ފްރާންސުގައި ބުރުގާ އެޅުން މަނާކުރަން ގޮވާލައިފި

ނޭޝަނަލް ފްރަންޓް (އެފްއެން) ގެ ލީޑަރ މެރީން ލަޕެން އ

ފްރާންސުގައި މުސްލިމް އަންހެނުން އާއްމު ތަންތަނުގައި ބުރުގާ އަޅައިގެން އުޅުން މަނާކުރުމަށް އެ ގައުމުގެ ސިޔާސީ ލީޑަރަކު ގޮވާލައިފިއެވެ. މިކަަމަށް ގޮވާލާފައި ވަނީ އެންމެ ކަނާތު ފިޔައިގެ ހަރުކަށި ޕާޓީއެއް ކަަމަށްވާ ނޭޝަނަލް ފްރަންޓް (އެފްއެން) ގެ ލީޑަރ މެރީން ލަޕެން އެެވެ.

ޓީވީ ޕްރޮގްރާމެއް ކަމަށްވާ 'ގްރޭންޑް ޖޫރީ" ގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނެފައި ވަނީ ފްރާންސުގައި ބުރުގާ އަޅަައިގެން އުޅޭ މީހުން 1989 ވަނަ އަަހަރުން ފެށިގެން ވަރަށް ބޮޑުތަން އިތުރުވެގެން ގޮސްފައިވާ ކަމުގައެވެ. އަދި މިކަމުގެ ސަބަބުން ފްރާންސުގައި ދީނެއްގެ ގޮތުގައި އިސްލާމްދީން ބާރުގަދަވަމުން ދާކަމުގައެވެ.

އޭނާ ބުނި ގޮތުގައި ދައުލަތާ ދެކޮޅަށް ވަނީ "ހަނގުރާމައެއް" އިއުލާންކޮށްފައެެވެ. އަދި އެކަމަށް ރައްދުދޭން ޖެހެއެވެ.

"އަހަރުމެން ހަނގުރާމަ އިއުލާންކުރަން މިޖެހެނީ ދައުލަތަކާ ދެކޮަަަަަަަަަަަަަަަަަަަަަަޅަކަށް ނޫން." ލަޕެން ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި އިސްލާމްދީނާ ދެކޮޅަށް ކުރެވޭ ހަނގުރާމައަކީ "ފިކުރަކާ ދެކޮޅަށް" ކުރެވޭ ހަނގުރާމައެކެެވެ.

އިސްލާމީ ފިކުރަކީ ފްރާންސުގެ ދުޝްމަނެއް ކަމަށް ކަނޑައަޅައި، އިސްލާމްދީނަށް ތާއީދުކުރާ ޖަމާއަތްތަކުގެ މަސައްކަތްތައް ހުއްޓުވައި، މިސްކިތްތައް ބަންދުކޮށް، ބޭރުން އައިސް ތިބި މީހުން ފްރާންސުން ބޭރުކުރުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ.

އިސްލާމްދީނާ ދެކޮޅަށް ފްރާންސްގެ ރައީސު އިމާނުއެލް މެކްރޯން ދެއްކެވި ވާހަކަފުުޅުތަކާ ގުޅިގެން ފްރާންސުގައި މިހާރު ވަނީ އިސްލާމްދީނާ އިދިކޮޅު އޮއިވަރެއް ފެށިފައެވެ. މިކަން އިތުރަށް ގޮސްވެގެން ދިޔައީ، ރަސޫލާ ގެ ކާޓޫނު ދަރިވަރުންނަށް ދެއްކި މުދައްރިސަކު ކަރުބުރިކޮށް މަރާލުމާ ގުޅިގެންނެވެ.

ފްރާންސުގައި އިސްލާމްދީނާ ދެކޮޅަށް މިހާރު ހިންގާ ކަންކަމުގެ ރައްދެއްގެ ގޮތުން ބައެއް އިސްލާމީ ގައުމުތަކުގައި ވަނީ ފްރާންސުގެ އުފެއްދުންތައް ބޮއިކޮޓްކުރުމުގެ ހަރަކާތެއް ފެށިފައެވެ. މުސްލިމް ޒައީމުންގެ ތެރެއިން ފްރާންސާ ދެކޮޅަށް އެންމެ ބާރަށް އަޑުއުފުއްލަވާ ތުރުކީގެ ރައީސު ރަޖަބް ޠައްޔިބު އެރްދޮޣާން ވަނީ ފްރާންސުގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ތުރުކީގެ ރައްޔިތުންނަަށް ގޮވާލައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.