އަހަރަކު 250 ހާސް މުސްލިމު ފަތުރުވެރިން އިސްރާއީލަށް ގެންނަން ބޭނުން

މި މަހުގެ 19 ވަނަ ދުވަހު އިސްރާއީލުގެ މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި  މުސްލިމު ފަތުރުވެރިން އިސްރާއީލަށް ގެނައުމަށް ތައްލު އަބީބް (ޓެލްއަވީވް) އާއި (އަބޫދާބީ) އަބޫ ޡަބްއި ގުޅިގެން މަސައްކަތް ފެށުމަށް މިހާރު ވަނީ އެއްބަސްވެފައެވެ. އެމީހުން އިސްރާއީލަށް ގެންނާނީ އަލްމަސްޖިދުލް އަޤްޞާއަށް ޒިޔާރަތް ކުރުމުގެ ނަމުގައެވެ. އިނގިރޭސި ވިލާތުގެ ވެބް ސައިޓެއް ކަމުގައިވާ  'މިޑްލް އީސްޓް އައި' ބުނާގޮތުގައި މުސްލިމު ފަތުރުވެރީންނަށް އިމާރާތުގެ މަގުން އެ ޤައުމުގެ ބޯޓުފަހަރުގައްޔާއި އިސްރާއީލުގެ ބޯޓުފަހަރުގައި ޤުދްސަށް ޒިޔާރަތް ކުރެވިދާނެއެވެ.

ޤުދްސުގެ މޭޔަރުގެ ނައިބު ފުލޫރު ޙައްސާން ނާޙޫމު އިސްރާއީލުގެ ދުވަހު ނޫހެއްކަމުގައިވާ 'އިސްރާއީލު ހާޔޫމު' އަށް ދެއްވި ބަޔާނެއް ބުނާގޮތުގައި  ޤުދްސަށް މުސްލިމު ފަތުރުވެރީންގެ ލައްކައަކާއި 250 ހާހާ ދެމެދުގެ ޢަދަދަކަށް އަހަރަކު ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވެއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ދިޔަ ހަފުތާގައި އޭނާ އިމާރާތަށް ކުރެއްވި ދަތުރުފުޅުގައި މި ކަމާމެދު ބަޙުސް ކުރެވުނެވެ. އިމާރާތުން މި ކަމުގައި އެއްބާރުލުން ލިބޭނެއެވެ. "އަހުރެމެން މަސީޙީ ފަތުރުވެރިކަން ތަރައްޤީ ކުރިގޮތަށް އިސްލާމީ ދީނީ ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ވަރަށް އިސްކަންދޭނަން" ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާބެހޭގޮތުން އުރްދުނަށް އެއްވެސް މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. އުރްދުނާ އިސްރާއީލާ ދެމެދުގައި އެއްބަސްވެފައިވާ އެއްބަސްވުންތައް ބުނާގޮތުގައި ޤުދްސުގައި ހުރި އިސްލާމީ މުޤައްދަސް ތަންތަނާއި މަސީޙީ ދީނުގެ ދީނީ ތަންތަން ބަލަހައްޓާނީ އުރްދުނުންނެވެ. ޤުދްސުގެ އައުޤާފުތައް ހިންގާ ބަލަހައްޓާނީ ޢައްމާނުންނެވެ. އައުޤާފާއި މުޤައްދަސް ތަންތަނާ ބެހޭ އުރްދުންގެ ކުރީގެ ވަޒީރު ހާއިލް ދާވޫދު މިޑްލްއީސްޓް އައިއަށް ދެއްވި ބަޔާނެއް ބުނާގޮތުގައި މިކަމާ ބެހޭގޮތުން އުރްދުނާއެކު މަޝްވަރާކޮށްފައެއް ނުވެއެވެ. މިއީ ޢައްމާނަށް އެނގިގެން ކުރަމުންދާ ކަމެއް ނޫނެވެ.

ދާވޫދު ވިދާޅުވިއެވެ. "އުޞޫލެއްގެ ގޮތުން ބަލާއިރު މަސްޖިދުލް އަޤްޞާއަށް ޒިޔާރަތްކުރަން އެދޭ ކޮންމެ މުސްލިމަކަށް ޢައްމާނުން އެހީވާނެއެވެ. އިސްރާއީލާއެކު ފަރުމާކުރެވެމުންދާ މި ފަދަ އެއްވެސް ކަމަކުން އަލްމަސްޖިދުލް އަޤްޞާއަށް ނުވަތަ ފަލަސްޠީނުގެ ރައްޔިތޔުންނަށް އެއްވެސް ފައިދާއެއް ނުކުރާނެތެވެ."

ޒިޔާރަތްތައް ފެށުން

އަބޫ ޡަބްއި (އަބޫދާބީ) ގެ ވިޔަފާރި ވަފްދެއް އިސްރާއީލުގެ ޙިމާޔަތުގެ ދަށުގައި 15 އޮކްޓޯބަރުގައި އިރުމަތީ ޤުދްސަށް ޒިޔާރަތް ކުރިއެވެ. އެއަށްފަހު ދުބައިގެ ވަފްދެއް 18 އޮކްޓޯބަރުގައި އަލްމަސްޖިދުލް އަޤްޞާއަށް ޒިޔާރަތް ކުރިއެވެ. އިމާރާތުގެ މި ވަފްދުތައް ޤުދްސަށް ޒިޔާރަތްކޮށްފައި ވަނީ އައުޤާފާ ބެހޭ އިދާރާތަކުގެ ހުއްދަ ނުހޯދައެވެ. އަދި އެކަމާ ބެހޭގޮތުން ޢައްމާނަށް އެއްވެސް މަޢުލޫމާތެއް ދީފައެއް ނުވެއެވެ. މިއީ އިމާރާތާއި ބަޙްރައިނުން އިސްރާއީލާއެކު  15 ސެޕްޓެންބަރުގައި ގުޅުންތައް ނޯމަލް ކުރިފަހުން ޤުދްސަށް ޒިޔާރަތް ކުރި އިމާރާތުގެ އެންމެ ފުރަތަމަ ވަފްދެވެ.

ދާވޫދު ވިދާޅުވިއެވެ. "އިސްރާއީލާއެކު ވިލަރެސްކޮށްގެން އަލްމަސްޖިދުލް އަޤްޞާއަށް ޒިޔާރަތް ކުރުމަކީ އިސްރާއީލުން ޤުދްސް ހިފާފައި އޮތް އޮތުން ޤަބޫލު ކުރުމެވެ. މިއީ  ޤަބޫކުކުރެވޭނެ ކަމެއްނޫނެވެ."

ފަލަސްޠީނު ވެސް ދެކޮޅު

ޤުދްސުގައި ހުންނަ ފަތަޙު ޖަމާޢަތުގެ އޮފީހުން މި ކަން ކުށްވެރިކޮށް 18 އޮކްޓޯބަރުގައި ބަޔާނެއް ނެރުނެވެ. މި ބަޔާނުގައި އައިސްފައި ވެއެވެ. "ފަލަސްޠީނުގެ ޤާނޫނީ ސަރުކާރާއެކު ވިލަރެސްނުކޮށް  ޤުދްސަށް ކުރާ ކޮންމެ ޒިޔާރަތަކީ ޒިޔާރަތެއްނޫނެވެ. އެއީ އެހެން ބަޔެއްގެ ބިމަށް އަރައިގަތުމެވެ."

އިސްރާއީލާއެކެ އިމާރާތުންނާއި ބަޙްރައިނުން ގުޅުންތައް ނޯމަލް ކުރުމާ ވިދިގެން އަލްމަސްޖިދުލް އަޤްޞާ މުސްލިމުންގެ އަތުން ބީވެގެން ހިނގައިދާނެކަމުގެ ބިރުވަނީ އިތުރުވެފައެވެ. ޢުމަރު ބުނުލް ޚައްޠާބު ފަތަޙަ ކުރައްވާ ޞަލާޙުއްދީނުއް އައްޔޫބީ މިނިވަންކޮށްދެއްވި މުސްލިމުންގެ ތިންވަނަ ޙަރަންފުޅު 1967ގައި އިސްރާއިލުން ހިފިހިފުމަކީ އދ ޤަބޫލު ކުރާކަމެއް ނޫނެވެ. އދގެ ހުރިހާ ޤަރާރުތަކެއް ވެސް  ކަށަވަރުކޮށްދީފައިވާ ގޮތުގައި އެއީ ހިފާފައިވާ ބިމެކެވެ.

އިސްރާއީލުގެ ކަނާތުފިޔައިގެ ބައެއް ޒަޢީމުން މި ޙަރަމްފުޅު ތަޅައިލުމަށް ދަނީ ގޮވައިލަމުންނެވެ. އެއީ އަޤްޞާ ސަރަޙައްދުގައި ޔަހޫދީންގެ ތިންވަނަ ފައްޅިއެއް ބިނާކުރުމަށް ބޭނުންވާ ބިން ހޯދުމަށް ޓަކައެވެ. ޔަހޫދީންގެ ދޮގު ދަޢުވާތައް ބުނާގޮތުގައި އަލްމަސްޖިދުލް އަޤްޞާ ބިނާކޮށްފައި ވަނީ އެމީހުންގެ ދެ ފައްޅިއެއް ތަޅާލައިފައެވެ. ނަމަވެސް ތާރީޚީ ހޯދުންތައް ކަށަވަރުކޮށްދޭ ގޮތުގައި އަލްމަސްޖިދުލް އަޤްޞާ ހުރިތަނުގައި އެއްވެސް އެހެން ބިނާއެއް ކުރެވިފައެއް ނުވެއެވެ. ޔަހޫދީން އެ ޙަރަމްފުޅުގެ ވަށައިގެން ކޮނެގެން ވެސް އެ ފަދަ އާސާރި ތަނެއް ވަނީ ނުފެނިފައެވެ. މުސްލިމު ބައެއް ޢާލިމުން މަސްޖިދުލް އަޤްޞާއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށް ދަނީ ގޮވައިލައްވަމުންނެވެ. އެއީ މި ކަމުގެ ސަބަބުން އިސްރާއީލަށް ފައިދާ ކުރާނެތީއެވެ.

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.