ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ބަހުސް ފަށްޓަވައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމަށް ހުށަހަޅައިފައިވާ ބިލްގެ އިބްތިދާއީ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަށްޓަވައިފިއެވެ. 

ޤާނޫނު  އަސާސީއަށް މި އިޞްލާޙު ހުށަހެޅުއްވައޮފައި ވަނީ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެންބަރ އަޙްމަދު ޠާރިޤެވެ. އޭނާ ހުށަހަޅުއްވައިފައި ވަނީ ޤާނޫނު އަސާސީގެ 158ވަނަ މާއްދާއާއި 161 ވަނަ މާއްދާއާއި 162 ވަނަ މާއްދާ އާއި 165 މާއްދާ  އިޞްލާޙު ކުރުމަށްވެ. 158 ވަނަ މާއްދާ އަކީ  ޖުޑިޝަލް ސާރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަޔާންކުރާ މާއްދާއެވެ. 

މެމްބަރ ތާރިޤްގެ އިސްލާޙުގައި ވާގޮތުން އެކޮމިޝަން އެކުލެވިގެން ވާނީ:-

(ހ) އުއްތަމަ ފަނޑިޔާރު.

(ށ) ހައިކޯޓްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިޚާބުކުރާ ފަނޑިޔާރަކު.

(ނ) ދަށުކޯޓްގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓްތަކުން އިންތިޚާބުކުރާ ދެ ފަނޑިޔާރަކު. 

(ރ) ފަނޑިޔާރުންގެ ތެރެއިން ޝަރަފްވެރިކަމާއެކު މުސްކުޅިކޮށްފައިވާ މީހުންގެ ތެރެއިން އެބައި މީހުން އިންތިޚާބުކުރާ މީހަކު.

(ބ) ދިވެހިރާއްޖޭގައި ޤާނޫނީވަކީލްކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އެބައި މީހުން އިންތިޚާބުކުރާ މީހަކު.

(ޅ) ދިވެހިރާއްޖޭގައި ޤާނޫނީވަކީލްކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އެބައި މީހުން އިންތިޚާބުކުރާ އަންހެން ޤާނޫނީ ވަކީލަކު.

(ކ) ދިވެހިރާއްޖޭގެ ޔުނިވަރސިޓީތަކުގައި އިސްލާމީ ޝަރީޢަތުގެ ޢިލްމް ކިޔައިވައިދޭ ދާރިސުންގެ ތެރެއިން އެބައިމީހުން އިންތިޚާބު ކުރާ ދާރިސަކު.

(އ) ޤާނޫނީ ފަންނު ފިޔަވައި އެހެން ފަންނުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ ހުށަހަޅާ ރައްޔިތުންގެ މަޖިލީހުން ރުހުންދޭ މީހަކު. އެވެ. 

ޤާނޫނުއަސާސީގައި މިހާރު އޮތްގޮތުން ޖޭއެސްސީ އެކުލެވިގެން ވަނީ:- 

(ހ) ރައްޔިތުންގެ މަޖިލީހުގެ ރައީސް.

(ށ) ސްޕްރީމްކޯޓްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިޚާބުކުރާ އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު. 

(ނ) ހައިކޯޓްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިޚާބުކުރާ ފަނޑިޔާރަކު.

(ރ) ދަށު ކޯޓްގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓްތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު.

(ބ) ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެމްބަރަކު. 

(ޅ) އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު.

(ކ) ސިވިލްސަރވިސް ކޮމިޝަންގެ ރައީސް.

(އ) ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކު.

(ވ) ބަންޑާރަ ނާއިބް.

(މ) ދިވެހިރާއްޖޭގައި ޤާނޫނު ވަކީލްކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އެބައި މީހުން އިންތިޚާބުކުރާ މީހަކު. މިއެވެ.

މެމްބަރ ޠާރިޤްގެ އިޞްލާޙުގައި ބުނެފައި ވަނީ މިއިޞްލާހު ފާސްވެ ދަސްދީކޮށް ޢަމަލުކުރަން ފަށާތާ ތިންމަސް ދުވަހުގެ ތެރޭގައި ޖޭއެސްސީގެ ޤާނޫނާއި ޤަވާޢިދު އިޞްލާހުކޮށް ޤާނޫނު އަސާސީއަށް ގެނެވުނު އިޞްލާޙުގައިވާގޮތުގެ މަތިން އެކޮމިޝަން އެކުލަވާލަން ޖެހޭނެ ކަމަށެވެ. 

ބިލް ހުށަހަޅުއްވަމުން މެމްބަރ ތާރިޤް ވިދާޅުވީ މިހާރު ޤާނޫނުއަސާސީ ގައި ޖޭއެސްސީ އެކުލެވިގެވާ ގޮތަށް އެކޮމިޝަން އެކުލަވައިލައިފައި އޮތުމުން ވެރިކަން ހިންގުމުގެ ބާރާއި ޤާނޫނުހަދުމުގެ ބާރުގެ ނުފޫޒާއި ގޮތްކިޔުން އިންތިހާއަށްހިމެނި، ޢަދުލު އިންސާފް ޤާއިމްކުރުމުގެ ބާރަށް ޤާނޫނު އަސާސީން ލިބިދޭ މިނިވަން ކަމާއި މުސްތަޤިއްލުކަމަށް ހުރަސް އެޅެމުންދާކަމަށެވެ. އަދި ސިޔާސީޔާސީ ނުރަގަޅު ނުފޫޒު އެކޮމިޝަންގެ ނިންމުންތަކުގައި އެކުލެވިގެންވާކަންވެސް ޠާރިޤް ފާހަގަ ކުރެއްވިއެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރެއްވުމަށް ޤާނޫނު އަސާސީއަށް އިޞްލާޙު ހުށަހެޅުއްވީ ނުރަނގަޅު ސިޔާސީ ނުފޫޒުން އެއްކިބާވެ މަސައްކަތް ކުރުމުގެ މާހައުލެއް ޤާއިމް ކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ބިލް އެކުލައްވައިފައިވަނީ ދިރާސާތަކުގެ މައްޗަށާއި ތަޖުރިބާ ކާރުންގެ ލަފަޔާއެކުގައިކަމަށް ބިލް ހުށަހަޅުއްވަމުން  މަހިބަދޫ ދާއިރާގެ މެމްބަރ ތާރިޤް ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.