުކުރެއްވި ޚިޠާބެއްގައެވެ.

'ކަޝްމީރުގެ ކަޅު ދުވަސް' ފާހަގަކުރަނީ މީގެ 73 އަހަރުކުރިން، 27 އޮކްޓޯބަރު 1947 ގައި އިންޑިޔާ ސިފައިން ސްރީނަގަރަށް އަރައި ޖައްމޫ އެންޑް ކަޝްމީރު އިންޑިޔާގެ ބާރުގެ ދަަަށަށް ގެންދިޔަ ދުވަހާ ދިމާކޮށެވެ.

"ޣައިރު ގާނޫނީ ގޮތުން ޖައްމޫ އެންޑް ކަޝްމީރުގެ ބައެެއް އިންޑިޔާއިން ހިފައިގެން އޮތުމަކީ ބައިނަލްއަގުވާމީ މައްސަލައެއް. މިކަމުގެ ހައްލު ބިނާވެފައިވަނީ އދ.ގެ ޗާޓަރާ އެއްގޮތްވާ ގޮތުގެ މަތިން ނެރެފައިވާ އދ.ގެ ސަލާމަތީ މަޖިލީހުގެ ކަމާ ގުޅުންހުރި ގަަރާރުތަކުގެ މައްްޗަށް." އިމްރާން ޚާންގެ ޚިޠާބުގައި ވެއެވެ.

1947 ވަނަ އަހަރު އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުން އިންޑިޔާ މިނިވަންވެ ދެ ގައުމު އުފެދުނުއިރު، މުސްލިމް އަޣުލަބިއްޔަތެއް އޮންނަ ކަޝްމީރުގެ ރައްޔިތުން ބޭނުންވީ ޕާކިސްތާނާ ގުޅޭށެވެ. އެއީ، މުސްލިމުގެ އަޣުލަބިއްޔަތު އޮންނަ ސަރަހައްދުތައް ޕާކިސްތާނަށް ދިނުމަށް އިނގިރޭސިން ކަނޑައަޅާފައި އޮތް އުސޫލުގެ ދަށުންނެވެ. އެެހެންނަމަވެސް، އޭރު ކަޝްމީރުގެ ވެރިއަަކަށް ހުރި ހިންދޫ ރާޖާ ހަރީ ސިންގް ބޭނުންވީ އިންޑިިޔާގެ ބައެެއްގެ ގޮތުގައި ޖައްމޫ އެންޑް ކަޝްމީރު ބާއްވާށެވެ. އޭނާގެ ނިންމުމާ ދެކޮޅަށް ކަޝްމީރުގެ ބާރުތަކުންނާއި، އެމީހުންނަށް އެހީވި ޕަޓާން ގަބީލާގެ ހަނގުރާމަވެރިން ނުކުތުމުން، ރާޖާ ހަރީ ސިންގްގެ އެދުމަށް އިންޑިޔާ ސިފައިން އަރައި ޖައްމޫ އެންޑް ކަޝްމީރު އިންޑިޔާގެ ބާރުގެ ދަށަށް ގެންދިޔައެވެ.

"އިންޑިޔާއިން ކަޝްމީރުގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކަށް ހަތްދިހަ އަހަރަށްވުރެ ގިނަ ދުވަސްވެގެން ގޮސްފައި ވިޔަސް، ކަޝްމީރު ރައްޔިތުންގެ އަޒުމު ފުނޑުކޮށްލުމުގައި އިންޑިޔާ ވަނީ ނާކާމިޔާބުވެފައި. އިންޑިޔާއިން ހިންގާ ދައުލަތުގެ ޓެރަރިޒަމާއި، ޝަރީއަތެއް ކުރުމަކާއި ނުލައި ކަޝްމީރުގެ މައުސޫމު ރައްޔިތުން މެރުމާއި، މީގެކުރިން ދުވަހަކުވެސް ހަނިކޮށްފައި ނުވާވަަރަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން .............. މިކަންކަމަށް ބައިނަލް އަގްވާމީ މުޖުތަމައު ހެކިވާނެ." ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވެފައި ވެއެެވެ.

އިންޑިޔާ ސިފައިން ކަޝްމީރު ހިފުމާ ގުޅިގެން، ޕާކިސްތާނު ސިފައިން ވަނީ 31 ޑިސެންބަރު 1947 ގައި ކަޝްމީރަށް އަރައި ކަޝްމީރުގެ އެއްބައި ހިފާފައެެވެ. އަދި އދ.ގެ ސަލާމަތީ މަޖިލީހަށް އިންޑިޔާއިން ހުށަހަޅައިގެން 1 ޖަނަވަރީ 1948 ގައި ވަގުތީ ގޮތުން ހަނގުރާމަ ހުއްޓައި ދެ ގައުގެ ސިފައިންގެ ދެމެދުގައި އޭރު ކަޝްމީރު ދެބައިވެފައި އޮތް ރޮނގު އެއީ ލައިން އޮފް ކޮންޓްރޯލް ކަމުގައި ކަނޑައެޅިއެވެ.

21 އެޕްރީލް 1948 ގައި ނެރުނު އދ.ގެ ސަލާމަތީ މަޖިލީހުގެ 48 ވަނަ ގަރާރުގައި ކަޝްމީރުގެ ރައްޔިތުންނަށް އެމީހުންގެ މުސްތަގުބަލު ކަނޑައެޅުމުގެ ފުރުސަތު ދީ، އެމީހުން ދެކޭ ގޮތް ބެލަން ވޯޓެއް ނެގުމަށް ގޮވާލާފައި ވިޔަސް އިންޑިޔާއިން ވަނީ އެ ގަރާރަށް އަމަލުކުރުމަށް ދެކޮޅުހަދާފައެވެ. އަދި ކަޝްމީރަކީ އިންޑިޔާއާއި ވަކިނުކެވޭނޭ އިންޑިޔާގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

އިންޑިޔާއިން ދެކެނީ ކަޝްމީރުގެ މައްސަލައަކީ އިންޑިޔާގެ ދާޚިލީ މައްސަލައެއް ކަމުގައެވެ. އަދި ބައިނަލް އަގުވާމީ ހައްލެއް އެ މައްސަލައަށް ހޯދުމަށް އިންޑިޔާ ދެކޮޅު ހަދައެވެ.

"ކަޝްމީރުގެ ރައްޔިތުންނަށް ލިބިގެންވާ އަމިއްލަ މުސްތަގުބަލު ކަނޑައެޅުމުގެ ގާނޫނީ ހައްގު ހަގީގަތަކަށް ވަންދެން ކަޝްމީރުގެ ރައްޔިތުންނާއެކު ކޮނޑާ ކޮނޑު ހަމަކޮށް ޕާކިސްތާނު އޮންނާނެ." އިމްރާން ޚާންގެ ޚިޠާބު ނިންމަވާލައްވަމުން ވިދާޅުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.