މިސަރުކާރު އައިއިރު ފުލުހުންގެ ލީޑަރޝިޕް އޮތީ ރޫޅިފައި: ހޯމް މިނިސްޓަރ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިސަރުކާރު އައިއިރު ފުލުހުންގެ ލީޑަރޝިޕް އޮތީ ރޫޅިފައިކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެވެ.

ދިވެހިރާއްޖެ އަޑުން ރޭ ފޮނުވި "އަހާށޭ ބުނާން" ޕްރޮގަރާމްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވީ އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގެން ފުލުހުންގެ ލީޑަރޝިޕާ ނުވަތަ އިސް އޮފިސަރުންނާއެކު ބޭއްވި ދެވަނަ ބައްދަލުވުމުގައި އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ގަޔަށް އަތްލާ ހިސާބަށް ކަންތައްތައް ދިޔަކަމަށެވެ. އެމިންވަރަށް ލީޑަރޝިޕް ރޫޅިފައި އޮތީ ކުރީ ސަރުކާރުން ސިޔާސީ ބޭނުމަށް ފުލުހުންގެ ބޭނުން، ނަހަމަ ގޮތުގައި ހިފައި ފުލުހުން ލައްވައި ގޯސްތަކެއް ހަދައިފައި ވާތީކަމަށް ހޯމް މިނިސްޓަރ ތުހުމަތު ކުރެއްވިއެވެ.

"ދެވަނައަށް އަޅުގަނޑު އެންމެ އިސްބޭފުޅުންނާއެކު ބައްދަލުކުރި ދުވަހު. އެންމެ އިސްކޮށް ތިއްބެވި ބާރަ ފަނަރަވަރަކަށް ބޭފުޅުންގެ ބައްދަލުވުމުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކު ގަޔަށް އަތްލާ ހިސާބަށް އެކަން ހިނގާފައި އޮތީ. މާނައަކީ ކުރިން ކަންތައް ކުރެވިފައި އޮތްގޮތުން، ލީޑަރ ޝިޕް އެއްކޮށް ރޫޅި ބައިބައިވެ، ނަފްރަތު އުފެދި، ދެކޮޅުވެރިވެ، އެހިސާބަށް ކަންތައްތައް ގޮސްފައި އޮތީ. އެކަން އެހިސާބަށް ދާންޖެހުނީ، ކުރީގެ ސަރުކާރުގެ ތެރޭގައި ބައެއް ބޭފުޅުންލައްވާ، އެމުއައްސަސާގެ ތެރެއިން ކުރުވި ކަންތައްތަކެއްގެ، ނަތީޖާއެއްގެ ގޮތުން. އުފެދިފަހުރި ޚިލާފުތަކާއި ދެބަސްވުމުގެ ތެރެއިން ކަންތައްތައް ގޮސްފައިވާ ހިސާބު އެއީ." ހޯމް މިނިސްޓަރ ވިދާޅުވިއެވެ.  

ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް ހިނގައިގަތުމަށް ކުރެވުނު އެންމެ މުހިން ކަންތައްތަކަކީ ލީޑަރޝިޕްގެ ތެރެއަށް ގެނެވުނު އެއްބައިވަންތަކަމާއި އެކުވެރިކަމާއި އެއްބާރުލުންކަމަށް ހޯމް މިނިސްޓަރ ޢިމްރާން ފާހަގަ ކުރެއްވިއެވެ. އެ އެކުވެރިކަމާއި އެއްބައިވަންތަ ކަން ގެނެވިފައިވަނީ މިސަރުކާރުން މުއާމަލާތްކުރިގޮތުންނާއި އެބޭފުޅުންނާމެދު ކަންތައް ކުރި ގޮތުން ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނާ މެދުވެސް އެންމެ ހިތްހަމަނުޖެހޭ ބޭފުޅަކު ހުންނަވާފާނެކަމަށާއި ނަމަވެސް ކަންކަންކުރަނީ އިންސާފުވެރިކޮށްކަން އެކަމުގެ މަސްލަޙަތު ހިފަހަށްޓަން ޖެހޭ ގޮތަށްކަން އެފަދަ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެކަމަށް ވިދާޅުވިއެވެ. ފުލުހުންގެ މުއައްސަސާއިން މިނިވަންކަމާއެކު ކުރަންޖެހޭ ކަންމަށް އެއްވެސް ކަހަލަ ނުފޫޒެއް ބޭނުންނުކޮށް، ލީޑަރޝިޕް ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ސަރުކާރުން އެހީތެރިވެދެއްވަމުންދާކަމަށް ވެސް ހޯމް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ކިބައިން އެންމެ ބޮޑަށް ބޭނުންފުޅު ވަނީ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމްކަމަށެވެ. އެއީ ފުލުހުންނާ މުޚާތަބުކޮށް އެންމެ ގިނައިން ދައްކަވާ ވާހަކަފުޅުކަމަށް ވެސް ވިދާޅުވިއެވެ.

"ރައްޔިތުން އިޙްތިރާމެއް ނުކުރާނެ ޢިތުބާރެއް ނެތިއްޔާ. ރައްޔިތުންނަށް އިޙްސާސް ކުރެވެންޖެހޭ ރައްޔިތުނަށްޓަކައި އުފެދިފައިވާ މުއައްސަސާއެއްކަން. އެއީ ރައްޔިތުންގެ ޚާދިމުން ކަމަށާއި ރައްޔިތުންނަށް ޓަކައި އުފެދިފައިވާ މުއައްސަސާއެއްކަން،" މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.  

ފުލުހުންގެ މުއައްސަސާއާމެދު ރައްޔިތުންގެ ޢިތުބާރު ހޯއްދެވުމަށް ގިނަ މަސައްކަތްތައް ކުރެވިފައިވާކަން ވެސް ހޯމް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިހާރު އެމުއައްސަސާއަށް އައިސްފައިވާ ތަފާތު ބަލާމީހަކަށް ފެންނާނެކަމަށް ވެސް ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.