ޗިލީ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް ގާނޫނު އަސާސީ ބަދަލުކުރަން ތާއީދުކޮށްފި

އިއްޔެ ނެގި ވޯޓުގެ ނަތީޖާއަށް ފަހު ޗިލީ މީހުން މަގުމައްޗަށް ނުކުމެ އުފާފާޅުކުރަނީ

ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ޗިލީގައި ގާނޫނު އަސާސީ ބަދަލުކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދަން ނެގި ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލީ މީހުންގެ ބޮޑު އަޣުލަބިއްޔަތެއް ގާނޫނު އަސާސީ ބަދަލުކުރަން ތާއީދުކޮށްފިއެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކުރީގެ ޚުދުމުޚްތާރު ވެރިޔާ އަގުސްޓޯ ޕިނޮޝޭގެ ވެރިކަމުގައި އެކުލަވާލި ގާނުނު އަސާސީން ވަނީ ރައްޔިތުންގެ މެދުގައި އިގްތިސާދީ އަދި އިޖުތިމާއީ ތަފާތު ބޮޑުވުމުގެ ސަބަބަކަށް ވެފައެވެ. 2019 ވަނަ އަހަރާއި މިއަހަރު އެގައުމުގެ ހިނގި ބޮޑެތި ހަމަނުޖެހުންތައް ހިނގީވެސް ގާނޫނު އަސާސީ ބަދަލުކުރަން އެދި ރައްޔިތުންގެ ގިނަ ބަޔަކު ނުކުތުމުންނެވެ.

ވޯޓުގެ ގާތްގަނޑަކަށް %91 ގުނިފައި ވާއިރު، ވޯޓުލީ މީހުންގެ %78.24 ވަނީ އައު ގާނޫނު އަސާސީއެއް އެކުލަވާލުމަށް ތާއީދުކޮށްފައެވެ. ގާނޫނު އަސާސީ ބަދަލުކުރުމަށް ނޫނެކޭ ބުނެފައި ވަނީ %21.76 އެވެ.

1973 އިން 1990 އަށް ޗިލީގައި ޚުދްމުޚްތާރު ވެރިކަމެއް ކުރެއްވި ޕިނޮޝޭގެ ގާނޫނު އަސާސީ ބަދަލުކުރަން ގިނަ ބައެއްގެ ތާއީދު ލިބުމާއެކު، ޗިލީގެ ގިނަ ރަށްތައެއްގައި އެތައް ހާސް ބަޔަކު ވަނީ މަގުމައްޗަށް ނުކުމެ އުފާފާޅުކޮށްފައެވެ.

"މިފަދަ ބަދަލެއް ގެންނަން ޗިލީގެ ރައްޔިތުންނަށް އެއްބައި ވެވިދާނެކަމަށް އަހަރެން ދުވަހަކުވެސް ޚިޔާލުވެސް ކޮށްފައި ނުވޭ." މަގުމަތީގައި އުފާފާޅުކުރަމުން ދިޔަ މީހަކު ބުންޏެވެ.

ރިޔާސީ ގަނޑުވަރު ލަމޮނޭޑާގައި ކެބިނެޓްގެ ބޭފުޅުންނާއެކު އިންނަވައިގެން ގައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސު ސެބާސްޓުއަން ޕިޏޭރާ ވަނީ އާ ގާނޫނު އަސާސިއެއް އެކުލަވާލުމަށް އެންމެން ގުޅިގެން މަސަކަތްކުރުމަށް ގޮވާލައްވާފައެވެ.

"ގާނޫނު އަސާސީ ބަދަލުކުރަން ވޯޓުލުމުން އަދި ނިމުނިއެއް ނޫން. އެއީ ޗިލީއަށް ގެންނަ އާ ގާނޫނު އަސާސީއަކަށް އެއްބަސްވާން އެންމެން ގުޅިގެން ކަޑައްތުކުރަން ޖެހޭ ދިގު ރާސްތާގެ ފެށުން." ރައީސު ޕިޏޭރާ ވިދާޅުވިއެވެ.

"މިހާތަނަށް ގާނޫނު އަސާސީ ދިޔައީ އަހަރުމެން ބައިބައިކުރަމުން. މިއަދުން ފެށިގެން އަހަރުމެން އެންމެން ގުޅިގެން މަސައްކަތްކުރަންޖެހެނީ އާ ގާނޫނު އަސާސީއަކީ އެއްބައިވަންތަކަމާއި، ހަމަޖެހުމާއި، ކުރިމަގަށްޓަކައި އެކުލަވައިލެވޭ ވަރުގަދަ އޮނިގަނޑަކަށް ހަދަން." އޭނާ އިތުރަށް ވިދާޅުވިއެވެ.

ގާނޫނު އަސާސީ ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސު ޕިޏޭރާގެ ސަރުކާރުން އެއްބަސްވީ ދިގުދެމިގެން ދިޔަ ބޮޑެތ މުޒާހަރާތަކަކަށް ފަހުގައެވެ. އޮކްޓޯބަރު 2019 އިން މިއަހަރުގެ ފެބްރުވަރީ މަހާއި ހަމައަށް ކުރި މުޒާހަރާތަކުގައި 30 މީހުން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.