ސިކުންގެ ބާނީގެ އުފަން ދުވަސް ފަހަގަކުރުން ޕާކިސްތާނަށް އައުމަށް އިންޑިޔާގެ ސިކުންނަށް ދައުވަތުދީފި

ޕާކިސްތާނުގައި ހުންނަ ގުރްދުވާރާ ޖަނަމަސްތާން

ސިކް ދީނުގެ ބާނީ ގުރޫ ނާނަކް ދޭވްގެ 551 ވަނަ އުފަން ދުވަސް ފާހަގަކުރުމުގެ އިހުތިފާލުތަކުގައި ބައިވެރިވުމަށް އިންޑިޔާގެ ސިކުން ޕާކިސްތާނަށް އައުމަށް ޕާކިސްތާނު ސަރުކާރުން ދައުވަތުދީފިއެވެ.

ސިކުން 'ގުރޫ ނާނަކް ގުރްޕުރާބް' ގެ ނަންދީފައިވާ މި އިހުތިފާލުތައް 27 ނޮވެންބަރުން ފެށިގެން 3 ދުވަހަށް ކުރިއަށް ދާނެއެވެ. ޕާކިސްތާނުގެ ނަންކާނާ ސާހިބުގައި ކުރިއަށްދާ މި އިހުތިފާލުތަކުގައި ބައިވެރިވާން ބޭނުން ސިކުން ކޮވިޑް-19 ގެ ޓެސްޓް ނެގެޓިވް ކަމުގެ ލިއުން ހުށަހެޅުމުން 5 ދުވަހުގެ ވިސާ ލިބޭނެއެވެ.

ޕާކިސްތާނުގެ ޕަންޖާބުގައި ގުރޫ ނާނަކް އުފަންވީ ތަނުގައި ހަދާފައި ހުންނަ ގުދްރުވާރާ ޖަނަމަސްތާނަށް އޭނާގެ އުފަންދުވަހާ ދިމާކޮށް ކޮންމެ އަހަރަކު އިންޑިޔާއިންނާއި ދުނިޔޭގެ ކަންކޮޅުތަކުން އެތައް ހާސް ސިކުން އެއްވެއެވެ.

ޕާކިސްތާނުގެ ވަޤްފު ޕްރޮޕަޓީ ބޯޑުންނާއި، ސިކުންގެ ފައްޅީގެ ކަންކަން ބަލަހައްޓާ ސިކް ގުރްދުވާރާ ޕާބަންދަކް ކޮމިޓީން ވަނީ ދުނިޔޭގެ ކަންކޮޅުތަކުގެ ސިކު ޖަމާއަތްތަކަށް ރަސްމީ ދައުވަތު ފޮނުވާފައެވެ. އޭގެ ތެރޭގައި އިންޑިޔާގެ ސިކުންގެ ޖަމާއަތް ޝިރޯމާނީ ކޮމިޓީ އޮފް އިންޑިޔާވެސް ހިމެނެއެވެ.

އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ސިކުންގެ އެންމެ މުޤައްދަސް ފައްޅި ކަމުގައި ބެލެވޭ ގުރްދުވާރާ ޖަނަމަސްތާނަށް ޒިޔާރަތްކުރުމަށް އެއްފަހަރާ ވިސާ ދޫކުރެވޭނީ އިންޑިޔާގެ ގިނަވެގެން 3000 ސިކުންނަށެވެ.

ޕާކިސްތާން ސިކް ގްރްދުވާރާ ޕްރަބަންދަކް ކޮމިޓީގެ ރައީސު ސަރްދާރް ސަތުވަންތު ސިންގް މައުލޫމާތުދެއްވި ގޮތުގައި އިންޑިޔާއިން އަންނަ ސިކުންނަށް މަރުހަބާ ކިޔާނީ ނޮވެންބަރު މަހުގެ 27 ވަނަ ދުވަހު ވަގާހް ބޯޑަރު ހުރަސްކުރާ ތަނުންނެވެ. އެތަނުން ޚާއްސަ ބަސްތަކުގައި އެމީހުން ގެންދާނީ ސީދާ ނަންކާނާ ސާހިބަށެވެ. އަދި އިހުތިފާލުތައް ނިމުމުން ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހު އެމީހުން އަނބުރާ ވަގާހް ބޯޑަރު ހުރަސްކުރާތަނަށް ގެންދާނެއެވެ.

އިންޑިޔާގެ ސިކު ޖަމާއަތްތަކުން ވަނީ މި އަހަރުގެ އިހުތިފާލުތަކާ ދިމާކޮށް އިންޑިޔާ ބޯޑަރު ހުރަސްކޮށް ސީދާ ނަންކާނާ ސާހިބަށް ދެވޭ ގޮތަށް ހަދާފައިވާ ކަރްތާރްޕޫރް ކޮރިޑޯ ހުޅުވައިލުމަށް ގޮވާލާފައެވެ. ޕާކިސްތާނު ސަރުކާރުން މިކަމަށް ތައްޔާރަށް އޮތް ނަމަވެސް އިންޑިޔާ ސަރުކާރުން އަދި މިކަމަށް އެއްބަސްވެފައި ވެއެވެ. ދެ ގައުމުގެ ދެމެދުގައި މަސްރަހު ހޫނުވުމުގެ ސަބަބުން އިންޑިޔާއިން ވަނީ އިންޑީޔާގޭ ޑޭރާ ބާބާ ނާނަކްއިން ފެށިގެން ޕާކިސްތާނުގައި ހުންނަ ގުރްދުވާރާ ޖަނަމިސްތާނަށް އޮންނަ 4 ކަލޯމީޓަރު މި ކޮރިޑޯ ބަންދުކޮށްފައެވެ.

ޕާކިސްތާނު އިންޑިޔާގެ ސިކުންނަށް ދައުވަތުދިނުން މިފަހަރު ޚާއްސަ ގޮތެއްގައި ޚަބަރުތަކުގައި ފާހަގަވެގެން ގޮސްފައި މިވަނީ ދެ ގައުމުގެ ސިޔާސީ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދުވަސްވަރެއްގައިވެސް ޕާކިސްތާނު ސަރުކާރުން ސިކުންނަށް މި ފުރުސުތު ހުޅުވާލާފައި ވާތީއެވެ.

އިންޑިޔާގައި ބައިމަދު ބައެއް ކަމުގައިވާ ސިކުންގެ އާބާދީއަކީ 28 މިލިއަނެވެ. މިއީ އެގައުމުގެ އާބާދީގެ އެންމެ %1.72 އެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.