ރަސޫލާއަށް ޒިޔާރަތްކުރާށާއި ރައުޟާގައި ނަމާދުކުރަން ހުޅުވާލައިފި

ރައުޟާ ހުޅުވައިލުމުގެ ކުރިން މަސްޖިދުއް ނަބަވީ ޑިސްއިންފެކްޓްކުރަނީ

ކޮވިޑް- 19 ގެ ސަބަބުން މަދީނާގެ މަސްޖިދުއް ނަބަވީގައި ހުންނަ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ގަބުރުފުޅަށް ޒިޔާރަތްކުރުމާއި، ރައުޟާގައި ނަމާދުކުރުން 7 މަސް ދުވަހަށް މަނާކޮށްފައި އޮތުމަށް ފަހު މިއަދު ފަތިސް ނަމާދުން ފެށިގެން ހުޅުވާލައިފިއެވެ.

މިގޮތަށް މިހުޅުވައިލީ ފިޔަވަހިތަކަކަށް ބަހާލައިގެން މައްކާގެ މަސްޖިލުލް ޙަރާމާއި މަދީނާގެ މަސްޖިދުއް ނަބަވީ ހުޅުވާލުމަށް ރާވާފައިވާ ޕްލޭންގެ ދެވަނަ ފިޔަވަހީގައެވެ. މި ފިޔަވަހީގެ ތެރެއިން މައްކާގެ މަސްޖިލުކް ޙަރާމަށް ނަމާދުކުރުމަށް ވަނުމުގެ ފުރުސަތުވެސް ވަނީ ހުޅުވައިލާފައެވެ. މި މަހުގެ ކުރީކޮޅު މައްކާގެ ޙަރަމްފުޅު ހުޅުވައިލީ އުމްރާގެ އަޅުކަން އަދާކުރާ މީހުންނަށް އެކަންޏެވެ.

މަސްޖިދުއް ނަބަވީގެ ބައެއް ކަމުގައިވާ  ރައުޟާއަކީ ކީރިތި ރަސޫލާގެ ގަނޑުވަރާއި (މިހާރު އެކަލޭގެފާނުގެ ޒިޔާރަތް) ފުޅާއި އެކަލޭގެފާނުގެ މިންބަރުކޮޅާއި ދެމެދު އޮންނަ ތަންކޮޅެވެ. ބުޚާރީއާއި މިސްލިމް ރިވާކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައި ވެއެވެ. "ތިމަންކަލޭގެފާނުގެ ގަނޑުވަރާ ތިމަންކަލޭގެފާނުގެ މިންބަރުކޮޅާ ދެމެދު އޮތް ތަނަކީ ސުވަރޭގެ ބަގީޗާ ތަކުގެ ތެރެއިން ބަގިޗާއެކެވެ." އަރަބި ބަހުގައި ރައުޟާއަކީ ބަގީޗާއެވެ.

ބިންމަތީގައި އޮތް ސުވަރުގޭގެ ތަންކޮޅެއްކަމަށް ގަބޫލުކުރެވޭ 72 ފޫޓު ދިގު 15 ފޫޓު ފުޅާ މި ތަންކޮޅުގައި ނަމާދުކޮށްލުމަކީ މަދީނާއަށް ޒިޔާރަތްކުރާ ކޮންމެ މީހަކުވެސް ބޭނުންވާ ކަމެކެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނު ދެ ޚަލީފާއިން ކަމުގައިވާ އަބޫބަކްރުގެފާނާއި ޢުމަރުގެފާނުގެ ގަބުރުފުޅަށް ޒިޔާރަތްކުރުމަށާއި، ރައުޟާގައި ނަމާދުކުރުމަށް ހުޅުވައިލަނީ ކޮވިޑް- 19 އަށް ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކުގައެވެ. އަދި މިކަން ބެލެހެއްޓުމަށް އެތަނުގައި ސައޫދީ ރެޑް ކްރެސެންޓުގެ 200 ދަރުމަވެރިން ހަރަކާތްތެރިވާނެ ކަމަށް ސައޫދީ ނިއުސް އެޖެންސީން ބުނެފައި ވެއެވެ.

މަސްޖިދުއް ނަބަވީ އެކުގައި ބަންދުކުރިތާ ދެ މަސް ފަހުން ނަމާދުކުރުމަށް މިސްކިތް ހުޅުވައިލިނަމަވެސް، ރައުޟާާގައި ނަމާދުކުރުމާއި، ރަސޫލާ އަށް ޒިޔާރަތްކުރުން އޮތީ މަނާކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.