ކޮލަމާފުށީ ބަނދަރަށް ރައްޔިތުން ބޭނުންވި ބަދަލުވާނީ ގެނެވިފައި: ޕްލޭނިން މިނިސްޓަރ

ކޮލަމާފުށީ ބަނދަރަށް ރައްޔިތުން ބޭނުންވި ބަދަލު ގެނެވިފައިވާކަމަށް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮލަމާފުށީ ބަނދަރާގުޅޭ ގޮތުން އެދާއިރާގެ މެމްބަރު ސަޢުދު ޙުޞައިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ވިލިނގިލީ ބަދަދަރުގެ މަސައްކަތް މިމަހު ހަވަނަދުވަހު ބަޔަކާ ޙަވާލުކޮށްފައިވާކަމަށެވެ. މިމަސައްކަތް ޙަވާލުކުރައްވައިފައި ވަނީ ހެވީ ފޯސް ކިޔާ ކުންފުންޏަކާއެވެ. އެކުންފުނިން މިހާރު ވަނީ ބަނދަރުގެ ޢަމަލީ މަސައްކަތް ފަށައިފައިކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިހާރު ކުރަމުން ދަނީ އީއައިއޭ ހެދުމުގެ މަސައްކަތް ކަމަށް ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ކޮލަމާފުށީގައި 1080 ފޫޓްގެ ބަދަރެއް ހިމެނުއްވީ އެސައިޒަށް ކައުންސިލުން އެޕްރޫވަލް ލިބިފައި އޮތުމުން ކަމަށެވެ. ނަމަވެސް ބަނދަރު ބޮޑުކުރުމަށް އެދުމުން މިހާރު 1200 ފޫޓަށް ބަނދަރު ބޮޑުކުރުމަށް ނިންމައިފައިވާކަމަށެވެ. އަދި ބަނދަރު ފުޅާމިން 400 ފޫޓް އިތުރުކޮށްދެއްވައިފައިވާކަމަށެވެ. އެއީ 130 ފޫޓްގެ އުޅަނަދެއް ފަސޭހަ ކަމާއެކު ބަނދަރަށް ވަދެ ނުކުމެވޭނެ ސައިޒެއްކަމަށް ވިދާޅުވިއެވެ. ބޭރު ތޮށީގައި ކީ ވޯލެއް ޖެހުމަށް އެދިފައިވާކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ބަނދަރުގެ އެތެރެ ގަދަވާނެތީ އެކަމަކީ ކުރުން ރަނގަޅުކަމަކަށް ނުވާނެކަމަށް ވިދާޅުވެފައިވާނެކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ވިލިނގިލީ ބަނދަރުގެ މަސައްކަތަކީ އޮފިޑްގެ އެހީގައި ކުރައްވާ މަސައްކަތެވެ. މިމަސައްކަތަކީ 58 މިލއަން ރުފިޔާއަށް ޑިޒައިކުރުމާއި  ބަނަދަރު ހެދުމުގެ މަސައްކަތް ހިމެނޭ ގޮތަށް ޙަވާލުކޮށްފައިވާ މަސައްކަތެއްކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. މަސައްކަތް ރޭވިފައިވާ ގޮތުން އަންނަ ޑިސެމްބަރ ބަސްތެރޭގައި ކުންފުނިން ސައިޓަށްދާނެކަމަށް މިނިސްޓރ ވިދާޅުވިއެވެ. އެއްބަސް ވުމުގައިވާ ގޮތުން މަސައްކަތް ފަށާތާ 497 ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމަންޖެހޭނެކަމަށް ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.